ޢިކްރިމާ ރަޙިމަހުﷲގެ ކިބައިން ރިވާވެގެންވެއެވެ.
"ލުޤުމާނުގެފާނަކީ އެކަލޭގެފާނުގެ ސާހިބުމީހާގެ އަޅުންގެ ތެރެއިން އެންމެ މަޑުމައިތިރި އަދި އެންމެ އާދައިގެ ގޮތެއްގައި އުޅުއްވި އެއްބޭކަލެކެވެ. އެކަލޭގެފާނުގެ ޙިކުމަތްތެރިކަމުގެ ތެރެއިން އެންމެ ފުރަތަމަ ފެނިގެންދިޔަ ކަމަކީ، އެކަލޭގެފާނުގެ ސާހިބުމީހާ ފާޚާނާއަށް ވަދެ ވަރަށް ގިނައިރު އިށީނދެގެން އިނުމުން ހިނގައިދިޔަ ހާދިސާއެކެވެ. އެހިނދު ލުޤުމާނުގެފާނު ސާހިބުމީހާއަށް ގޮވާލައްވައި ވިދާޅުވިއެވެ.
"ހަމަކަށަވަރުން ޤަޟާ ޙާޖަތްކުރުމަށްޓަކައި ފާޚާނާގައި ގިނައިރު އިށީނދެގެން އިނުމަކީ ފުރަމޭގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އަދި އޭގެ ސަބަބުން ފުރަގަސްފަރާތު ބަލި (ބަވާސީރު) ޖެހުމާއި، ބޮލަށް ހޫނު އަރާގޮތްވެއެވެ. އެހެންކަމުން ޤަޟާ ޙާޖާތްކޮށް، ލަސްނުކޮށް، ލުއިކަމާއެކު އަވަހަށް ނިކުންނާށެވެ."
ދެން އެ ސާހިބުމީހާ އެކަލޭގެފާނުގެ މި ޙިކުމަތްތެރި ބަސްފުޅު ފާޚާނާގެ ދޮރުމަތީގައި ލިޔުނެވެ." الدر المنثور للسيوطي (ج٢ ص١٦١).
އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ފާޚާނާގައި ބޭނުމެއް ނެތި ގިނައިރު މަޑުނުކުރާށެވެ. އެހެނީ، އެއްވެސް ބޭނުމެއް ނެތި އެފަދަ ތަންތަނުގައި މަޑުކުރުމަކީ މަކްރޫހަ ކަމެކެވެ. ސަބަބަކީ އެއީ ޝައިޠާނުން ހާޒިރުވާ ތަނަކަށް ވުމާއި، އައުރަ ކަޝްފުކުރެވޭ ތަނަކަށް ވާތީއެވެ." شرح العمدة (١/٦٠).