Ad
ނައިބުރައީސް ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރުގެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރެއްވުން. ފޮޓޯ:ރައީސްއޮފީސް
ނައިބުރައީސް ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރުގެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރެއްވުން. ފޮޓޯ:ރައީސްއޮފީސް

ނައިބުރައީސް "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރުމަށް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ލ. ކަޅައިދޫގައި ސަރުކާރުން ބިނާކުރުމަށް ނިންމާފައިވާ "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު"ގެ މަޝްރޫޢާ ގުޅޭގޮތުން ކަމާގުޅޭ ވަޒީރުންނާއި، މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، ޒުވާނުންގެ ކަންކަން ހަރުދަނާކޮށް، ބާރުވެރިކުރުވައި، ހުރިހާ ޒުވާނުންނަކީ މަސައްކަތްތެރި، އަދި ޤައުމަށް ފާއިދާކުރަނިވި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކަޅައިދޫގައި ބިނާކުރާ މި މަރުކަޒުން ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި، އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ މީހުންނަކީ ފޯރުންތެރި ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުން އެއީ މިމަރުކަޒުގެ މުހިންމު އެއް އަމާޒުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާކުރައްވާފައިވަނީ، މި މަޝްރޫޢުގައި ބައިވެރިވާ ވުޒާރާތަކާއި މުވައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުންނެވެ. މިގޮތުން ބައްދަލުވުމުގެ ބައިވެރިންވަނީ، މިމަޝްރޫޢާ ގުޅޭގޮތުން އެބޭފުޅުންގެ ޚިޔާލާއި ވިސްނުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

ކަޅައިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މިމަރުކަޒަކީ ޒުވާނުންނަށް އަމާޒުކޮށް ތަޢުލީމާއި ހުނަރާއި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ބިނާކުރާ މަރުކަޒެކެވެ. އަދި މިމަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަޞީލަތްތައް އެރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ހުސްވި ހަފުތާ ބަންދުގައި ރައީސުލްޖުމްހުރިއްޔާގެ ނައިބުވަނީ، ލ.ކަޅައިދުއަށް ވަޑައިގެން، "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަޙައްދު ބައްލަވައިލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *