ރާއްޖެ އަބަދުވެސް އޮންނާނީ އެކުވެރިކަމާއެކު ސަޢޫދީ އަރަބިއްޔާގެ ސަރުކާރާއި، އެގައުމުގެ ރައްޔިތުންނާއި އެކުގައިކަމަށް ދިވެހިރާއްޖެއިން ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ޑްރޯނުން ހަމަލާދިނުމަށް ކޮށްފައިވާ މަސައްކަތާގުޅޭގޮތުން ރާއްޖެއިން ނެރެފައިވާ ބޔާނުގައިބުނެފައިވެނީ އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކާއި، އަޅާ ފިޔަވަޅުތަކަށް ރާއްޖޭން ފުރިހަމައަށް ތާއީދުކުރާކަމަށެވެ.
އަދި ސަޢޫދީ އަރަބިއްޔާގެ ރިޔާދާއި އިރުމަތީ ޕްރޮވިންސްގައިވާ ތެޔޮ އުފައްދާ ވަސީލަތްތަކަށް ޑްރޯން ބޭނުންކޮށްގެން އެގައުމަށް ދޭން އުޅުނު ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މި އަމަލަކީ ސަޢޫދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިޤްލާލަށް އަރައިގަތުމަށް ހިންގި ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ.
މީގެ އިތުރުން ސަޢޫދީ އަރަބިއްޔާއަށް ގެއްލުން ދިނުމަށް ރާވަމުން އަންނަ މިފަދަ ކަންކަމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތަކާއި ހިލާފުކަމެއް ކަމަށްވެސް ރާއްޖެއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.