Ad

މިއަދު މި ފެންނަނީ މުޅި އިޤްތިޞާދު ހީނަރުވެ، ގޮނޑު ހޮވައިގެން ކާތަން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ

މިއަދު މި ފެންނަނީ މުޅި އިޤްތިޞާދު ހީނަރުވެގެން ރައްޔިތުން ނިކަމެތިވެ، ގޮނޑު ހޮވައިގެން ކާތަން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށައެޅި ޤަރާރަށް މަޖިލީހުގައި ވާހަކަ ދައްކަމުންނެވެ. ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ އެއްލައްކަ މީހުންނަކީ މަސްވެރިކަމުން ލިބޭ އާމްދަނީން އުޅެމުންއަންނަ މީހުންކަމަށެވެ. ނަމަވެސް މިހާރު ލިބޭ އާމްދަނީން ދެކޮޅު ނުޖެހި އާއިލާތައް ނިކަމެތިވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސަރުކާރަށް 2 އަހަރު ވެގެންދިޔައިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކިހާވަރަކަށްތޯ ހައްލުކުރެވުނީ. އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މި ދައްކަނީ 18 ހާހަށްވުރެ ގިނަ ދިވެހި ރައްޔިތުން ސީދާ ގޮތެއްގައި އެ ސިނާއަތެއްގައި ހަރަކާތްތެރިވާ ސިނާއަތެއްގެ ވާހަކަ. 1 ލައްކަ ދިވެހި ރައްޔިތުން ޚިއްޞާވާ ޞިނާޢަތެއްގެ ވާހަކަ މި ދައްކަނީ. އިއްޒަތްތެރި ރައީސް. މިއަދު މި 1 ލައްކަ ރައްޔިތުން މިތިބީ މި ސިނާއަތުން ލިބޭ އެއްޗަކުން ނުފުދިފަ. މީގެކުރިން ކަންނެލީގެ އަގުހުރި ގޮތާ މިއަދު އަގު ހުރިގޮތާ އުޑާ ބިމާހާ ތަފާތު. މަހުގެ އަގު ދޫކޮށްލުމުން އަގުވެއްޓިގެން ދިޔައީ. އޭގެފަހުން މަސްވެރިންނާ ދިމާލަށް ބަލާލުމެއް ސަރުކާރުން ނޯވޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ގޭދޮށު މަސްފެކްޓްރީތައް ހަދާވާހަކަ ދެއްކިޔަސް އިހުލާސްތެރި ހިތަކައިގެން މަސައްކަތް ނުކުރާނަމަ އެއްވެސް ކަމެއް ކުރިއަށް ނުދާނެކަމަށެވެ.

"އައިސްއެޅޭނެ ގޮތެއްނެތި މިގޮތަށް 6 ދުވަސް 7 ދުވަހު އޮންނަންވީމަ ހުރިހާ ކަންނެއްޔެއް ވަނީ ރިޖެކްޓް އިއްޒަތްތެރި ރައީސް. ރިޖެކްޓް ކަންނެލި މި ކިރާލަނީ 10 ރުފިޔާއަށް 12 ރުފިޔާއަށް ކިލޯއެއް. އިތުރު ޗޮއިސްއެއް ނޯވޭ މަސްވެރިންނަކަށް. 3 ހަފްތާވަންދެން ކަނޑުމަތީގައި އުޅެފައައިސް މިލިބެނީ 1500 ރުފިޔާ. ނޫނީ 2000 ރުފިޔާ. ކިހިނެއްތޯ އާއިލާތައް ބަލަހައްޓަނީ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެންނަށް މި ފެންނަނީ މުޅި އިޤްތިޞާދު ހީނަރުވެގެން ރައްޔިތުން ނިކަމެތި ވެގެންދާތަން. މިއަދު ގޮނޑުން ހޮވައިގެން ކާތަން އެބަފެނޭ އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *