Ad
ނައިބުރައީސް ފައިސަލް ނަސީމް. ފޮޓޯ:ރައީސްއޮފީސް
ނައިބުރައީސް ފައިސަލް ނަސީމް. ފޮޓޯ:ރައީސްއޮފީސް

އަނިޔާއިން އަންހެނުން ރައްކާތެރިކުރުމަކީ، މިސަރުކާރުން އެންމެ އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް – ނައިބުރައީސް

އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ، މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިމިވަނީ، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޚިޠާބުގައި އެމަނިކުފާނުވަނީ، ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަން ހިތާމައާއެކު ފާހަގަކުރައްވާފައެވެ. އަދި ގިނަ ފަހަރަށް، ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެމީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި، އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށްވެސް އެކި ހުރަސްތަކާ ކުރިމަތިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ އަނިޔާތަކާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، ކޯވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ، އެހާލަތުގައިވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ޚާއްޞަ އިސްކަމެއްދީފައިވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވި ހާލަތުންނާއި، ޤައުމަށް ކުރިމަތިވެފައިވާ އިޤްތީޞާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައެވެ. މިގޮތުން އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި، އެ މީހުންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމާއި، އަންހެނުންގެ ހައްޤުތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ޝަރުޢީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، މިފަދަ މައްސަލަތަކަކީ ވަކި ޤައުމަކަށް ޚާއްޞަ މައްސަލަތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިފަދަ މައްސަލަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ، ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ، އެ މީހުންނަކީ އިޙުތިރާމް ލިބިގެންވާ، ޤަދަރުވެރި ބަޔެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނުގެ ޚިޠާބުގައި ގޮވައިލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *