ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2007) އަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ، މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި އިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެ ވީޒާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ، މީޓިންގ ވީޒާއާއި ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވީޒާތައް ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނެވެ.
މީޓިންގ ވީޒާއަކީ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ޤަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއް، ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެނޫންވެސް ފަރާތަކުން އިންތިޒާމްކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ.
ކޯޕަރޭޓް ރެސިޑެންޓް ވީޒާއަކީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ ޢާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ. އަދި ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު 5 (ފަހެއް) އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ. ހަމައެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީވެސް ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ.