ދުނިޔޭގެ ތާރީޚުދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ މަރުވެއްޖެއެވެ.
މަރަޑޯނާ މަރުވެއްޖެކަން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ.
މަރަޑޯނާ މަރުވިކަން އިއުލާނުކުރަމުން އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ މަރަޑޯނާ މަރުވި ޚަބަރު ލިބުނީ ފުން ހިތާމައާއެކު ކަމަށާއި މިއީ މުޅި އާޖެންޓީނާގެ ފުޓުބޯޅައަށްވެސް ލިބުނު ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.
އާޖެންޓީނާގެ މީޑިއާތަކުން ބުނާ ގޮތުގައި މަރަޑޯނާ މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. މަރުވިއިރު މަރަޑޯނާގެ އުމުރަކީ 60 އަހަރެވެ.
1986 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި މޮޅު ކުޅުމެއް ދެއްކި މަރަޑޯނާ އަކީ އޭނާގެ ޖީލުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.
މަރަޑޯނާ މަރުވުމުގެ ކުރިން މިިމަހުގެ ކުރީކޮޅު ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުން ބޮޑު އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އޭނާ މަރުވީ މި އޮޕަރޭޝަން ކުރިތާ ދެ ހަފުތާ ފަހުންނެވެ.
މަރަޑޯނާގެ ކެރިއަރަށް ހުރަސްއެޅުނީ ޑްރަގްގެ ވަބާގައި ޖެހިގެންނެވެ. އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާއި ގަތަރުގެ ޓީމުތަކާއި އާޖެންޓީނާގެ ޓީމުތަކަށްވެސް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ. މިގޮތުން 2010 ވަނަ އަހަރު ފީފާ ވޯލްޑްކަޕްގައި އާޖެންޓީނާއަށް ކޯޗްކަން ކޮށްދިނެވެ.
މަރަޑޯނާ ވަނީ ކުލަބް ލެވެލްގައި 589 މެޗް ކުޅެ 307 ގޯލް ޖަހާފައެވެ. އަދި އާޖެންޓީނާގެ ޤައުމީޓީމަށް 91 މެޗް ކުޅެ 34 ގޯލް ޖަހާފައިވެއެވެ. މީގެތެރެއިން އެންމެ ފާހަގަކޮއްލެވޭ ގޯލްއަކީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އޭނާ އަތުން ކާމިޔާބުކުރި ގޯލެވެ.
މަރަޑޯނާ މަރުވުމާއި ގުޅިގެން މުޅި ފުޓްބޯޅަ އާއިލާ އަންނަނީ އެކަމާ ހިތާމަކޮށް ޝުޢޫރު ފާޅުކުރަމުންނެވެ.