Ad
ރައީސް ފެލިވަރަށް ވަޑައިގަތުން. ފޮޓޯ: ރައީސްއޮފީސް
ރައީސް ފެލިވަރަށް ވަޑައިގަތުން. ފޮޓޯ: ރައީސްއޮފީސް

ރައީސުލްޖުމްހޫރިއްޔާ ފެލިވަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު މެންދުރުފަހު ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކި ސަރަޙައްދުތައް ބައްލަވާލައްވައިފިއެވެ.

އެމަނިފާނު ފެލިވަރަށް ވަޑައިގެންނެވީ، ފާދިއްޕޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާވަނީ، މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލައްވާފައިވެއެވެ. އެއަށްފަހު އެމަނިކުފާނުވަނީ، ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ތަންވެސް ބައްލަވާލައްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ، ފެލިވަރުގައި މިހާރު މަސްގަނެ، ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު ބައްލަވާލައްވައި، މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މިހާރު ބޭނުންކުރާ ކޯލްޑް ސްޓޯރޭޖް ހުރި ޢިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. އަދި މި ސްޓޯރޭޖްގެ އައިސް އުފައްދާ މިންވަރަކީ، މިހާރަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫންކަމުން އިތުރަށް އައިސް އުފެއްދުމަށް ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ބޭނުންވެފައެވެ.

ފެލިވަރަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުވަނީ، އެ ވަގުތު ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން، ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި، މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުން ފިލުއްވާފައެވެ. މިގޮތުން މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަން ހާމަކުރައްވައި، އެ މައްސަލަތައް ހައްލުކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނު ފެލިވަރަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ޅ. މާފިލާފުށްޓަށް ޒިޔާރަތްކުރައްވާ، ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ، މާފިލާފުށީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *