9 އަހަރުގެ ކުޑަކުއްޖާ ނިޔާވި އެކްސިޓެންޓުގެ ތެހުގީގަށް ލިބިފައިވާ މައުލޫމާތު ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ތަހުގީގުގައި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، އެ ކާރަށް އަރަން އުޅުމުގެ ތެރޭގައި ފަހަތުން އައި އެކްސިޑެންޓްވި ސައިކަލު އެމީހާ އާއި ކާރު އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކާރަށް އަރަން އުޅުނު މީހާގެ ގައިގައި ޖެހިގެން ކަމަށެވެ.
އަދި އެމީހާގައި ޖެހިފައި ސައިކަލް ވެއްޓެނީ މަގުގެ ކަނާތްފަރާތު ލޭނަށްކަމަށާއި، އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ނަމަވެސް އެކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ތަހުގީގުގެ ތެރެއިން މިހާރު ކުރިއަށްދާ ކަމށްވެސް ފުލުހުން ބުނެއެވެ.




