"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ތަމްރީން ދިނުމަށް ހިންގާ މި ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރަމުންދާ "ޓްރާންސްފޯމް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމު ހިންގަނީ ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި އެވެ. އަންނަ މަހުގެ 10 އިން 21 ގެ ނިޔަލަށް ހިންގާ މި ތަމްރީން ޕްރޮގްރާމުގައި ޖުމްލަ 15 ބައިވެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓރީން ބުނެއެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ، އެކްއަކަލްޗަރގެ ނިޒާމުތައް ދެނެގަތުމާއި، ދިރޭ ކަނާ އާލާކުރުމާއި، ފާނަ ވިއްސައި، ކުދިފާނަ ބޮޑުކުރުމާއި، ހުއިފިލަނޑާ ވިއްސައި، ކުދި ހުއިފިލަނޑާ ބޮޑުކުރުމާއި، ދިވެހި މާގަނޑުމަސް (ކްލައުން ފިޝް) ވިއްސައި، ކުދިމަސް ބޮޑުކުރުމާއި، އިތާމުތް އާލާކުރުމާއި،
މޫދުވިނަ ހައްދައި އާލާކުރުމުގެ ތިއަރީ ބައިތަކާއި، އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުމައި، ދިރުންތައް އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ކިޔަވައިދީ ދަސްކޮށްދޭނެ ކަމަސްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސްންގަޑިއަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ އެވެ.
ފޯމު ހުށަހެޅި ތަރުތީބުން ބައިވެރިން ހޮވުމަށް ކަނޑައެޅިފައިވާ މި ތަމްރީން ޕޮރުގުރާމުގައި ބައިވެރިވާ އެދޭ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ނުވަތަ އެ އިންސްޓިޓިއުޓްގެ އީމެއިލް (info@mmri.gov.mv) މެދުވެރިކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައިއެވެ
މި ޕްރޮގްރާމުގެ މިއަހަރުގެ ދެވަނަ ބުރުގެ ތަމްރީނުތައް މިދިޔަ މަހު ފަށާފައިވާއިރު، މިއީ ރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް ކުރިއަރުވައި، ޒުވާނުންނާއި އާންމު ފަރާތްތަކަށް މި ދާއިރާއިން އާމްދަނީ ހޯދުމުގެ މަގުފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ގަބޫލުކުރެއެވެ.




