ދަރަނބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެކުންފުންޏާ ހަވާލުކުރުމަށް އިންފްރާސްޓްކަޗްރ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ދަރަނބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ ފ. ދަރަނބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ، 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
އަދި މި މަޝްރޫޢުގެ ދަށުން ގްރޮއިން ޖެހުމާއި، ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކް ވޯޓަރ ޖެހުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




