ރަންނަމާރީގެ ވާހަކައަކީ ދިވެހި ތާރީޚީ ވާހަކަތަކުގެ ތެރެއިން އަބަދުވެސް މީހުންގެ ޝައުގުވެރިކަން ހޯދާފައިވާ ވާހަކައެކެވެ. ކަމުގެ ހަގީގަތާމެދު މާބޮޑު ވިސްނުމެއް ނުގެންގުޅުނު ކަމުގައިވިއަސް، ރަންނަމާރީގެ ވާހަކައަކީ ހަގީގީ ޚާދިސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއްކަމަށް ފޮތްތަކުން އެނގެން އެބަހުއްޓެވެ.
އެއީ ގަދަފަދަ އަލިކަމަކާއެކު ކަނޑުން އަރައިގެން އަންނަ "ބިރުވެރި އެއްޗެއް"ގެ ގޮތުގައި ތާރީޚީ ފޮތްތަކުގައި ލިޔެ ބަޔާންކޮށްފައިވާއިރު، އެއީ ވަރަށް ވިސްނުންތޫނު އަދި އޭގެ ޒާތުގައި ޒުވާން އަންހެންކުދިންނަށް ފިސާރިވަރު ހުންނަ އެއްޗެކެވެ. އެސޮރު ހަމައެކަނި މައިތިރިވާ ގޮތަކީ ޒުވާން އަންހެން ކުއްޖަކު ޒިޔާރަތް މައިދާނަށް ނުވަތަ ހުދުފޮތިން ނިވާކޮށްފައިވާ ފާލަންކޮޅަށް ނެރެ، ހަދިޔާކުރުމުންނެވެ.
އެސޮރު އެކިފަހަރު ދިމާކުރަނީ އެކި ރަށްރަށަށެވެ. ބުރަސޫރަ ރީތިކުދިން ތިބޭ ރަށްރަށަށް ގިނަގިނައިން އެސޮރު އަރާ ރައްޔިތުންނަށް "ދުއްތުރާ"ކުރެއެވެ. ބިރުދައްކައިގެން ބިރުވެރި އަންހެންކުދިން ހޯދައެވެ. ކޮންފަދަ އަޖައިބެއް ހެއްޔެވެ؟
މިއީ ވަރަށް ދިގު ވާހަކައެކެވެ. އެކަމަކު މުޅި ވާހަކަވެސް ބިނާވެފައިއޮތީ މިދެންނެވި ރަންނަމާރީގެ ޢަމަލުތަކުގެ މައްޗަށެވެ. އަދި އެސޮރުގެ ކިބައިން ސަލާމަތްވާން މެދުވެރިވާ ސަބަބަށެވެ.
މިވާހަކަ ތަފާތު ގޮތަކަށް ތަރުޖަމާކޮށްލަމާ ހެއްޔެވެ؟ މިނިކާ ބިރުވެރި އެއްޗެއްގެ ގޮތުގައި ލިއުންތަކުގައި ސިފަކޮށްފައިވާ ރަންނަމާރިއަށް ފިރިހެނުން ކަމުނުދަނީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ޅަފުރާގެ އަންހެންކުދިން ނޫނީ "މަރާލަން"ވެސް ކަމުނުދަނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް ބަލާއިރު، ކަނޑުން އަރައިގެން އައި ކަމަށް ބުނެ ސިފަކޮށްފައިވާ އެއްޗަކީ އިންސާނެއް ކަމަށް ބެލެވެއެވެ. އެކަން ބުނެދެނީ އެސޮރުގެ ޢަމަލުތަކެވެ.
ތަފާތު ނަޒަރަކުން މިކަން ދިރާސާކޮށްލާއިރު، ރަންނަމާރިއެއްގެ ގޮތުގައި ރަށަށް އަރައިގެން އައިސް، ޒުވާންފުރާގެ ބިކުރުވެރި އަންހެންކުދިންނާ ޖިންސީ ގުޅުން ހިންގުމަށްފަހު އެކަން ފަޅާއަރާފާނެތީ އެކުއްޖާ މަރާލާފައި އަވަހަށް ގެއްލެނީއެވެ. މިކަން ހިނގަނީ އަންހެންކުއްޖާގެ ރުހުމެއް، މައިންބަފައިންގެ ރުހުމެއް ނެތިކަންވެސް ލިއުންތަކުން އެނގެއެވެ. މިޒަމާނަށް އެޚާދިސާ ތިލަކޮށްލާއިރު، އެއީ ރޭޕުކުރުން ނޫން ގޮތަކަށް ނުބެލެވެއެވެ. އެހެންކަމުން ދިވެހި ތާރީޚުގެ އެންމެ ކުރީ ސަފުހާތަކުން ރޭޕުކުރުމުގެ ޢަމަލު ވަނީ ޖާގަ ހޯދާފައެވެ.
ދެން އޮތީ އެސޮރު މިޢަމަލު ހުއްޓާލިކަމަށް ބުނާ ޚާދިސާއެވެ. އެއްރޭ އެސޮރު އަރައިގެން އައިއިރު ފާލަންކޮޅުގައި ޤުރުއާން ކިޔަވަން އިންނެވި ބޭފުޅެއްގެ އަޑު އިވިފައި ބިރުން ފިލާ ރައްކާވި ގޮތަށް ރަންނަމާރީގެ ހަބަރެއް ނުވެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ތަންދޮރު އޮޅުންފިލާފައިވާ މީހަކު ރަށަށް އަރައިފިކަން އެސޮރުރަށް ކަށަވަރު ކުރެވުނީއެވެ. އަދި އެސޮރުގެ ޢަމަލުތައް ތަކުރާރުކޮށްފިނަމަ ސިއްރު ފަޅާއަރާ ބޮޑު ފަޟީލަހެތެއް ވެދާނެތީ އަވަހަށް އަމާންދިނީއެވެ.
މުޅި ވާހަކައިން ފެންނަ އަނދިރި މަންޒަރަކީ މިއީއެވެ. މި ހަޤީޤަތް ވަނީ ރަންނަމާރިއާއެކު ކަނޑުވެފައެވެ. ގެއްލިފައެވެ. ދެވަނަ ވިސްނުމަކަށް ޖާގަވެސް ނުލިބޭ ގޮތަށް ތާރީޚު އޮތީ ލިޔެ ނިންމާފައެވެ. ރީތިކޮށެވެ. އަބުރުވެރިކޮށެވެ.