ހއ. ދިއްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުން ދިޔަ ވޮލީ ކޯޓު ޕިޗުގެ އަމަލީ އެންމެހައި މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ ދިއްދޫގެ ޒުވާނުންނާއި ވޮލީ ކުޅުންތެރިންނަށް ފެންވަރު ރަނގަޅު، ޒަމާނީ އައުޓްޑޯ ވޮލީ ކޯޓެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ. ރަށުގައި މިފަދަ ވަސީލަތެއް ގާއިމުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ވޮލީ ކޯޓުގެ ސަބްބޭސް ތައްޔާރުކުރުމާއި، ފެންވަރު ރަނގަޅު ޕިޗު އެޅުމުގެ އިތުރުން ވަށައިގެން ރައްކާތެރިކަމުގެ ފެންސް ޖެހުން ހިމެނެއެވެ. އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، ކޯޓުގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތަކާއި، ފެންސް ވެލްޑިންގ އަދި ޕިޗް އެޅުމުގެ ހުރިހާ މަރުހަލާއެއް މިހާރު ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ރަށު ފެންވަރުގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ފުޅާކޮށް، ދުޅަހެޔޮ އަދި ހަރަކާތްތެރި މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އިތުރުން، ދިއްދޫގެ ކުޅިވަރު އުމްރާނީ ތަރައްގީގެ ދަށުން އެ ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީން މިހާރު އަންނަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.




