ހައުސިންގ މިނިސްޓްރީ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް އުޒުރުވެރިވެ ވަޑައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ 3 މިނިސްޓްރީއެއްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ މަޢުލޫމާތު އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ، ތަހުގީގަށް ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގި ޗިޓާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.
އެގޮތުން މިމަހުގެ 7 ވަނަ ދުވަހުގެ 18:40 ހާއިރު ފުލުހުން ރައީސް ޔާމީން ދިރިއުޅުއްވާ ހެންވޭރު ދޫވެއްސަށް ގޮސް އެ މަނިކުފާނާއި ބައްދަލުކޮށް، ފުލުހަށް ހާޒިރުކުރުމަށް ފޮނުވި ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެ މަނިކުފާނު ވަނީ ޗިޓާއި ހަވާލުވެވަޑައިގަތުމަށް އިންކާރު ކުރައްވާފައިކަމަށާއި، އަދި އެ މައްސަލާގައި އެމަނިކުފާނު ވަނީ އެމަނިކުފަނަށް 3 މިނިސްޓްރީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށާއި އެހެންކަމުން އެމަނިކުފާނު ފުލުހަށް ހާޒިރުވުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވިދާޅުވެ ލިޔުމުން ފުލުހުންނަށް އަންގާފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ރައީސް ޔާމީން އެ މައްސަލާގައި ފުލުހަށް ހާޒިރުކުރަން މަސައްކަތްކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއްގައި، ސަރުކާރުގެ 3 ވުޒާރާ ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި، އެކަމާއި ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުންނާނެ ކަމަށް ވިދާޅުވުމުންނެވެ.




