ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަޅުއްވައިދެއްވައިފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރ 23248 ގައި އިމާރާތްކުރާ ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އަދި އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒުގެ ބިންގާއަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު އާއި، އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި، ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އަލްރާޖިޙީ އާއި ،ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެޔަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަހްޠާނީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޢަލީ ޒުހައިރު އެވެ.
ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެބޮޑު މިސްކިތާ، އިސްލާމީ ޙަޟާރަތުގެ މި މަޝްރޫޢަކީ ސަޢޫދީ ޢަރަބިއްޔާގެ އައްރާޖިޙީ ކުންފުނީގެ ޚަރަދުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މި މަރުކަޒުގައި ހިމެނޭ މިސްކިތުގައި ދިހަހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ. މީގެއިތުރުން، އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކާ، ތަޢުލީމީ، ސަގާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއްވެސް ހިމެނެއެވެ.
ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މަޢުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް މި މަރުކަޒުގައި ހިމެނިފައިވެއެވެ.
މި މަރުކަޒުގައި އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލަކާއި، މިސްކިތަށް ޒިޔާރަތްކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާ، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް ހިމެނެއެވެ.
މި މަރުކަޒަކީ، މުސްތަޤުބަލުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއަކަށްވެގެންދާނެއެވެ.




