ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ސަޢުދި ޢަރަބިއްޔާގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަޙްމަދު ޢާޤިލް އަލް ޚަޠީބާ ބައްދަލުކުރަށްވައިފިއެވެ.
"ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް" ގެ ޗެއަރމަންކަންވެސް ކުރަށްވާ އަޙްމަދު އަލް ޢާޤިލް އަލް ޚަޠީބާއި މިނިސްޓަރު ޝާހިދުގެ މި ބައްދަލުވުން އޮތީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ސަޢުދި ޢަރަބިއްޔާގެ ވެރިރަށް ރިޔާޒުގައެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޙާލަތާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދުރު އަދި ކައިރި މުސްތަޤްބަލުގައި ކުރާނެ ނޭދެވޭ އަސަރުތަކާބެހޭގޮތުން މިނިސްޓަރު ޝާހިދު ސަޢުދީގެ ފަތުރުވެރިކަމާބެހޭ ވަޒީރާ މައުލޫމާތު ހިއްސާކުރަށްވައި މަޝްވަރާކުރަށްވާފައި ވެއެވެ. އަދި، ކޮވިޑް-19 އަށްފަހުގައި އެކަމުން އަރައިގަތުމަށް ރާއްޖެއިން އެކުލަވާލާފައިވާ 2020-2022 ޤައުމީ ރިކަވަރީ ޕްލޭނަށް އަލިއަޅުއްވާލައްވައި، އެކަމުގައި ސަޢުދި ޢަރަބިއްޔާގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ވެއެވެ.
ދެ ޤައުމުގެ މި ދެވަޒީރުންގެ ބައްދަލުވުމުގައި، ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީއާއެކު ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާގުޅޭ އެންމެފަހުގެ މައުލޫމާތުތައް ބަދަލުކުރަށްވާފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް މި ފަންޑުގެ އެހީއާއެކު ރާއްޖޭގައި އިތުރު މަޝްރޫޢުތައް ހިންގުމާގުޅޭގޮތުން މަޝްވަރާކުރަށްވާފައި ވެއެވެ.
ސަޢުދީ ސަރުކާރުން ރާއްޖެއަށް ދެމެހެއްޓެނިވި ގޮތެއްގައިމެ ވެދެއްވާ އެހީތެރިކަމަށްްޓަކައި މިނިސްޓަރު ޝާހިދުގެ ޝުކުރު އެޤައުމުގެ ސަރުކާރަށް އަދާކުރަށްވާފައިވާއިރު، ދެ ޤައުމުގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް ބަދަހިކޮށް ކުރިއަށް އޮތްތަނުގައި އެގުޅުން އިތުރުުވެގެންދާނެ ގޮތްތަކަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެ ޤައުމުގެ ވަޒީރުންވެސްވެސް ދެއްވާފައިވާކަންވެސް މިނިސްޓްރީން ހާމަކޮށްފައި ވާކަން ފާހަގަކޮށްލެވޭމެއެވެ.