ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރެއްވުމަށްޓަކައި، ކަނޑައަޅުއްވާފައިވާ ލޯގޯއާއި ޝިޢާރު، ސަރުކާރުގެ ރަސްމީ ސިޓީތަކާއި، ނޯޓުތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
މިކަން އިޢުލާން ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 30 ވަނަ ދެންނެވުމުންނެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހިންގަވާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ގެވެށި އަނިޔާ ހުއްޓުވާނަން" މިއެވެ.
އިނގިރޭސި ބަހުން މި ޝިޢާރު ބޭނުންކުރައްވާނީ، "Prevent domestic violence" މިގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވިދާޅުވެފައިވެއެވެ.
މި ޝިޢާރު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ، 1 ޑިސެންބަރު 2020 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.