Ad
މަޖިލީހުގެ ރައީސް ބޭއްވެވި އާސްކަ ސްޕީކަރ ޕްރޮގްރްމާގެ ތެރެއިން. ފޮޓޯ: މަޖިލިސް އިދާރާ
މަޖިލީހުގެ ރައީސް ބޭއްވެވި އާސްކަ ސްޕީކަރ ޕްރޮގްރްމާގެ ތެރެއިން. ފޮޓޯ: މަޖިލިސް އިދާރާ

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް ނަޝީދު ބާއްވަވާ ޕްރޮގްރާމް އަންނަ މަހުގެ 7 ގައި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ އާސްކް ސްޕީކަރ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ އާސްކް ސްޕީކަރގެ ދެވަނަ ޕްރޮގްރާމް ބާއްްވާނީ އަންނަ މަހުގެ 7 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ކަމަށެވެ.

ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެންނާނެއެވެ. އަދި  މި ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު  ދެއްވާނެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސުވާލުކުރަން ބޭނުންވާނަމަ، ސުވާލު ފޮނުވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފޯނުން ވީޑިއޯ މެދުވެރިކޮށް ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމްގައި ލައިވްކޮށް ސުވާލުކުރަން ބޭނުންވާނަމަ ނަން ނޯޓުކުރެއްވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ލައިވްކޮށް ސުވާލުކުރާ ފަރާތުގެ ނަމާއި، ކުރަން ބޭނުންވާ ސުވާލު އަންނަ މަހުގެ 7 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ޕޯސްޓު ކުރާއިރު AskSpeaker# ބޭނުންކުރުމަށްވެސް އެއިދާރާއިންވަނީ އެދިފައެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ. މިއީ، މިގޮތަށް ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ ދެވަނަ ޕްރޮގްރާމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *