Ad

ވާހަކަ: ހަޤީޤީ ޙާދިޘާ! ސާފު ތެދުވެރި ލޯބި!

އެހެން ދުވަސްތަކެކޭ އެއްގޮތަށް، އާދައިގެ މަތިން ހޮޓަލުގެ މޭޒެއްގެ ކައިރީގައި ކުރިމަތީ ކޮފީ ތައްޓެއް ބަހައްޓައިގެން އަތުގައި އޮތް ސްމާޓް ފޯނުގެ ތެރެއަށް ގެއްލިފައި އަޔާޒް އިނެވެ. ދުވަހުގެ މަސައްކަތްތައް ފެށުމުގެ ކުރިން ސިކުނިޑިއަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިއްބައިދޭކަމަށް ޤަބޫލެކުރެވޭތީއާއި، ކުރިއަށް ހުރި މަސައްކަތްތައްވެސް ސިކުނޑީގައި ރާވާލައި ތައްޔާރުވުމުގެ ބޭނުމުގައެވެ.

އިޖްތިމާއީ މަންސަތަކުން ފަހަރަކު މަންސައެއް އަޔާޒް ހުޅުވަމުން ދިޔައެވެ. ދުވަހަކީ އަޔާޒް ދުނިޔެމައްޗަށްލީ ފުރަތަމަ ނޭވާއަށް އަހަރުތަކެއް ފުރޭ ދުވަސްކަމުން، އެކަން ދެނަހުރި ފަރާތްތަކުގެ ހެޔޮއެދުމާއި ތަހުނިޔާގެ މެސެޖުތަކުން އެނާގެ ފޯނު ފުރެމުންދިޔައެވެ. ގާތް ރަޙްމަތްތެރިންނާއި، އެކުގައި މަސައްކަތްކުރާ މީހުންނާއި އަދި ސިޔާސީ ބޮޑުންގެވެސް މެސެޖުތަކެވެ. އުފަންދުވަސް ފާހަގަކޮށް އުޅުމީ ކުޑައިރުއްސުރެ ކުރެވިފައި ނެތްކަމެއް ކަމުން، އެފަދަ މެސެޖުތަކަށް މާބޮޑު ސަމާލުކަމެއް ދިނުމަކާ ނުލައި، މަސައްކަތާއިގެން އަޔާޒް ކުރިއަށް ދިޔައެވެ. ޓްވިޓާ އަތްގަނޑުން ޤައުމުގެ ބޮޑުންގެ މުހިންމު ޓްވީޓެއް ފެނޭތޯއާއި، މުހިންމު ވައިބަރ ގްރޫޕްތަކުގައި ދެކެވެނީ ކޮންވާހަކަތަކެއް ތޯ ބަލާލުމަށް ފީނަންފެށިއެވެ.

"އަޔާޒް!……" ދަންނަ އަޑަކުން ގޮވާލިހެން ހީވިއެވެ. އެހެންނަމަވެސް، އަތުގައި އޮތް ފޯނުގެ ތެރެއަށް ގެއްލިފައި އިނދެވުނުވަރުން ގޮވާލެވުނީ އޭނާއަށް ކަމަށް ޔަޤީން ނުވުމާއިވެސް އެކު މާބޮޑު ފަރުވާލެއް ނުބަހައްޓައި މަންސަތަކުގެ ތެރެއަށް ފީނުން ކުރިއަށް ގެންދިޔައެވެ. އަނެއްކާވެސް އެމީހަކު ގޮވާލިއެވެ. "ތިތާނގައި އަޔާޒް އެބައިންތަ؟" ދެވަނަ ފަހަރަށް، އެއަޑު އިވުމުން އަތުގައި އޮތް ފޯނުގެ ތެރެއިން އިސާހިތަކަށް ނުކުމެލައި، ގޮވާލި ދިމާލަށް އިސްއުފުލައި އަޔާޒް ބަލާލިއެވެ.

އަޔާޒަށް ގޮވާލި މީހާ އައިސް ހޯޓަލުގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމަށްފަހު އަތުގައި އޮތް ކޮތަޅެއް ދިއްކޮށްލިއެވެ. "ކުއްޖަކު ފޮނިވި އެއްޗެއް." ހަމައެކަނި މިހެން ބުނެލުމާއެކު އިތުރުއެހެން އެއްވެސް އެއްޗެއް ބުނުމަކާއި ނުލައި، އަހާނެ ވަގުތެއްވެސް ނުދީ، ކޮތަޅު ހަވާލުކުރުމަށްފަހު އޭނާ ގޮސް އޮބާލައިފިއެވެ. ހައިރާންވެފައި ހުރެ އަޔާޒް އައިސް މޭޒުކައިރީގައި އިށީނދެ ކުރިމަތީގައި ކޮތަޅު ބޭންދިއެވެ. ހިތާއިހިތާ ސުވާލުކުރަމުން ކޮތަޅުގެ އެތެރެ ބަލާލިއެވެ. ކުޑަ ޕާރސަލެކެވެ. ޕާރސަލް ބޭރުގައި ލިޔެފައި އޮންނާނެ އެއްޗެއް ފެނުމުން ފޮނުވި ފަރާތް އެނގިދާނެކަމުގެ އުންމީދުގައި ޕާރސަލް އަތަށް ނަގައި ބަލާލިއެވެ. އެފުއް މިފުށަށް ޖެހިހިނދުވެސް އެއްވެސް އެއްޗެއް ބޭރުގައި ލިޔެފައި ނެތެވެ.

ޖެހިލުންވުމުގެ އިހުސާސެއް ހިތައް ވެރިވިއެވެ. ދަންތުރައެއްގެ ކަންވާރެއްބާއޭ ހިތަށްއަރައި ފްރޭމެއްގެ އިހުސާސް އަޔާޒްގެ ހިތަށް ވެރިވިއެވެ. ހަޔާތުގެ މާޒީގައި ކަންތައް ވެގެންގޮސްފައި ހުރިގޮތުންނާއި އަދުގެ ޙާލަތުގެ ޙައްސާސުކަމާ ހުރެއެވެ.  އެހެންނަމަވެސް، އެ ޕާރސަލް އަޔާޒާ ހަވާލުކުރީ އަމިއްލަ ނަފްސެކޭ އެއްފަދައިން އަޔާޒް އިތުބާރުކުރާ ފަރާތެއްކަމުން، ވަސްވާސްތައް އެކަހެރިކޮށްލުމަށްފަހުގައި އަޔާޒް ޕާރސަލް ކަނޑަން ފެށިއެވެ.

ވަށައިގެން އޮތް ޕާރސަލް ކަރުދާސްތައް ނައްޓާލުމާއެކު ރަތްކުލައިގެ ކަރުދާސް ބޮކްސްއެކެވެ. ބޮކްސް އެއްފުށުން އަނެއްފުށަށް އަނބުރާލިއެވެ. ޕާރސަލްގެ ސިއްރަކީ ކޮބާތޯ އެނގެން ބޭނުންވެ ހިތް އަވަސްވެފައި ހުރިވަރުން، ބޮކްސްގެ ބޭރުގައި އެއްޗެއް ލިޔެފައި އޮތްތޯ ބެލުމަށެވެ. ކުދި ހިތްތަކަކުން ދެފުށް ޖަރީކުރެވިފައިވުން ފިޔަވާ އެހެންއެއްވެސް ނިޝާނެއް ބޮކްސްގެ ބޭރުގައިވެސް ފެންނާން ނެތެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *