Ad

އީރާނުގެ ރިހޭފައި މައްޗަށް ފޮއި!

އަޝްކަރީ ކޮމާންޑަރަށް ފަހު، ނިއުކުލި ސައިންޓިސްޓު އަވަހާރަކޮށްލުމުގެ ނުތަނަވަސްކަން ވަރަށް ބޮޑު

އީރާނުގެ އެންމެ ހުށިޔާރު އެއް މިލިޓަރީ ކޮމާންޑަރު އަވަހާރަކޮށްލުމުގެ އުދާސްތަކާއި މާޔޫސްކަމުގެ އަސަރު ފިލާނުދަނީސް، އީރާނަށް އަނެއްކާވެސް އިތުރު ހިތާމަޔާއި މާޔޫސްކަމާއި ނުތަނަވަސްކަން އިންތިހާއަށް ކުރިމަތިވީއެވެ. މިފަހަރުވެސް ހަމަ މަރަކުންނެވެ. ގައުމުގެ ފަޚުރެއްގެ ގޮތުގައި ބަލަމުން އަންނަ އެންމެ ސީނިއާ ނިއުކްލިއާ ސައެންޓިސްޓް މުހްސިން ފަޚްރިޒާދާ އަވަހާރަކޮށްލުމުގެ ޚާދިސާއެވެ.

އީރާނުގެ ރޫހާނީ ލީޑަރު ވިދާޅުވީ، އީރާނު ބަލިކަށިކޮށްލުމަށް ދުޝްމަނުން ހިންގަމުން އަންނަ ފިނޑި އަދި ޓެރަރިޒަމުގެ ހައްދުފަހައަޅާފައިވާ އަމަލުތަކުން އީރާނުގެ ހިތްވަރާއި ކެރުމާއި ކުޅަދާނަކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އީރާނުން އަބަދު މަޑުން އޮންނާނެ ކަމަށް ދުޝްމަނުން ޤަބޫލުކުރާނަމަ އެއީ މޮޔަކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައިންޓިސްޓް އަވަހާރަކޮށްލާފައިވަނީ ދަތުރުކުރެއްވި ކާރަށް ދިން ހަމަލާއެއްގައެވެ. ހަމަލާދިން މީހުން ކަށަވަރު ނުވި ނަމަވެސް، އީރާނުގެ އޮފިޝަލުންގެ ތުހުމަތުގެ އިނގިލި ދިއްކުރެއްވީ އިޒްރޭލަށެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންތިހާބުން ބަލިވުމުގެ މާޔޫސްކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިޒްރޭލާ ގުޅިގެން ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައިވެސް އީރާން ސަރުކާރުގެ ބައެއް އޮފިޝަލުން ސިފަކޮށްފައިވެއެވެ؛ "މިއީ ކުލީ ސިފައިން ފޮނުވައިގެން ދިން ފިނޑި އަމަލެއް!"

މި ހާދިސާއަށް ފަހު އީރާނުގެ ހަރުކަށި ބަސްތައް ހުރީ މިފަދައިންނެވެ؛ "އީރާނުން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ރައްދު ދޭނަން. އީރާން މާހިތްވަރު ގަދަވާނެ. މާހިކުމަތްތެރިވާނެ."

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވި ގޮތުގައި އިޒްރޭލުން އެންމެ ޖެހިލުންވާ އެއްބޭފުޅަކީ ފަޚްރިޒާދާ ކަމަށާއި އެކަން އިޒްރޭލުގެ އިސްވެރިންގެ ސިއްރު ބައްދަލުވުންތަކުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ.

އީރާނުން އެމީހުންގެ ރައްދު ހަމަލާ ވަރުގަދަވެފައި އަވަސްވާނެކަން ސިފަކޮށްފައިވަނީ މިހެންނެވެ؛ "އަހަރެމެންގެ ރައްދު ގުގުރިއެއްހާ އަވަސްވާނެ."

ފަޚްރިޒާދާ އަވަހާރަވީ އޭނާގެ ދަތުރު ކުރެއްވި ކާރަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި ފަޚްރިޒާދާ ވަރަށް ބޮޑަށް ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހަމަލާ ދުނިޔޭގެ ގައުމުތަކުން ގެންދަނީ ކުށްވެރިކުރަމުންނެވެ. ޚާއްސަކޮށް ތުރުކީއާއި ޤަތަރުގެ ނުރުހުގެ މެސެޖު ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *