Ad
ޔޫއޭއީގެ މަރުކަޒީ ބޭންކް -: ފޮޓޯ: ޚަލީޖް ޓައިމްސް
ޔޫއޭއީގެ މަރުކަޒީ ބޭންކް -: ފޮޓޯ: ޚަލީޖް ޓައިމްސް

ޔޫއޭއީގައި މަނީލޯންޑަރިންގެ މައްސަލަތައް ބެލުމަށް ޚާއްސަ ކޯޓުތަކެއް ޤާއިމުކުރަނީ!

ޢަރަބި މުއްސަނދި ދައުލަތެއްކަމުގައިވާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް ޚާއްޞަ ކޯޓުތަކެއް ޤާއިމުކުރުމަށް އެ ޤައުމުން ނިންމައިފިއެވެވެ.

މެެދުއިރުމަތީގައިވެސް މަޤްބޫލު ނޫހެއްކަމަށްވާ ޑުބާއީގެ ޚަލީޖް ޓައިމްސް އިން ހޯމަދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝާރްޖާއާއި ޢަޖްމާންއާއި އުއްމުލް ޤުވައިންގެ އިތުރުން ފުޖައިރާ  ސްޓޭޓްގެ ކޯޓުތަކުގައިވެސް މަނީލޯންޑަރިންގެ މައްސަލަތައް ބެލުމަށް ޚާއްޞަ ޔުނިޓުތަކެއް އެކުލަވާލުމާބެހޭ ޤަރާރުތަކެއް އެޤައުމުގެ ޖަސްޓިސް މިނިސްޓަރު ސުލްޠާން ބިން ސަޢީދު މިވަނީ ނެރުއްވާފައެވެ. މަނީލޯންޑަރިންގެ އާދައިގެ މައްސަލަތަކާއި އެންމެ ބޮޑެތި މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކާ ގުޅިގެން ދަށު މަރްޙަލާއިން ނިންމާ ނިންމުންތައް އިސްތިޢުނާފުކުރެވޭނެ ނިޒާމެއްވެސް އެ ކޯޓުތަކުގައި ޤާއިމުކުރެވިގެން ދާނެކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.

ޔޫއޭއީގެ ޖަސްޓިސް މިނިސްޓްރީގެ މި ނިންމުމަކީ، ކޯޓުތަކަށް ހުށައެޅޭ ތަފާތު މައްސަލަތައް ބެލުމަށް ޚާއްޞަކުރެވިފައިވާ ޝަރުޢީ ނިޒާމެއް ޤާއިމުކޮށްގެން އެދާއިރާގެ ފެންވަރުމަތިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޢަދުލުއިންސާފު ޤާއިމުކުރުމަށް މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމުނު ނިންމުމެކެވެ.

ޔޫއޭއީ މެދުވެރިކޮށް ހިންގޭ މަނީލޯންޑަރިންގެ މުޢާމަލާތްތަކާމެދު، އެފަދަ ކުށްތައް ހުއްޓުވުމަށް ބައިނަލް އަޤްވާމީ ފެންވަރުގައި ފާރަވެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ. މަނީލޯންޑަރިން ހުއްޓުވުމަށް މަސައްކަތް ކުރާ މަޝްހޫރު ޖަމާޢަތެއްކަމަށްވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފް.އޭ.ޓީ.އެފް) އިންވެސް، މަނީލޯންޑަރިންގެ ޢަމަލުތައް ހުއްޓުވުމަށް ޔޫއޭއީ އިން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް އަންގާފައިވެއެވެ.

ޔޫއޭއީ މެދުވެރިކޮށް ހިންގޭކަމަށް އިދާރާތަކުން ޚާއްޞަކޮށް ފާހަގަކުރާ މަނީލޯންޑަރިންގެ މައްސަލަތަކަކީ ރަނާއި އަގޮބޮޑެތި ޖަވާހިރުގެ އިތުރުން އަގުހުރި މަޢުދަނުގެ މުޢާމަލާތްތަކެވެ. ބައިނަލް އަޤްވާމީ ޤާނޫނުތަކާވެސް ޚިލާފަށް ހިންގޭ މަނީލޯންޑަރިންގެ މިފަދަ މުޢާމަލާތްތަކުގެ ސަބަބުން، މަސްތުވާތަކެތީގެ ވިޔަފާރިއަށާއި ޓެރަރިޒަމަށް ފައިނޭސްސް ލިބުމަށް މަގުފަހިވެގެންދާ ކަމަށްވެސް  ބައިނަލް އަޤްވާމީ ކަމާގުޅުންހުރި އިދާރާތަކުން އިންޒާރުކުރަމުންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *