ރައްޔިތުންގެ މަޖްލީހުުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ނަންއިއްވައި ތަޅުމުން ނެރުނީ، ޤާނޫނުގެ ޒަރީއާއިން ކޮމިޝަންޑް އޮފިސަރުން ވަކިކުރެވޭގޮތަށް ފުލުހުންގެ ބިލަށް ހުށައަޅާ އިސްލާހަށް ތާއީދުނުކުރަށްވާނެކަމަށް ބުނުމުން، ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް) ޒުވާބުކުރަށްވަން ފެއްޓެވުމުންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހާމަކުރަށްވައިވެއެވެ.
މިއަދުގެ ޖަލްސާ ހަމަފެށުމާއެކު ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މެންބަރު ޝަރީފްގެ ނަން ތަކުރާރުކޮށް އިއްވައި މަޖްލިސް ދޫކޮށް ވަޑައިގެންނެވުމަށް އަންގަވާފައެވެ. އަދި އެއަށްފަހު ޝަރީފް ތަޅުމުން ނެރުމަށް މަޖްލީހުގެ ސާރޖެންޓް އެޓް އާރމްސް އަށް ރައީސް ނަޝީދު އެންގެވުމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި ޝަރީފް ވަނީ ޖަލްސާދޫކުރަށްވައި ތަޅުމުން އަމިއްލައަށް ނުކުމެވަޑައިގެންފައެވެ.
"އަޅުގަނޑުގެ ނަންއިއްވާ މަޖްލިސްއިން ބޭރުކުރިކަމަށް ވިޔަސް ބަދަލުހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިސްކޮށް ކޮމިޝަންޑް އޮފިސާރސް ޤާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް ބޭނުންވާ ބަޔަކު އަލުން ވަޒީފާދިނުމަށް ގެންނަން ހުށައަޅާ އިސްލާހަށް އަޅުގަނޑު ތާއީދު ނުކުރާނަން"
ނަންއިއްވައި ތަޅުމުން ނެރެވުމުން މެންބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި، ކަންހިނގައިދިޔަ ގޮތް ހާމަކުރަށްވައި ނުރުހުން ފާޅުކުރަށްވާ މޭރުމަކުން އިތުރަށް ވިދާޅުވެފައިވެއެވެ.
Alhugandu ge nan ivvaa Majlis in beyru kuri kamah viyas badhalu hifumuge gothun fuluhunge musssassaa politicise koh commissioned officers qanoon genna badhalakun vaki koh beynun vaa bayaku alun vazeefaa dhinumah gennan husha alhaa islaahah alhugandu thaaidhu nukuraanan
— Ibrahim Shareef (@AdduShareef) December 2, 2020
ޤާނޫނަށް ގެންނަ އިސްލާހަކުން ފުލުހުންގެ އިސް އޮފިސަރުން މަޤާމުން ވަކިކުރެވޭ ގޮތަށް ފުލުހުންގެ އައު ބިލަށް އިސްލާހު ހުށައެޅިފައިވާއިރު، ދާދިފަހުން ފާސްކުރެވުނު އިންތިޤާލީ ޢަދާލަތުގެ ޤާނޫނުގެ ދަށުން، 1950 ގެ އަހަރުތަކުން ފެށިގެން ވެރިކަމުގެ ފަރާތުން ހިންގާފައިވާ ކަންކަން ބަލައި ފިޔަވަޅުއެޅުމާބެހޭ ޚާއްޞަ ޤާނޫނެއް ވުޖޫދުކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.