މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ މިއޮޕަރޭޝަންތަކުގެ ތެރެއިން އދ. މާމިގިލީގައި ހިންގި އެއް އޮޕަރޭޝަނަކީ އެ އަތޮޅު ރިސޯޓަކުން މާމިގިއްޔަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި ރޭ ދަންވަރު ހިންގި މިއޮޕަރޭޝަންގެ ތެރެއިން މާމިގިލި ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު، ހަތަރު ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސާއި މާމިގިލި ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މީގެއިތުރުން މާލެއިން މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލާތަކާ ގުޅިގެން އިއްޔެ މާމިގިލީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްވަނީ ހިންގާފައެވެ. ފުލުހުން ބުނީ، މާމިގިލި ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، މާލެއިން މާމިގިއްޔަށް ދަތުރުކުރި ފެރީއަކުން 27 އަހަރުގެ ބަނގުލަދޭސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ތ. ތިމަރަފުށި ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނަކީ ކިނބިދޫ ނެރު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ ހިންގި މި އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން 28 އަހަރުގެ ދެ މީހުންނާއި، 34 އަހަރުގެ މީހަކުވަނީ ހައްޔަރުކޮށްފައެވެ. މި ތިން މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ، ރ. މަޑުއްވަރި ފަޅުގައި އޮތް ދޯންޏެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިއްޔެ ހިންގި މިއޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑުއްވަރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަަމަށްވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން ލ. މާވަށުގައިވެސްވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައެވެ. މިއޮޕަރޭޝަނަކީ، އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަނުގައި، 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 12 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަތައް ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.