Ad
ރައީސް ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ:ރައީސްއޮފީސް
ރައީސް ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ:ރައީސްއޮފީސް

ވެރިންނަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިނުކުރަން ރައީސް އިލްތިމާސްކުރައްވައިފި

ދަޢުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް، ސްކޫލްތަކުގެ ދަރިވަރުން ނެރެ، ހަރަކާތްތައް ނުހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވެރިންނަށް މަރުހަބާ ދެންނެވުމުގެ ޙަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާ ކަމަށެވެ.

އަދި އިސްވެރިންނަށް މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބު ދޭ ކަމެއް ނޫންކަމަށްވެސް މިޓްވީޓުގައި ވިދާޅުވެފައިވެއެވެ.

" އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުންވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގާފައި ނުވާނެ." ހޫދު ވިދާޅުވިއެވެ.

ހޫދު މިގޮތަށް ޓްވީޓު ކުރައްވާފައިމިވަނީ، މާދަމާ ރައީސް ލ.ގަމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގަމުގެ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ހަރަކާތްތަކެއް ހިންގުމަށް ކައުންސިލުން ސްކޫލްތަކަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަޢުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ތިބުމާއި، އަވީގައި ބޭތިއްބުމަކީ އެމިނިސްޓްރީންވެސް ތަރުޙީބު ދޭ ކަމެއްނޫން ކަމަށެވެ. އަދި އެ މަގަށް ކަންނުކުރުމަށް މީގެ 2 އަހަރު ކުރިން ސްކޫލްތަކަށް އަންގާފައިވާ ކަމަށާއި، މިހާރު އަމަލުކުރަމުންދަނީ އެއްގޮތަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ވެރިންނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކުގައި ސްކޫލް ދަރިވަރުން ބައިވެރި ނުކުރުމަށް އަންގާ، އެޑިއުކޭޝަން މިނިސްޓްރީން 2018 ވަނަ އަހަހަރުވަނީ ސްކޫލްތަކަށް ސާރކިއުލަރއެއް ފޮނުވާފައެވެ.

މި ސާރކިއުލަރގައިވަނީ، ސަރުކާރުގެ ވެރިންނަށް މަރުޙަބާ ދެންނެވުމަށް، ދަރިވަރުން ގިނަވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުކޮށް، ތަފާތު އުނދަގޫތައް ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އެސާރކިޔުލާރގައި އަންގާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *