Ad

ޗެމްޕިއަންސް ލީގުގެ ފުރަތަމަ އަންހެން ރެފްރީ!

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެ މުބާރާތުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީއަށް ފްރާންސްގެ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓް ވެއްޖެއެވެ.

ފްރަޕާޓަ ވަނީ ރޭ ޗެމްޕިއަންސް ލީގުގައި އިޓަލީގެ ޓިއުރިންގައި ޔުވެންޓަސް އިން ޔޫކްރޭނުގެ ޑިނަމޯ ކިއޭވްއާ ބައްދަލުކުރާ މެޗު އިންސާފުކޮއްފައެވެ. ފްރަޕާޓް ވަނީ މިދިޔަ ސީޒަނުގައި ޔުއެފާ ސުޕަ ކަޕްގައި ލިވަޕޫލުން ޗެލްސީ ބަލިކުރި މެޗުގައި ރެފްރީކަން ކޮށްފައެވެ. މިއީ ޔުއެފާގެ ފިރިހެނުންގެ ފުޓްބޯޅައިގެ ވަރުގަދަ މެޗެއްގައި އަންހެން ރެފްރީއެއް އިންސާފުކުރި ފުރަތަމަ މެޗެވެ.

ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގައި ފަހަކަށް އައިސް އެންމެ ފުރަތަމަ އަންހެން ރެފްރީންނަށް ފުރުސަތު ދިނީ ޖަރުމަނުގައެވެ. އެއީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަރުމަނުގެ ފުރަތަމަ ޑިވިޝަނު މެޗެއްގައިއެވެ.

މީގެ ކުރިން ޔުއެފާ އިން އެންމެ ފުރަތަމަ ފިރިހެން މެޗަކަށް އަންހެން ރެފްރީ އަކު ހަމަޖެއްސީ 2004 ވަނަ އަހަރުއެވެ. އެ ގޮތުން ސްވިޒަލެންޑުގެ އަންހެން ރެފްރީ ނިކޯލް ޕެޓީނިޔާޓް ވަނީ 2004 އިން 2009 އަށް ޔުއެފާ ކަޕް (ޔޫރޮޕާ ލީގު)ގެ ތިން ކޮލިފައިން މެޗެއްގައި އިންސާފުކޮށްފައެވެ.

ފްރަޕާޓް ވަނީ މިދިޔަ އަހަރު ޖުލައިގައި ކުޅުނު ފީފާ އަންހެން ވޯލްޑް ކަޕް ފައިނަލު މެޗުގައި ވެސް ރެފްރީކަން ކޮށްފައެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފްރަޕާޓް ވަނީ ފްރާންސް ފުރަތަމަ ޑިވިޝަނުގައި އެމިއެންސް އާއި ސްޓްރޯސްބާގް ކުޅުނު މެޗުގައި ރެފްރީކަން ކޮށްފައެވެ. އެ މެޗާ އެކު އޭނާ ވަނީ މި ފަހަރުގެ ފްރާންސްގެ ފުޓްބޯޅަ ސީޒަނުގެ ވަރުގަދަ މެޗުތަކުގައި އިންސާފުކުރާ ރެފްރީންގެ އިސް ޕޫލަށް ޕްރޮމޯޓްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *