މާދަމާ މުޅި ރާއްޖޭގައި ކިޔުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށް ކަނޑައަޅާފައިވާ ހުކުރު ޚުޠުބާގެ މައުޟޫޢަކަށް "ރުޤްޔާކުރުމުގެ ޝަރުޢީ ހަމަތައް" ކަނޑައަޅައިފިއެވެ.
އިސްލާމީ މުޖުތަމަޢުތަކުގައި ހިނގާ ނޭދެވޭކަންކަމަށް ޝަރުޢީ ނަޒަރަކުން އަލިއަޅުވާލެވި ވަޢުޡާއި އިރުޝާދުދެވޭ މުހިންމު ވަޞީލަތެއްކަމުގައިވާ ހުކުރު ޚުޠުބާގެ މާދަމާގެ މައުޞޫޢުއަކަށް "ރުޤްޔާ" ކަނޑައަޅާފައިވާއިރު، ރާއްޖޭގެ މުޖުމަތަޢުގައި ރުޤްޔާކުރުމުގެ ނަމުގައި ހިންގޭ ނޭދެވޭ ކަންކަން މިވަނީ، އިސްލާމް ދީނުގައި ކުޑަވެސް ނަޞީބެއް ލިބިގެންނުވާ ބޮޑެތި ޖަރީމާތަކަކަށް ބަދަލުވާން ފަށައިފައެވެ.
މާދަމާ މުޅި ރާއްޖޭގައި ކިޔުމަށް ހަމަޖެހިފައިވާ ޚުޠުބާގައި ބުނެފައި ވަނީ، ސިހުރު ހާހޫރަ އާއި ޙަސަދަ އާއި އެސްފީނާ ގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް ޝަރުޢީ ރުޤްޔާ އަކީ އެންމެ އެކަށީގެންވާ ފަރުވާކަމާ މެދަކު ޝައްކެއް ނެތްކަމަށެވެ. އަދި، ރުޙާނީ ގޮތުން ކުރިމަތިވާ އެ ފަދަ ބަލިތަކަށް ރުޤްޔާ އިން ފަރުވާ ހޯދިދާނެކަމަށާއި، ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކާއި ޝަރުޠުތަކާއެކު، ރުޤްޔާ ކުރުމަކީ ހުއްދަކަމެއް ކަމުގައިވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
އެކަމުގެ ޢިލްމު ލިބިގެން ހުރި އަމާނާތްތެރި މީހަކު އިންސާނިއްޔަތަށް ޓަކައި ޝަރުޢީ ހަމަތަކުގެ މަތިން، ހުއްދަ ނޫން އެއްވެސް ކަމެއް ނުހިމެނޭ ގޮތަށް އެކަން ކުރުމަކީ، ޝަރުޢީ ރުޤްޔާގެ ޝަރުތައްކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ކަމުގެ ޞައްޙަ މަޢުލޫމާތާއި ޝަރުޢީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ޙާޞިލުކުރަން ބޭނުންކުރާ ވަސީލަތަކަށް ރުޤްޔާ ހަދައި، ރުޤްޔާ ގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރުވެރި ކެހިވެރި ރޭވުންތަކެއްގެ ތެރެއިން ތިމާމެންގެ ހަވާނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުޤްޔާ ހަދާފައި ވާކަމަށާއި، އެފަދަ ޙީލަތްތެރި ޢަމަލުތަކަކީ ޝަރުޢީ ރުޤްޔާއެއް ނޫންކަމާއި އަދި އިސްލާމްދީން ހުއްދަކުރާކަންކަމެއްވެސް ނޫންކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
އަދިހަމަ، ޝަރްޢީ ރުޤްޔާކުރުމުގެ ނަމުގައި ޖިންނީންނާއި، ވަލީވެރިންގެ ކިބައިން ކަންކަން ހިންގަވައިދެއްވާތޯ ދެންނެވުމާއި، ފާލުބެލުމާއި، އިރުވަރު ބެލުމާއި، އަކަ ކުރެހުމާއި، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނުބައިކޮށް ލިޔުމާއި، ބަލިމީހާގެ ހަށިގަނޑު ތެރެއަށް ޖިންނި ޝައިޠާނުން ވައްދައި އެ ޝައިޠާނުންގެ ކިބައިން ކަންކަން އޮޅުން ފިލުވުމާއި، ﷲ ގެ އިސްމުފުޅު ނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ، ރުޤްޔާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫންކަމާއި، އެގޮތަށް އެކަންކުރުމަކީ ޙަރާމް ކަމެއްކަމުގައިވެސް ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.
ރުޤްޔާކުރުމުގެ ނަމުގައި، ބަލިމީހާ އާއި ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތަށްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ޝަރްޢީ ރުޤްޔާއާ އެއްވެސް ގުޅުމެއްހުރި ކަންކަމަށްނުވާއިރު، އެފަދަ ކަންކަމީ ސިހުރު ހާހޫރަހަދާ މީހުން ކުރާ ކަންތައްކަމަށްވެސް ޚުޠުބާގައި ބުނެދީފައި ވެއެވެ.
ފަސާދަ ޢާއްމުވެ، މުޖުތަމަޢު މިހާރު މިއޮތް ޙާލަތަށްވުރެ ނުބައި ޙާލަތަކަށް ވެއްޓުމުގެ ކުރިން، ޒިންމާދާރު ވެރިންނާއި، ޢިލްމުވެރިންނާއި، މުރައްބީންނާއި، މައިންބަފައިން، ރުޤްޔާގެ ނަމުގައި މުޖުތަމަޢުގައި ހިންގޭ ކަންކަމާމެދު ވިސްނައި ފިޔަވަޅުތަކެއް އަޅަންވެއްޖެކަމަށްބުނެ، މާތްވެގެންވާ އިސްލާމް ދީނުގެ ނަން ކިލަނބުވާގޮތަށް އިސްލާމްދީނަށް ނިޞްބަތްކޮށް ހިންގާ އެފަދަ ޖަރީމާތައް ހުއްޓުވުމަށް ޚުޠުބާގައި ޒިންމާދާރުވެރިންނަށް، އިލްތިމާސް ކުރުމާއެކު. އެފަދަ ނުބައި ޢަމަލުތަކަށް އަރައިގަންނަ މީހުން ﷲގެ މަގަށް ރުޖޫއަވެ ތައުބާވުމަށްވެސް ޚުޠުބާ ނިންމާލުމުގައި ނަޞޭޙަތްތެރިވެފައިވެއެވެ.
ރުޤްޔާކުރުމުގެ ނަމުގައި އިޖްތިމާޢީ މަންސަތަކުގައި ތަފާތު ޕޭޖުތައް ހަދައިގެންނާއި އެހެނިހެން ގޮތްގޮތުންވެސް ވިޔަފާރީގެ އުސޫލުން އިޝްތިހާރުކޮށްގެން، ބާޠިލުމަގުން ފައިސާހޯދާ ވަޞީލަތެއްގެ ގޮތުގައި ބައެއްފަރާތްތަކުން ރުޤްޔާ ހަދަމުން ގެންދާއިރު، ފިރިމީހާގެ ފަރާތުން އަނބިމީހާއާއި ދެ ދަރިންނަށް ރުޤްޔާކުރުމުގެ ނަމުގައި ތަފާތު ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއްވެސް ދާދިފަހުން ފެންމަތިވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.