Ad
781 މިލއަން ރުފިޔާގެ ޚިޔާނާތް ހިމެނޭ 32 ދަޢުވާއަށް އިޢުތިރާފްވުމުން 11 އަހަރުގެ ޖަލުޙުކުމެއް ކަނޑައެޅިފައިވާ ޒިޔަތާއި. 3 ފުޅި ރިހާކުރު ވަގަށްނެގިކަމުގެ ކުށް ސާބިތުވުމުން 6 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރެވުނު ރިޔާޟް -: ފޮޓޯ: ޕޮލިސް/އަވަސް
781 މިލއަން ރުފިޔާގެ ޚިޔާނާތް ހިމެނޭ 32 ދަޢުވާއަށް އިޢުތިރާފްވުމުން 11 އަހަރުގެ ޖަލުޙުކުމެއް ކަނޑައެޅިފައިވާ ޒިޔަތާއި. 3 ފުޅި ރިހާކުރު ވަގަށްނެގިކަމުގެ ކުށް ސާބިތުވުމުން 6 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރެވުނު ރިޔާޟް -: ފޮޓޯ: ޕޮލިސް/އަވަސް

3 ފުޅި ރިހާކުރު ވަގަށްނެގުމުން 6 އަހަރަށް ޖަލަށް ޙުކުމްކޮށްފައި ވުމީ ޖޯކުޖަހަން ޖެހޭކަމެއް ނޫން: ޙައިލަމް

އަދަބު ކަނޑައެޅުމުގައި ލުއިގޮތްތައް ޚިޔާރުކުރުން ފަދަ، ޤާނޫނުގައި ލިއްބައިދީފައި ހުންނަ މިފަދަ "ޢިނާޔަތް" ތަކަކީ، އިސްލާޙާއި މަސްލަޙަތަށްޓަކައި އިޚްލާޞާއެކު ބޭނުންހިފަންޖެހޭ ކަންތައްކަން ހަނދާނުން ކައްސާލައިގެން ހިނގައްޖެނަމަ، އެކަން ވެގެންދާނީ ޤާނޫނީ ހިޔަނީގައި ތިބިގެން ޢަދުލު އިންސާފު ކަފުންކުރުމަކަށެވެ

ތިން ފުޅި ރިހާކުރު ވަގަށްނެގިކަމުގެ ކުށް ސާބިތުވި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވުމީ ޖޯކުޖަހަން ޖެހޭ ޙުކުމެއް ނޫންކަމަށް، އެކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.

"މިއީ ޖޯކެއް ނޫން! ކުރީގެ ޤާނޫނުގައި ކިތަންމެ އަގު ކުޑަ މުދަލެއް ވަގެއް ނެގިޔަސް އޮންނަނީ 6 މަހާއި 1 އަހަރު ދުވަހުގެ އަދަބު. މިމީހާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި 6 ވަނަ ފަހަރުކަމުން 6 އަހަރު އައީ. ނަސީބު ދެރަކަމުން މިއީ ޕީޖީ އިން “އެއްބަސްވުން” ހަދާ ފެންވަރުގެ މީހެއް ނޫން."

އެންމެ 250 ރުފިޔާއަށް ފުޅިއެއްގެ އަގުއަރާ 3 ފުޅި ރިހާކުރު ވަގަށްނެގުމުގެ ކުށްސާބިތުވި މީހަކު 6 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައި ވާއިރު، އެމްއެމްޕީއާރސީ ޚިޔާނާތާ ގުޅިގެން ގިނަ ދަޢުވާތަކެއް އުފުލި، އެތަކެއް ސަތޭކަ މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައި ވާކަމަށް އެއްބަސްވުމުންވެސް "ކުޑަ" ޙުކުމްތަކެއް ކުރެވެމުން ދާތީވެ، މީޑިއާތަކުގެ ފާޑުކިޔުމާއި ޢާންމުންގެ ހަޖޫޖެހުންވެސް ޝަރުޢީ ދާއިރާއަށް އަމާޒުކުރުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކުރީގެ އިސްޤާޟީ ޙައިލަމް އިއްޔެގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޙައިލަމްގެ ޓްވީޓާއެކު ހިއްސާވެސް ކުރަށްވާފައިވާ ކުރީގެ ޤާނޫނުލް ޢުޤޫބާތުގައި، ވައްކަން، ޓެކުން، ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށުގެ އަދަބު ބަޔާންކުރާ އެޤާނޫނުގެ 131 ވަނަ މާއްދާގައި ބުނެފައި ވަނީ؛ "ވައްކަން، ޓެކުން، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ އެމީހަކު އެކުށްކުރި ފުރަތަމަ ފަހަރު 6 މަސް ދުވަހުން ފެށިގެން 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، ދެވަނަ ފަހަރު 2 އަހަރަށް، ތިންވަނަ ފަހަރު 3 އަހަރަށް، ހަތަރުވަނަ ފަހަރު 4 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް، ނުވަތަ ޖަލަށްލުމަށެވެ. މިގޮތުން އިތުރުވާ ކޮންމެ ފަހަރަކު 1 އަހަރު ދުވަހުގެ މުއްދަތު އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް އިތުރުވާ އުސޫލުންނެވެ." މިފަދައިންނެވެ.

އެކުށުގެ ޢުޤޫބާތެއްގެ ގޮތުން 6 އަހަރު ދުވަހުގެ ޖަލުޙުކުމެއް އިއްވި، 3 ފުޅި ރިހާކުރު ވަގަށް ނަގާފައިވާ ކުށް ކޮށްފައި ވަނީ 2014 މާރިޗް 04 ވަނަ ދުވަހުއެވެ. އަދި އެކުށުގެ ޙުކުމް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ ހަމަ އެހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރޭގައެވެ. އެހެންނަމަވެސް، ފާއިތުވެދިޔަ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލައާގުޅިގެން ތަޙްޤީޤުކުރެވި، ދަޢުވާކުރެވި، އަދި ޝަރީޢަތްކުރެވި އަދަބުވެސް ކަނޑައެޅިގެން މިދަނީ، 16 ޖުލައި 2015 ގައި ޢަމަލުކުރެވެން ފެށުނު މިހާރުގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުންނެވެ.

މިހާރުގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުން އަދަބު ކަނޑައެޅޭއިރު، ތަޙްޤީޤަށް އެއްބާރުލުން ދިނުމާއި، ދައުލަތާއެކު އިޢުތިރާފްގެ އެއްބަސްވުމެއް އޮތުމާއި، ޝަރީޢަތުގައި ކުށަށް އިޢުތިރާފްވުން ފަދަ ކަންކަމާ ގުޅިގެން، އެކުށަށް ކަނޑައެޅޭ އަސާސީ އަދަބަށްވުރެ އެތަކެއް ގުނައެއް ލުއި ނުވަތަ ކުޑަ އަދަބުތައް ކަނޑައެޅިގެން ދިއުމަކީ ޤާނޫނާ ފުށުއަރާކަމެއް ނޫނެވެ. އެހެންނަމަވެސް، ޤާނޫނުގައި ލިއްބައިދީފައި ހުންނަ މިފަދަ "ޢިނާޔަތް" ތަކަކީ، އިސްލާޙާއި މަސްލަޙަތަށްޓަކައި އިޚްލާޞާއެކު ބޭނުންހިފަންޖެހޭ ކަންތައްކަން ހަނދާނުން ކައްސާލައިގެން ހިނގައްޖެނަމަ، އެކަން ވެގެންދާނީ ޤާނޫނީ ހިޔަނީގައި ތިބިގެން ޢަދުލު އިންސާފު ކަފުންކުރުމަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *