އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ފާސްވެގެން ދިޔައީ 12 ބިލިއަން ރުފިޔާގެ ޑެފިސިޓާއެކީގައެވެ. އެހެންކަމުން ދައުލަތުގެ އިދާރާތަކުން އާމްދަނީ ހޯދާ އިތުރުކުރުމަށް ކުރަން ޖެހޭ މަސައްކަތް އޭގެ އެންމެ މަތީ ގިއަރުގައި ކުރިއަށް ނުގެންދެވިއްޖެނަމަ މާލީ ދަތިތަކާ ކުރިމަތިނުވެ ނުދާނެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޚާރިޖީ ވަޒީރަށް އަނެއްކާވެސް ބޮޑު އިމްތިހާނެއް އޮތީ ކުރިމަތި ކުރުވާފައެވެ. 2.2 ބިލިއަން ރުފިޔާގެ ސްޕެޝަލް އެސައިންމަންޓެއް އޮތީ މަތިކޮށްފައެވެ؛ އެއީ އަންނަ އަހަރު ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތަކުގެ ތެރެއިން ދެބިލިއަނުގެ ހިލޭ އެހީ ހޯދުމުގެ އަމާޒެކެވެ.
އަންނަ އަހަރަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭޏެ ކަމަށް އަންދާޒާކޮށްފައިވާ 2.2 ބިލިއަން ރުފިޔާގެ ތެރެއިން ފައިސާގެ ހިލޭ އެހީގެ ނިސްބަތަކީ 71.2 ޕަސެންޓެވެ. މަޝްރޫޢުތައް ހިންގުމަށް 28.8 ޕަސެންޓެވެ.
ޚާރިޖީ ޓީމުގެ މަސައްކަތުން ރާއްޖެއަށް ލިބޭ އެހީގެ ނިސްބަތް އަހަރުން އަހަރަށް ދަނީ މަތިވަމުންނެވެ. އިތުރުވަމުންނެވެ. މިގޮތުން 2019 ވަނަ އަހަރު 1.15 ބިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރު 2.12 ބިލިއަނެވެ، އަންނަ އަހަރަށް ލަފާކޮށްފައިވަނީ 2.21 ބިލިއަން ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކުގެ ތެރެއިން ލިބޭނެ ކަމުގެ އެންމެ ޔަގީންކަން ބޮޑީ ފޮރިން މިނިސްޓްރީގެ ޒިންމާގެ ދަށުގައިވާ އަދަދުތަކެވެ. ސަބަބު ވެސް އެބޭފުޅުން ވިދާޅުވިއެވެ؛ އެއީ ކޮވިޑުގެ އެންމެ ނުރައްކާ ހާލަތުގައި މުޅި ދުނިޔެ ހުއްޓި ހާސްކަމުގައި އޮއްވާވެސް ދިވެހި ޚާރިޖިއްޔާއިން ހޯދި އެހީތަކުގެ ސަބަބުންނެވެ.
އަންނަ އަހަރުގެ ބަޖެޓުގައި 2.2 ބިލިއަން ރުފިޔާ ހޯދުމުގެ ޒިންމާ ޚާރިޖީ ވަޒީރަށް މަތިކޮށްފައިވާއިރު، މިއީ އެމަނިކުފާނަށް ކުރިމަތިވާ އިތުރު އިމްތިހާނެކެވެ. މިއިމްތިހާނުން އެމަނިކުފާނު އޭ ރިޕޯޓެއް ހޯދުމަށް ކުރައްވަން ޖެހޭ މަސައްކަތްތައް ގިނަވެފައި އުނދަލެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މަސައްކަތާމެދު ސަރުކާރުގެ ވެރިން ތިބީ ޔަގީން ކަށަވަރުކޮށްގެންނެވެ.