Ad

ދިވެހިންނަށް ފުން އަސަރެއްކުރި މަރަޑޯނާގެ މަރު!

ރާއްޖޭގައި އާޖެންޓީނާގެ ސަޕޯޓަރުން އުފެދުނީ މަރަޑޯނާގެ ސަބަބުން

މަރަޑޯނާގެ ރަން ހަދާންތަކަކީ ދިވެހިންނާއިވެސް ގުޅިފައިވާ ހަނދާންތަކެކެވެ. ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ވަގުތުން ވޯލްޑްކަޕެއް ބަލައިލުމުގެ ފުރުޞަތު ލިބުނީ 1986 ގެ ވޯލްޑުކަޕެވެ. އެއީ މަރަޑޯނާގެ ރަންޒަމާނެވެ. އޭރުއްސުރެ މަރަޑޯނާއާއި އާޖެންޓީނާގެ ސަޕޯޓަރުން ދިވެހިންގެ ތެރޭގައިި ވަރަށްގިނައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ބޭރު ކުޅުންތެރިއެއް ދިވެހިންގެ ހިތްތައްފަތަހުކުރީ މަރަޑޯނާއޭވެސް ބުނެވިދާނެއެވެ.މަރަޑޯނާ ނުލާ އޭރުން ދިވެހިންނަށް ވޯލްޑްކަޕް ފުރިހަމައެއް ނުވެއެވެ. ދިވެހިންގެ ތެރޭގެ މަރަޑޯނާގެ މަގުބޫލްކަން އޮތީ އޭރުވެސް ވަރަށް ވިދުންގަދަކޮށެވެ. މައްޖަލާ ނޫސްތަކުން ފެށިގެން ގޭގެ ހުރި ފޮށި ޓީވިޔާ ހަމައިގައެވެ. ރާއްޖޭގެ އެންމެ ގިނަބަޔަކު އޭރު ސަޕޯޓްކުރަނީ އާޖެންޓީނާއަށެވެ. އޭގެ ސިއްރަކީވެސް މަރަޑޯނާއެވެ. ރާއްޖޭގެ މަޝްހޫރު ކޯޗް އަލީ ސުޒެއިން ފާހަގަކުރާ ގޮތުގައި އާޖެންޓީނާއަށް ދިވެހިން ސަޕޯޓުކުރަން ފެށީ މަރަޑޯނާގެ ސަބަބުންނެވެ.

"ރާޢްޖޭގައި އެންމެ ފުރަތަމަ ލައިވްކުރި ބައިނަލްއަޤުވާމީ އެންމެ ބޮޑު އިވެންޓަކީ 1986 ގެ ފީފާ ވޯލްޑް ކަޕް. އެ ވޯލްޑްކަޕްގެ ތަރިއަކީ އެއްވެސް ޝައްކެެއްނެތް ގޮތުގައި މަނަޑޯނާ. އާދަޔާ ޚިލާފު މޮޅު ކުޅުމެއްދައްކައި ހަމަ ސީދާ އޭނާގެ ހުނަރުން އެ ވޯލްޑްކަޕްގެ ތަށި އާޖެންޓީނާއަށް ހޯދައިދިނީ. ދިވެހިން އާޖެންޓީނާއަށް ސަޕޯޓްކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ މަނަޑޯނާ. ބަންގްލަދޭޝްގެ އާބާދީގެ 70 ޕަސެންޓް މީހުން ސަޕޯޓްކުރަނީ އާޖެންޓީނާއަށް. އެއީ ހަމަސީދާ މަރަޑޯނާގެ ސަބަބުން" ސުޒެއިން ބުންޏެވެ.

ދުނިޔޭގެ މަޝްހޫރު އެތައް ކުޅުންތެރިންނެއް ރާއްޖޭގައި ޗުއްޓީ ހޭދަކުން އާދެއެވެ. އެކަމަކު ޗުއްޓީއަށް ރާއްޖެއައިސް މަރަޑޯނާ ފެނުނީ ދިވެހި ޤައުމީ ޖޯޒީގައެވެ. އެފެންވަރުގެ ކުޅުންތެރިޔަކު ރާއްޖޭގެ ޤައުމީ ޖޯޒީގައި ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

މަރަޑޯނާ ދިވެހި ޤައުމީ ޖޯޒީގައި

މަރަޑޯނާގެ ފުބޯޅައިގެ ކާމިޔާބީއާއި، އޭނާ ދަނޑުމަތީގައި ދެއްކި ޖާދޫއަކީ މިޒަމާނުގެ ކުޅުންތެރިންނަށް އަރާ ހަމަ ނުކުރެވޭ ވަރުގެ މޮޅު ހުނަރުވެރި އަދި ޝައުގުން ފުރިގެންވާފަދަ ކާމިޔާބީތަކެއްކަމަށް ގިނަ ފުޓުބޯޅަ ތަރިން ހެކިވެއެވެ. މަރަޑޯނާގެ މަރުގެ ހިތާމާގައި މުޅި ދުނިޔެ އޮތް އިރު އޭނާގެ ހަދާންތަކުން ސޯޝަލް މީޑިޔާވަނީ ބަންޑުން ކޮށްލާފައެވެ. "މެކްސިކޯ 1986″ އޭނާ ޖެހި ގޯލްތަކުގެ ތެރެއިން ދެ ގޯލަކީ، ފުޓްބޯޅައިގެ ތާރީހުގައި ފެނުނު އެންމެ މޮޅު ދެ ގޯލެވެ. އެ މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށްދޭން އޭނާ ދެއްކި ކުޅުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ވޯލްޑް ކަޕެއްގައި އެއް ކުޅުންތެރިޔަކު މިހާތަނަށް ދެއްކި އެންމެ ތަފާތު ކުޅުމެވެ.

ހަތަރު ވޯލްޑް ކަޕެއްގައި އާޖެންޓީނާ އަށް ކުޅުނު މަރަޑޯނާ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި ވަނީ 34 ގޯލު ޖަހައިފަ އެވެ. މަރަޑޯނާގެ ކެޕްޓަންކަމުގައި އާޖެންޓީނާ ވަނީ އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި ކުޅެފަ އެވެ. ނަމަވެސް ވެސްޓް ޖަރުމަނާ ވާދަކޮށް ފައިނަލުގައި 1-0 އިން ބަލިވުމުން މުބާރާތުގެ ތަށި ވަނީ ގެއްލިފަ އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ވެސް އާޖެންޓީނާގެ ކެޕްޓަންކަން މަރަޑޯނާ ކުރި އެވެ. ނަމަވެސް މަނާ ބޭހަށް ޕޮޒިޓިވްވުމުން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

އެއީ އިންޓަރނެޓްގެ ޒަމާނެއް ނޫނެވެ. ކޭބަލް ޓީ.ވީގެ ޒަމާނެއްވެސް ނޫނެވެ. އެހެންކަމުން، މިއަދާ ޚިލާފަށް ބޭރު ދުނިޔޭގެ ޚަބަރުތައް، އަދި ވަކިން ކުޅިވަރު ޚަބަރުތައް، ލިބޭނީ ވަރަށް މަދުންނެވެ. އެހެންނަވެސް ދިވެހިން ދިޔައައީ މެރަޑޯނާގެ ހަނދާތައް ރައްކާކޮއްއާ ކުރަމުންނެވެ. ފުޓުބޯޅަ މެގެޒިންއެކެވެ. މެރެޑޯނާގެ ޕޯސްޓަރެކެވެ. ނުވަތަ ޖާރޒީއެކެވެ. އެހެން ނޫންނަމަ، އޭނާ އަރާ ބާވަތުގެ ޕޫމާ ބޫޓެކެވެ. މިއަދު މެސީއާއި ރޮނަލްޑޯއަށް ޒުވާނުން ސަޕޯޓުކުރާ ފަދައިން، އެއިރުގެ އެންމެ ހިނގާ ތަރިއަކީ ހަމަ ގައިމުވެސް މެރަޑޯނާއެވެ.

އެތައް ބަޔެއްގެ ނަޒަރުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އުމުރުން 60 އަހަރުގައި، ހާޓްއެޓޭކެއް ޖެހިގެން މަރުވި ޚަބަރު ވެގެންދިޔައީ، އުފާވެރި ހަނދާންތައް އާވެގެންދިޔަ، ނަމަވެސް އޭގެ ސަބަބުން ހިތާމަވެރިކަން ގެނުވި ޚަބަރަކަށެވެ. މަރަޑޯނާގެ ހަޔާތް ނިމުމަކަށް އައުމުގެ ހިތާމައިގައި ދިވެހިން ބައިވެރިވީ މިންވަރުވެސް ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނަށް މިވަނީ ފެނިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *