ކަޒަކިސްތާނުގެ ޤައުމީ އެއަރލައިނެއްކަމަށްވާ އެއަރ އެސްޓާނާ އިން ރާއްޖެއަށް އަލަށް ދަތުރުކުރަން ފަށްޓައި، އެޤައުމާއި ރާއްޖެއާއި ދެމެދު ސީދާ ސީދަލަށް ވައިގެމަގުން ގުޅާލައި ދީފިއެވެ.
ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7:08 ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި އެސްޓާނާ އެއަރގެ މި ފްލައިޓުން 156 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، އެސްޓާނާ އެއަރގެ ދަތުރުތަށް ރާއްޖެއަށް އަލަށް މިއަދު ފެށިގެން ދިއުމާއެކު އެޤައުމުން ސީދާސީދަލަށް ރާއްޖެއަށް ދަތުރުކުރެވުމުގެ ފުރުޞަތު ހުޅިވިގެން ދިޔައީއެވެ.
އަދި، ކަޒަކިސްތާނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މަޤްބޫލުކަން އެޤައުމުގެ ފަތުރުވެރިންގެ މެދުގައި އިތުރުވަމުން އަންނަ ޤައުމެއްކަމުން އެޤައުމާއި ރާއްޖެއާ ދެމެދު ސީދާސީދާ ދަތުރުތައް ފެށިގެން ދިއުމަކީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ އިންތިހާ ހީނަރުކަމުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ފަތުރުވެރިކަމަށް އާރޯކަން މިހާރު އަންނަން ފަށާފައި ވާއިރު، ފާއިތުވެދިޔަ ނޮވެމްބަރު މަހުގައި ރާއްޖެއަށް ޒިޔާރާތްކުރި ކަޒަކިސްތާނުގެ ފަތުރުވެރިންގެ ޢަދަދު ވަނީ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، 24.4 އިންސައްތަ އިތުރުވެފައެވެ.
އެސްޓާނާ އެއަރ އަކީ، ކަޒަކިސްތާނުގެ ނެޝަނަލް ވެލްފެއަރ ފަންޑުގެ މެޖޯރިޓީ ހިއްސާ އާއި، ވައިގެ ދަތުރުފަތުރާއި ޑިފެންސް އަދި ސެކިޔުރިޓީގެ ދާއިރާގެ އިނގިރޭސި މަލްޓި ނެޝަނަލް ޕަބްލިކް ކުންފުންޏެއްކަމަށްވާ ބީއޭއީ ސިސްޓަމްގެ ހިއްސާ ހިމެނިގެން 2001 ވަނަ އަހަރު ވުޖޫދުވެފައިވާ ކުންފުންޏެކެވެ. 2015 ގެ ފަހުކޮޅާއި ހަމައަށް 30 އަށްވުރެ ގިނަ ބޯޓަށް އިތުރުވެފައިވާ އެސްޓާނާ އެއަރއަކީ، ޔޫރަޕްގެ ޤައުމުތަކަށް އުދުހުމުގެ ހުއްދަދެވިފައިވާ، ކަޒަކިސްތާނުގެ ހަމައެކަނި އެއަރލައިނެވެ. ޔޫރަޕިއަން ޔޫނިއަން އިން ޤަބޫލުކުރާ އެންމެ ހަގު އެއަރލައިނަކީވެސް އެސްޓާނާ އެއަރކަމަށް ރަސްމީ ފަރާތްތަކުންވެސް ފާހަގަ ކޮށްފައި ވެއެވެ.