އަވައްޓެރި އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ 2 ލައްކައެއްހައި މިހުންގެ އާބާދީގެ އަވަށެއްކަމަށްވާ އެލޫރުގައި، ގޮތްނޭނގޭ ބައްޔެއް ފެތުރެން ފަށައި 200 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ.
އިންޑިއާގެ ރަސްމީ ފަރާތްތަކާ ޙަވާލާދީ އެ ޤައުމުގެ ނޫސްތަކުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، އެޕިލެޕްސީ ބަލީގެ އަލާމާތްތަކާ ވައްތަރު އަލާމާތްތަކެއް ފެންނަމުން ދާ މި ބަލީގައި މިހާތަނަށް 228 މީހަކު ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވެއެވެ.
އެނދުމަތި ކުރެވުނު މީހުންގެ ތެރޭގައި 76 އަންހެނުންނާއި 46 ކުޑަކުދިން ހިމެނޭއިރު، ބަލިޖެހުނު އެންމެނަކީވެސް އެއް ހާދިސާއަކަށް ނުވަތަ އެއް ސަރަޙައްދަކަށް ނިސްބަތްވާ ބައެއްކަމަށް ނޫންކަމަށާއި ބަލިމީހުންގެ ގައިން ލޭ ނެގިގެން ހެދިފައިވާ ޓެސްޓްތަކުންވެސް އެއްވެސް ޞިއްޙީ މައްސަލައެއް ފާހަގަ ކުރެވިފައި ނުވާކަމަށްވެސް، ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ އެ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.
މި ބަލި ޖެހުނު ޢުމުރުން 6 އަހަރުގެ ކުއްޖެއްގެ ޙާލަތު ގޯސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް އިމަޖެންސީގައި އެހެން ހޮސްޕިޓަލަކަށް ބަދަލުކުރެވިފައި ވާކަމަށް ޓައިމްސް އޮފް އިންޑިއާ ނޫހުގައި ހާމަކޮށްފައި ވާއިރު، ސިޢްހަތާބެހޭ ވަޒީރާ ޙަވާލާދީ އެ ނޫހުން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަލި ޖެހުނު އެންމެންވެސް ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވާއިރު، އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ނުވެއެވެ.
ބަލީގެ ސަބަބުން ކުރިމަތިވެދާނެ ޞިއްހީ އިމަޖެންސީއަކަށް ސަރުކާރުން ތައްޔާރުވެ އެ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގައި ވަޞީލަތްތައް އިތުރުކުރަމުން ދާއިރު، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޢާންމުން ކަންބޮޑުނުވުމަށް އިލްތިމާސްކުރަށްވައި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާނެކަން ހާމަކޮށްފައެވެ.