Ad

ޒަމާނީ ސައިންސްވެސް ޤަދީމީ ވަޙްޔުގެ ތެދުކަން މެނުވީ ކަށަވަރު ކޮށްނުދެއެވެ

ކުޑަކަމުދާތަކެއްޗަކީ ނަޖިހެކެވެ. ޖަރާސީމުވެސް އޭގަ އެކުލެވިގެން ވެދާނެއެވެ. އެހެންނަމަވެސް، ކުޑަކަމުދާތަކެތި ނުކުތް ހޮޅިން، ކުޑަކަމު ދިޔަތާ މިނެޓު ކޮޅެއްހައި ކުޑައިރުކޮޅެއް ފަހުންވެސް، މަނި ނުވަތަ ދަރިފަނި ނުކުމެގެން އައިސް، ޣަރުބަ ގަނެގެން އެދަނީ ކީއްވެހެއްޔެވެ؟

ޚާލިޤުވަންތަ އިލާހު، މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާއ،ި ކުޅަދުންވަންތަކަމާއި، ޙިކުމަތްވަންތަކަމާއި އަދި އިސްލާމީ ޝަރީޢަތުގައި ހުރި ލާމަސީލު ފުރިހަމަކަން ހިތްމައްޗަށް ތަޞައްވަރުކޮށްދޭ ހެކިތައް ގިނަގުނައެވެ. އަދުގެ ތަހުޒީބު ދުނިޔޭގައިވެސް މާހިރުންގެ ކުޅަދާނަކަމާއި ޓެކްނޮލޮޖީގެ ފުރިހަމަކަމާއެކުވެސް، ޚާލިޤުވަންތަ އިލާހުގެ ކުޑަ ކުޑަ ޚަލްޤަކާއި ނުވަތަ އެންމެ ސާދާ ނިޒާމަކާވެސް ވާދަކޮށް ގޮންޖަހާ ނުލެވޭހިނދުވެސް މެއެވެ.

އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ސައިންސާއިއެކުވެސް، ދަރިން ލިބުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން، ޓެސްޓް ޓިއުބްބޭބީ މެތަޑް ބޭނުންކޮށްގެން މާބަޑުކުރުވައި ދަރިމައިކުރުމަށް ކުރެވޭ މަސައްކަތަށް ކުޑަކޮށް ނަމަހީވެސް ވިސްނާލަމާހެއްޔެވެ.

އަންހެނާއާއި ފިރިހެނާގެ ދަރިފަނި ނަގައިގެން ލެބޯރެޓަރީގައި ޣަރުބަގަންނުވައި، އަލުން އަނބުރައި އަންހެނާގެ ރަހިމުގެ ތެރެއަށް ވާޞިލުކުރުމަށް ހިންގޭ މަރްޙަލާތަކުގައި، ތަފާތު އެކި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، މެއްސަކަށްވެސް ނުވަދެވޭ ބީދައިން އެއްކޮށް ބަންދުކުރެވިފައިވާ ތަންތަނުގައި ކުރެވޭ މި ބުރަ މަސައްކަތްތަކާއި. ޞިއްޙީ ވަޞީލަތްތަކަށް ކުރެވޭ އިންތިހާ ހޭދަތައް، ކާމިޔާބު ކުރެވެނީ މަދު އިންސައްތައެއް ނޫންހެއްޔެވެ؟

ދެމަފަރިންގެ ދެމެދުގައި ޝަހުވާނީ އެދުންތައް އުފެދި ޖިންސީ ޢަމަލުތައް ކުރެވެމުންދާ ހިނދު، ދެޖިންސުގެ ޖިންސީ ގުނަވަންނަތަކުގައިވެސް އުފެދެމުންދާ ދިޔަވަރާއިމެދު، ވިސްނާ ލީމުހެއްޔެވެ؟ އެއްޔަކީ ހަމައެކަނި ގުޅުން ހިންގުމަށް ފަސޭހަކޮށްދޭ އެއްޗަކަށްވުރެން އިތުރު ޙިކުމަތްތަކެއް އޭގައި ވެއެވެ. ދަރިފަންޏަކީ ވަކި ފިނިހޫނުމިނެއްގައި އެހެނިހެން ޖަރާސީމުތަކުން ރައްކާތެރިކުރެވިގެން މެނުވީ، ދުޅަހެޔޮގޮތެއްގައި ދިރި ނުހުންނާނެ އެއްޗަކަށް ވީހިނދު، އެ ފަނި ޚަލްޤުކުރެއްވި ޚާލިޤުވަންތަ އިލާހުގެ އުފެއްދެވި ފުރިހަމަ ނިޒާމެކެވެ. އިންތިހާއަށް ފުރިހަމަ ނިޒާމު އުފައްދަވައި ދޫކޮށްލެއްވީކީވެސް ނުމެ ނޫންމެއެވެ. އެ ޕްރޮޑަކްޓްސްއާއިއެކު، މެނުފެކްޓަރގެ ޔޫސާރ މެނުއަލްއެއްވެސް ދެއްވިއެވެ.

ވިސްނަވާލަށްވާށެވެ. ދަރިފަނި ނަގައިގެން ޓެސްޓް ޓިއުބް ބޭބީން އުފެއްދުމުގައި ޙަރަކާތްތެރިވާ، ޞިއްޙީ މާހިރުން، ނޭވާ ކޮޅެއްގެ މިންވަރުވެސް އެ ދަރިފަންޏަށް ނޭޅޭނެ ބީދައިން، ހަތަރެސް ފަޔަށް އަންގިލައްވައިގެން، މޫނާއި ބޯވެސް ނިވާކޮށްގެން، ބަންދުވެފައިވާ ތަނެއްގައި ލޮލަށް ނުފެއްނަ ޖަރާސީމަކަށްވެސް އެތެރެ ނުވެވޭނެ ބީދައިން، އެމަސައްކަތް ކުރަނީ ދަރިފަނީގެ ނާޒުކު ކަމުންނެވެ. މަރުވެގެން ދިޔަނުދީ، ދުޅަހެޔޮކަންމަތީ ބެހެއްޓުމަށެވެ.

ފިރިހެނާގެ ޖިންސީ ގުނަވަނުން 4 ބާވަތެއްގެ ދިޔައެއް ނުކުމެއެވެ. ކުޑަކަމުދާ އެއްޗިއްސާއި، މަޛްޔުއާއި، މަންޏާއި، ވަދްޔުއެވެ. އަންހެނާގެ ވެސް 4 ބާވަތެކެކެވެ. ޢަދަދު އެއްގޮތް ވީނަމަވެސް ޒާތާއި ވައްތަރު މުޅިއަކުން އެއްގޮތް ނޫނެވެ. ކުޑަކަމުދާތަކެއްޗާއި، މަޛްޔުއާއި، ވަދްޔުއާއި، އަދި ލެއެވެ. މަޢާފް ކުރަށްވާށެވެ. ތަފްޞީލީ ގޮތެއްއްގައި މި ބާވަތްތައް، ތަޙްޤީޤީ ބަހުސްގެ ތަރާދެއްގައި ކިރާލުމަށް އެންމެ މުނާސަބު މަޤާމު ނޫންކަމުން، އެބަހުސްގެ ތަފްސީލަކަށް މިހިނދަކު ދާކަށް ނެތްނަމަވެސް، ނިކަން މަތިމަތިން ތަޞައްވުރުކޮށް ސިކުނޑި ހުޅުވާލަމާހެއްޔެވެ!

ކުޑަކަމުދާތަކެއްޗަކީ ނަޖިހެކެވެ. ޖަރާސީމުވެސް އޭގަ އެކުލެވިގެން ވެދާނެއެވެ. އެހެންނަމަވެސް، ކުޑަކަމުދާތަކެތި ނުކުތް ހޮޅިން، ކުޑަކަމު ދިޔަތާ މިނެޓު ކޮޅެއްހައި ކުޑައިރުކޮޅެއް ފަހުންވެސް، މަނި ނުވަތަ ދަރިފަނި ނުކުމެގެން އައިސް، ޣަރުބަ ގަނެގެން އެދަނީ ކީއްވެހެއްޔެވެ؟ ސެނިޓައިޒާއެއް ނުވަތަ ޑިސްއިންފެކްޓެއް ބޭނުން ކުރެވުނީ ހެއްޔެވެ؟

އާދޭހެވެ. ކުރެވުނީއެވެ. އެހެންނަމަވެސް ޤުދުރަތީ ނިޒާމުގެ ތެރެއިންނެވެ. މަނި ނުވަތަ ދަރިފަނި ނުކުތުމުގެ ކުރިން ނުކުންނަ، މަޛްޔު އަކީ، ރައްކާތެރި ކޮށްދެނިވި ސެނިޓައިޒާއެވެ. ފައިދާ ކުރަނިވި ލުބްރިކެންޓްސް ވެސްމެއެވެ. އަދިހަމަ، ދަރި ފަނި ނުކުތުމަށްފަހުގައި ނުކުންނަ ވަދްޔުއަކީވެސް، ޕޯސްޓް އޮޕަރޭޝަން ސެނިޓައިޒާއެވެ.

ޤުދުރަތީ ނިޒާމް ފުރުހަމައެއް ނޫންހެއްޔެވެ! ﷲ ގެ އެއްކައުވަންތަކަމާއި، އެއިލާހުގެ ޤުދުރަތްތެރިކަމާއި އަދި އިސްލާމީ ޝަރީޢަތުގައި ހުރި ލާމަސީލު ފުރިހަމަކަން ހިތައް އިޙްސާސް ނުވޭހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *