Ad
ރައީސް މާޝަލް އާރޓްސް ސެންޓަރ ހުޅުވާދެއްވުން. ފޮޓޯ:ރައީސްއޮފީސް
ރައީސް މާޝަލް އާރޓްސް ސެންޓަރ ހުޅުވާދެއްވުން. ފޮޓޯ:ރައީސްއޮފީސް

ވަސީލަތްތަކުގެ ބޭނުން ހިފައި، ޤައުމަށް ރިވެތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް ރައީސް ގޮވާލައްވައިފި

ސަރުކާރުން ތަރައްޤީކޮށްފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު، ޤައުމަށް ރިވެތި ނަން ހޯދައިދޭން ގަދަ އަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާޏުންނާއި އެމީހުންގެ ބެލެނިވެރިންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދި ގޮވާލައްވާފައިވަނީ، ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ނޭޝަނަލް މާޝަލް އާޓްސް ސެންޓަރާއި، ޓޭބަލް ޓެނިސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ޒުވާނުންގެ ކިބައިގައި ހުރުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ބައެއް ސިފަތައް ވިދާޅުވެދެއްވާފައެވެ. މިގޮތުން ކޮންމެ ޒުވާނަކީވެސް، އަދި ވަކީން ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަކީ، ދީނީ ގޮތުންނާއި އަޚުލާޤީ ގޮތުން ރިވެތި ނަމޫނާއަކަށްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި، އެކި ކުޅިވަރުތަކުން ރަނގަޅު ނަތީޖާތަކެއް ހާސިލުކުރުމުގައި އެހީތެރިވެދިނުމުގައި ސަރުކާރުން ދެކަމަށް ވިސްނައިގެން މަސައްކަތްކުރާ ކަމުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ދެ ކަމަކީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ކުރިއަރައިދިއުމަށް ބޭނުންވާނެ ވަސީލަތްތައް ތަރައްޤީކުރުމާއި، މި ދާއިރާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ދާއިރާއެއް ކަން ކަށަވަރު ކޮށްދިނުން ކަމުގައެވެ.
މިއަދު ހުޅުވި އައު ވަސީލަތްތައް ކަމުގައިވާ ޓީ.ޓީ ހޯލާއި މާޝަލް އާޓްސް ސެންޓަރަކީ އެ ދާއިރާތަކަށް ޝައުޤުވެރިވާ ޒުވާނުންނަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދާދި އަވަހަށް މާޝަލް އާޓްސް އެސޯސިއޭޝަންއެއް އުފެދިގެންދާނެ ކަމަށާއި، އެއާއިއެކު އެ ދާއިރާއަށް ރަސްމީ ހައިސިއްޔަތެއް ލިބި، އެ ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް، ޤައުމަށް ރިވެތި ނަން ހޯދައިދިނުމުގެ މަގު ތަނަވަސްވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީ.ޓީ އަދި ބެޑްމިންޓަން ޓީމުން ހޯދި ކުލަގަދަ ކާމިޔާބީއަށް އިޝާރާތްކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ހުޅުވި ޓީ.ޓީ. ހޯލަކީ ޤައުމަށް އިތުރު ރަން ވަނަތަކެއް ހޯދައިދޭނެ ކުޅުންތެރިންތަކެއް އުފެދިގެންދާނެ ތަނަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމުގައެވެ. އަދި މާލޭގައިވެސް ނޭޝަނަލް ޓީ.ޓީ. ސެންޓަރެއް ބިނާކުރުމަށް ބިމެއް ކަނޑައަޅައި، އެ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ ޓީ.ޓީ. މުބާރާތެއް ބޭއްވުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމީ ފެންވަރުގެ ބިލިއާޑު ހައުސްއެއް މި އަހަރުގެ ތެރޭގައި ހުޅުވާފައިވާކަން ފާހަގަކުރައްވާ، ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތެއް ބޭއްވޭ ފެންވަރަށް އެތަން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ. ހަމައެއާއެކު، ރާޒުވާއާއި މޫދު ކުޅިވަރުތައް ފަދަ އެހެނިހެން ކުޅިވަރުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނިންމަވައިލެއްވީ، ކުޅިވަރުގެ މައިދާނުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިހާތަނަށް ހޯދާފައިވާ ގިނަ ކާމިޔާބީތަކުގެ ޙަޤީޤަތަކީ، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ނޭޝަނަލް މާޝަލް އާޓްސް ސެންޓަރާއި ހުޅުމާލޭ ޓޭބަލް ޓެނިސް ހޯލް ހުޅުއްވައިދެއްވުމަށްފަހު އެމަނިކުފާނުވަނީ ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސް ބައްލަވައިލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *