Ad

އޮމްބަޑްސްމަންގެ އޮފީސް: ނަތީޖާ ނެރެވޭނީ ކިހާވަރަކަށް؟

އިންތިޤާލީ އިންސާފު ހޯދައި ދިނުމަކީ ޤާނޫނުގެ އެންމެ މުހިއްމު މަގުސަދު

ދައުލަތުން އިންތިގާލީ އިންސާފުގެ ބިލެއް (އެމްބަޑްސްމަންއާ ބެހޭ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ރައްޔިތުންގެ އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އެ ޤާނޫނުން ހާސިލުކުރުމަށް ދައުލަތުން އަމާޒު ހިފާފައިވަނީ މައިގަނޑު ދެ ކަމެކެވެ. އެއީ؛ ފަރުދުންގެ މެދުގައި ސުލްހަކޮށް، މުޖުތަމަޢު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި ޤައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަލަސްކަމަށް ޖާގަ ދިނުމާއި، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މިއީ ދިވެހިރާއްޖެއަށް މުޅިން އާ ނިޒާމެކެވެ. މުޅިން އާ ވިސްނުމެކެވެ. އާ މަސައްކަތެކެވެ. އެހެންނަމަވެސް މުޖުތަމަޢުގައި ޒަމާންތަކެއް ވަންދެން އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލު ހޯދުމަށް އޮތް މުހިއްމު ރާސްތާއެކެވެ.

މި ޤާނޫނުގެ ދަށުން އުފެދޭ އެމްބަޓްސްމަންގެ އޮފީސް އެކުލެވިގެންވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން އެމްބޮޑްސްމަނުންގެ މައްޗަށެވެ. އޭގެ ތެރެއިން ޗީފް އެމްބޮޓްސްމަނެއްގެ ގޮތުގައި ރައީސް ބޭފުޅަކު އައްޔަންކުރައްވާނެއެވެ.

މި ދެ އަހަރުން އޭގެ ޒާތުގައި އުވިގެން ދާ ގޮތަށް އުފައްދާ މި އޮފީހުގެ މަސައްކަތްތަކުގެ އަށް މަގުސަދެއް ކަނޑައަޅާފައިވެއެވެ. އެއީ؛

1 . ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި ހަގީގަތާ ހަމައަށް ވާސިލުވުމާއި؛

2 . ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާއި ޚިލާފު ޢަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ ޢަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުމާއި؛

3 . ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގު ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެފައިވާނަމަ އެ ޢަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް ދެނެގަނެ، ޖަވާބުދާރީ ކުރުވުމާއި؛

4 . ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮމިޝަންތަކަށް ލިބިގެންވާ އެންމެހައި ބާރުތައްވެސް ލިބޭ ގޮތަށް އުފަންކުރާ އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު ޖިނާއީ ކުށެއް ކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަ ޖެނެރަލަށް ފޮނުވުމާއި؛

5 . އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު މަދަނީ ދަޢުވާ އުފުލަން ޖެހޭ ފަރާތްތަކާމެދު ދައުވާކުރުމަށް ބަންޑާރަ ނައިބަށް ފޮނުވުމާއި؛

6 . އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފު ޢަމަލުތަކާއި ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުމާއި؛

7 . ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމާއި؛

8 . ކުރިއަށް އޮތް ތާނގައި، އެފަދަ ޢަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ގެންނަން ޖެހޭ އިސްލާހުތައް ފާހަގަ ކުރުމެވެ.

އިންސާފު ގެއްލިފައިވާ ފަރާތްތަކަށް ބަދަލު ނަގައިދިނުމާއި ފަރުވާ ހޯދައިދިނުން ވެސް ޤާނޫނުގައި ހިމަނާފައިވެއެވެ؛ ބަދަލުގެ ގޮތުގައި މާލީ ބަދަލާއި މާލީ ނޫން ބަދަލުވެސް އެމްބޮޑްސްމަން އޮފީހަށް ނަގައިދެވިދާނެއެވެ.

އެމްބޮޑްސްމަން އޮފީހުން ބަލައި އެ ގާނޫނުގެ ދަށުން ދައުވާކުރުމަށް އެޓާނީ ޖެނެރަލަށް ނުވަތަ ޕްރޮސިކިއުޓަ ޖެނެރަލަށް މައްސަލަ ފޮނުވާތާ އެމައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަން ޖެހެއެވެ. އަދި ގޮތުން ޝަރީއަތަށް މައްސަލައެއް ހުށަހެޅިއްޖެނަމަ  ގިނަ ވެގެން 45 ދުވަހުގެ ތެރޭގައި އެމައްސަލައެއް ބަލާ ނިންމަން ޖެހެއެވެ. މި ގޮތުން މުޅި މަރުހަލާ ފުރިހަމަ ކުރުމަށް ހޭދަވާނީ ދިގުވެގެން ގާތްގަނޑަކަށް 100 ދުވަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *