އިސްލާމް ދީނަކީ ހަމައެކަނި އަޅުކަންތައް ބަޔާންކޮށްދީފައިވާ ދީނެއް ނޫނެވެ. އިންސާނާއަށް ޙަޤީޤީ ގެއްލުމެއް ލިބިދާނެ އެންމެހައި ކަންކަމާއި، އެކަމެއްގެ ސަބަބުން ޙަޤީޤީ މަންފާއެއް ކުރާނެ އެންމެހައި ކަންކަންވެސް، އަކުރުން އަކުރަށް ނޫނަސް، ރަނުން ރަނަށް ބަޔާންކޮށްދެއްވާފައި ވެއެވެ. ސައްޙަ ޢިލްމު ޙާޞިލުކޮށް، ބުއްދި ބޭނުންކޮށް އަދި ނިޔަތް އިޚްލާޞްތެރި ކުރުމުން މެނުވީ އެކަންކަން ނުފެނިދާނެއެވެ.
އިސްލާމް ދީނަކީ ޝާމިލު އަދި ސަމާޙާތްތެރި ދީންކަމުގައާއި، އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތު ލިބުންކަމުގައި ބުނެވޭ ބަހުގެ މާނައަކީ، ބުނެވިދިޔަ ޙަޤީޤަތެވެ.
އިސްލާމް ދީނުގެ އެންމެހައި އިރުޝާދުތަކާއި، އަމުރުތަކާއި، ނަހީތަކާއި އަދި ޚަބަރުތައްވެސް، އުފަންވެގެން އަންނަނީ އިލާހީ ވަޙީގެ ޒަރީއާއިން ނެވެ. އިޖްމާލީ ގޮތެއްގައި ބަޔާންވެފައިވާ ކަންކަމާއި، ތަފްޞީލީ ގޮތެއްގައި ބަޔާންވެފައިވާ ކަންކަންވެސް މެއެވެ. ޤުރުއާނާއި ޙަދީޘުގެ ނައްޞުތަކުންނެވެ.
އެހެންނަމަވެސް، އިސްލާމް ދީނުގެ ޙުކުމްތައް ނެރެވޭ ދަލީލުތައް ނުވަތަ ނައްޞުތައް ހުންނަނީ ހަމައެކަނި ޞަރީޙަކޮށް، ފާޅުކަން ބޮޑުގޮތެއްގައި ކޮންމެކަމަކަށްމެ ޙުކުމް ބަޔާން ކޮށްދީފައެއް ނޫނެވެ. ނައްޞުގެ އިމްޕްލިފައިޑް ޟިމްނުންވެސް ޙުކުމްތައް ކަނޑައެޅިގެން ދެއެވެ. ކީރިތި ޤުރުއާނާއި ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކަކީ، ޖަވާމިޢުލް ކަލިމަ ނުވަތަ "ކުރުކޮށް ފޮނިކޮށް"، ބަސްތައް މަދުކޮށް މާނަ އިންތިހާއަށް ފުންކޮށް އެކުލެވިގެންވާ ނައްޞުތަކެއް ވެސް މެއެވެ.
ކުރުކޮށް ބުނަނީނަމަ، ހަމައެކަނި ޙަދީޘެއް ނުވަތަ އާޔަތެއް ލަފްޒީ މާނައާއެކު ހިތުދަސްވެގެން، ނުވަތަ އިނގިރޭސި އަދި ޢަރަބި ބަސް އެނގޭތީވެ، ލިޔެވިފައިވާ ގިނަ ދީނީ ފޮތްތައް ކިޔައި ދޭހަވާން އެނގުމީ ޙައްސާސު މައްސަލަތަކާއި، އިޚްތިލާފް މައްސަލަތަކާއި އަދި އަލަށް އުފަންވާ މައްސަލަތަކުގައި، އެހެން މީހުންނަށް ދީން ބުނެދޭން ޖެހޭމިންވަރަށް ތިބާ ރޯފިލީކީ ނޫންމެއެވެ.
އިސްލާމް ދީނުގައި އެންމެ މައްސަލައެއްގެ ފަތުވާއެއް ނުވަތަ ޙުކުމެއްވެސް ޢާންމު ރައްޔިތަކަށް ބަޔާންކޮށްދެވޭނީ، އެކަމުގެ ޞަލާޙިއްޔަތާއި އަހުލިއްޔަތު ނުވަތަ މެންޑޭޓު ލިބިގެންވާ ބަޔަކަށެވެ. ކަނޑައެޅިފައިވާ ޢާންމު ޙުކުމެއް ވަކި ޢައްޔަނު ޙާލަތަކަށް ތަންޒީލު (ފިޓު) ކުރާއިރު، ޢާންމު ޙާލަތުގެ ޙުކުމް، އެހެން ޙާލަތެއްގައި އިސްލާމް ދީނުގައި އެޙުކުމް ކަނޑައެޅިފައިވާ ޙާލަތަކަށް ބަދަލުވޭތޯ ނުވޭތޯވެސް ކަށަވަރު ކުރެވެން ޖެހެއެވެ. މިހެންގޮސް ތަފާތު ގިނަ ކަންކަމަށް ރިޢާޔަތް ކުރެވިގެން ނޫނީ، އެންމެ ސިންގަލް ޙުކުމެއްވެސް ޢައްޔަނުކޮށް ވަކި ޙާލަތަކަށް ނުވަތަ ބަކި މީހަކަށް ތަންޒީލް ނުކުރެވޭނެއެވެ.
ނޫންނަމަ، މީހަކާ އިނދެލައި ސާފުތާހިރުވެގެން ހުރީމައި، އިސްލާމް ދީން ފުރިހަމަވީކަމުގައި މީސްތަކުންނަށް ހީވެގެން ދިއުމަކީވެސް ދުރުކަމެއް ނޫނެވެ. އެހެނީ ނަބަވީ އިރުޝާދެއްގައި ވަނީ، ކައިވެންޏަކީ ދީނުގެ ދެބައިކުޅަ އެއްބައި ކަމުގައެވެ. އަދި ސާފުތާހިރުކަމަކީ ވެސް ދީނުގެ ދެބައިކުޅަ އެއްބައި ކަމުގައިވެސް ނަބަވީ އިރުޝާދުގައި ވެއެވެ. ހާފް ޕަލަސް ހާފް އަކީ ވަން ނޫން ހެއްޔެވެ. އަދި އެހިނދު ފުރިހަމަ ވީ ނޫން ހެއްއްޔެވެ!
އާދޭހެވެ. ރޯދައަކީ ފަރުޞެލެކެވެ. އެޙުކުމްގެ ވާހަކަ ޢާންމުކޮށް ބުނެވޭނެއެވެ. ޓްވިޓަރގައިވެސް އަދި ފޭސްބުކްގައިވެސް ހަމަ ލިޔަންވީއެވެ. ރޯދައަކީ މުސްލިމުންގ މައްޗަށް ރަމަޟާންމަހު ފަރުޟު ކުރެވިގެންވާ މުހިންމު އަޅުކަމެއް ކަމަށް ލިޔަންވީއެވެ. އަދި ޙައްޖާއި ނަމާދުގެ ވާޖިބު ވާހަކަވެސް މެއެވެ. އެހެންނަމަވެސް، ވަކި ޙާލަތަކާއި ގުޅިގެން ވަކި މީހަކުއައިސް އޭނާގެ މައްޗަށް ރޯދަ ވާޖިބު ވާނެތޯ، ނުވަތަ ކޮވިޑް19 އާއި ގުޅިގެން ޙައްޖަށް ހުއްދަ ނުދިނީމައި ސަޢުދީ ޢިލްމުވެރިންނާއި ވެރީން މަންހަޖުން ކަޓާނެތޯ، ނުވަތަ ފަސްވަގުތު މިސްކިތުން ނުފެންނަ މީހަކު މަރުވާ ހިނދު އެމީހާ ހިނަވަން ޖެހޭތޯ މިއްޔަކީ ކިޔަވާކުދިން ބަހުސް ކުރަންޖެހޭ ނުވަތަ ޢިލްމުވެރިން ފަރުދީ ޚިޔާލުތައް ފާޅުކުރަންޖެހޭ ކަންކަމެއް ނޫންމެއެވެ. އެފަދަ ބައެއް ފަތުވާތަކަކީ ޝަރުޢީ ކޯޓަކުން ޙުކުމެއް ކަނޑައެޅިފައިވާ ކަމެއްގެ މައްޗަށް އެކަނި ބިނާވާ ކަމަކަށްވެސް ވެދާނެއެވެ.
ޢަބަސަ ސޫރަތުގެ 31 ވަނަ އާޔަތް، ﴿وَفَاكِهَةً وَأَبًّا﴾ އެވެ. ނިކަން މީހެއްކުރެ މިއާޔަތުގެ މާނައާ މެދު މިހާރު އަހައިލާށެވެ. ކިރިޔާ ހަނދާނުގެ ކޮޅުންވެސް އެލަފްޒު އަޑުއިވިފައި އޮވެއްޖެނަމަ، ހީވި އެއްޗެއް ވަގުތުން ބުނެލާނެއެވެ. އެގޮތުންވެސް ނޭނގިއްޖެނަމަ، ވަގުތުން ގޫގްލް "ޝައިޚް" ކުރެން އަހާލައިގެން ނަމަވެސް ޖަވާބު ދޭނެ ނޫންހެއްޔެވެ؟
މި ސުވާލު އެ ބޭފުޅަކާ ކުރިމަތި ކުރެވުނީމައި، ޖަވާބު އެނގިލެއްވިނަމަވެސް، ސުވާލު ކުރެވުނު ހިނދު އެކަން ކަށަވަރު ކުރެވިފައި ނެތުމުން، ޖަވާބު ނުދެއްވި ބޭފުޅަކީ މިއުންމަތުގެ ކޮން ބޭފުޅެއްކަން އެނގޭނަމަ، މާތް ﷲ ގެ ދީނާއި ބެހޭގޮތުން ތިމާއަށް ނޭނގޭ އަދި ކިއެއްތަ ރަނގަޅުހެން، ހީވާ އެއްޗެއްވެސް ނުބުނާނެކަން ކަށަވަރެވެ.
މި ސުވާލުކުރެއްވުމުން ޖަވާބު ދެއްވަން އެވަގުތު ޢުޒުރުވެރިވެ ވަޑައިގެންނެވީ، މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދުގެފާނަށް ފަހުގައި، މިއުންމަތުގެ އެންމެ މާތް އިންސާނާ، އުންމަތުގެ ފުރަތަމަ ޚަލީފާގެ އިތުރުން، އުންމަތުގެ ނަބިއްޔާގެ ޚަލީލު (ބެސްޓް ފްރެންޑް)، އަބޫބަކުރުގެފާނެވެ.
عن إبراهيم التيمي ( أن أبا بكر الصديق سئل عن قول الله تعالى: ﴿وَفَاكِهَةً وَأَبًّا﴾ فقال: أي سماء تظلني؟! وأي أرض تقلني؟! إن أنا قلت في كتاب الله ما لا أعلم )
ފަހުގެ ތާބިޢީ ބޭކަލެއް ކަމުގައިވާ އިބްރާހީމް އައް ތައިމީ، އަބޫބަކުރުގެ ފާނާއި ކުރެވުނު ސުވާލަކާއި ގުޅިގެން (އައް ތައިމީ އަކީ ފަހުގެ ތާބިޢީ ބޭކަލެއް ކަމުން އެބޭފުޅާ އަބޫބަކުރުގެ ފާނާއި ދިމާ ނުވާކަމަށް ބަޔާން ކުރަށްވާ ޙަދީޘް ޢިލްމުވެރިން ވިދާޅުވެފައިވަނީ، އައްތައިމީއަކީ އިބްނު ޢައްބާސް އަދި އިބްނު މަސްޢޫދު،މި ދެ ޞަހާބީންގެ ދަރިވަރެއްކަމުގައި ވާތީވެ އައްތައިމީ މި ޙަދީޘް ރިވާކުރަށްވާފައިވަނީ އެދެބޭފުޅުން ކުރެ ބޭފުޅެއް މެދުވެރިކޮށެވެ) ރިވާކުރަށްވާފައިވާ އަޘަރެއްގައި ވެއެވެ.
"﴿وَفَاكِهَةً وَأَبًّا﴾ މާތް ﷲގެ މި ވަޙީ ބަސްފުޅުގެ މާނައާއި ބެހޭގޮތުން އަބޫބަކުރުގެފާނާ ސުވާލު ދެންނެވުނު ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ﷲ ގެ ފޮތާމެދު ތިމަންކަލޭގެފާނަށް އެނގި ކަށަވަރުވެވަޑައިނުގަންނަވާ އެއްޗެއް ބުނެވިއްޖެނަމަ ކޮން އުޑެއްތޯ ތިމަން ކަލޭގެފާނަށް ހިޔާދޭނީ؟ އަދި ތިމަންކަލޭގެފާނު އުފުލައި ޤަބޫލު ކުރާނީ ކޮން ބިންގަނޑެއްތޯ ؟"
ހިތްމައްޗަށް ގެނެސްގަންނަވާށެވެ. ވިސްނާލަށްވާށެވެ. ޤުރުއާނުގެ އެތަކެއް ލަފްޒުތަކެއްގެ ތަފްސީރު އެކަލޭގެފާނު ދެއްވި، އެތަކެއް ޙަދީޘެއް ރިވާކުރެއްވި، އިސްލާމް ދީނުގެ އެތަކެއް ޙުކުމްތަކެއް ބަޔާންކޮށްދެއްވި، ކަންކަމާއިމެދު އެކަލޭގެ ފާނު ގޮތް ނިންމަވައި ވިދާޅުވެފައިވާ ބަސްފުޅުތައްވެސް އިސްލާމީ އުންމަތުގެ އެންމެހައި ޢިލްމުވެރިންގެ ތެރޭގައިވެސް ޤަބޫލުކުރެވެނިވި ޙުއްޖަތަކަށް ވާއިރު، "وَأَبًّا" މި ލަފްޒުގެ މާނަ އަބޫބަކުރުގެ ފާނަށް އެނގިވަޑައި ނުގެންނެވީ ހެއްޔެވެ؟! ނޫންމެއެވެ. އެހިނދަށް އެލަފްޒުގެ މާނަ ކަށަވަރު ވެވަޑައިނުގެންނެވީމައި ﷲގެ ޙަޒްރަތައް ބިރުވެތިވެލަށްވައި ވަރަޢަވެރި ވެލެއްވީއެވެ.
އަދި، އަހުލުއް ސުންނަތުގެ ހަތަރު މަޒްހަބުކަމުގައި އިސްލާމީ ޢިލްމުވެރިން ބަލައިގެންފައިވާ ހަތަރު މަޒުހަބުގެ އިމާމުންގެ ތެރެއިން، އިމާމު ދާރުލް ހިޖްރަ ނުވަތަ މަދީނާގެ އިމާމުގެ ނަމުން މަޝްހޫރުވެފައިވާ، މާތް ﷲ ރަޙްމަތްލެއްވި އިމާމް މާލިކު، މަސްޖިދުއް ނަބަވީގައި އިންނަވަނިކޮށް ޢާންމުންގެ މީހަކު އައިސް އެކަލޭގެފާނާއި ދީނީ ސުވާލުތަކެއް ކުރެއެވެ. އެއް ސުވާލަށްވުރެ ގިނަ ސުވާލު ކުރެއްވުވުންވެސް އިމާމު މާލިކްގެފާނު ތަކުރާރުކޮށް ދެއްވި ޖަވާބަކީ، "ތިމަން ކަލެގެފާނަށް (ތިޔަ ސުވާލުގެ ޖަވާބު) ނޭނގެއެވެ"
ސުވާލު ކުރި މީހާ ހިތްހަމަ ނުޖެހި ހުރެގެން އިމާމް މާލިކަށް ނިޞްބަތް ކުރަށްވައި ބުންޏެވެ. މުސްލިމުންގެ އިމާމަކަށް އެވަރުގެ ސުވާލެއްގެ ޖަވާބު ނޭނގޭހެއްޔެވެ؟ ޖަވާބުގައި މާލިކުގެ ފާނު ވިދާޅުވިއެވެ. އާދޭހެވެ. މުޅި މަދީނާގެ އަވައްގަނޑުތެރަށް ނިކުމެ އެވާހަކަތައް ގޮވާށެވެ. އިމާމް މާލިކަށް އެއްވެސް އެއްޗެއް ނޭނގޭވާހަކަ ކިޔާށެވެ.
ނަމަވެސް މިއަދުގެ ހާލަތު ވިސްނާލަމާ ހެއްޔެވެ؟ ދެ އަހަރަކު ކިޔަވަވައިލާ އިރަށް ދަރިވަރުން މިފަށަނީ ފަތުވާ ދޭންށެވެ. ގޫގުލްގައި އިނގިރޭސި ބަހުން ނުވަތަ އެހެން ބަހަކުންނަމަވެސް ސުވާލު ލިޔެލައި ސާރޗް ކޮށްލައި ފަތުވާ ދެވެނީއެވެ.
އާދޭހެވެ. އިންޓަރނެޓަކީ ޢިލްމީ ވަޞީލަތެކެވެ. އެހެންނަމަވެސް ރަނގަޅާއި ނުބައި ފެނުނީމައި، ތިބާއަށް ލިބިފައިވާ ކަށަވަރު ޢިލްމަކުން، އިންޓަރނެޓުގައިވާ ރަނގަޅާއި ނުބައި ދެނެގަނެވޭ ފަދަ ޢިލްމެއް ޙާޞިލު ކުރެވިފައި ނުވާނަމަ، އަސާސީ މަޞްދަރު ނުވަތަ ފަތުވާގެ ގޮތުގައި ސައިޓުތަކުން ތަރުޖަމާކޮށް ފަތުވާ ނަގައިގެން، ޚާއްޞަކޮށް އެހެން މީހުންނަށް ބުނެދިނުމަކީ ހުއްދަކަމެއް ނޫނެވެ.
ނުވަތަ، ހަމައެކަނި ޙަދީޘެއް ނުވަތަ އާޔަތެއް ލަފްޒީ މާނައާއެކު ހިތުދަސް ވެގެން، ނުވަތަ އިނގިރޭސި އަދި ޢަރަބި ބަސް އެނގޭތީވެ، ލިޔެވިފައިވާ ގިނަ ދީނީ ފޮތްތައް ކިޔައި ދޭހަވާން އެނގުމީ، ޙައްސާސު މައްސަލަތަކާއި އިޚްތިލާފް މައްސަލަތަކާއި އަދި އަލަށް އުފަންވާ މައްސަލަތަކުގައި އެހެން މީހުންނަށް ދީން ބުނެދޭންޖެހޭ މިންވަރަށް ތިބާ ރޯފިލީކީ ނޫން މެއެވެ.
އަދިހަމަ ޞައްޙަ ޢިލްމު އުނގެނިގެން ތިއްބެވި ޢިލްމުވެރީންވެސް، މުޅި ޤައުމުގެ ޢާންމު މަޞްލަޙަތާއި ގުޅިފައިވާ ކަންކަމުގައި ޓްވިޓަރ އަތްގަނޑިގައި ނުވަތަ ވައިބަރ ގްރޫޕްތަކުގައި ފަރުދީ ފަތުވާ ޢާންމުކޮށް، އެއާއި ރައުޔު ތަފާތުވާ އެހެނިހެން ޢިލްމުވެރިންނާ ޢާންމު މަންސަތަކުގައި "ޒުވާބު" ވައްތަރު ބަހުސްކޮށް ޖަދަލުކުރުމަކީވެސް އިސްލާމީ ބޮޑެތި ޢިލްމުވެރިން ދެއްކެވި ނަމޫނާއެއްވެސް ނޫންމެއެވެ.
ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި އިސްލާމް ދީނުގެ މަންހަޖަކީ، އެމަސްއޫލިއްޔަތު އަދާކުރުމުގައި ދަޢުލަތާއި ފަރުދުން އެއްހަމަ ވުމެއް ނޫނެވެ. ފަރުދުންގެ ފެންވަރުގައި ކުރަންޖެހޭކަންކަން ފަރުދުން ކުރާނީއެވެ. ފަރުދުންގެ އެންމެ މުހިންމު މެންޑޭޓަކީ ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް، އިސްލާޙުވެ އިޞްލާޙު ކުރުމެވެ. އަދި އެހެނިހެން މީހުންނާއި މުޅި މުޖުތަމަޢު އިޞްލާހު ކުރުމުގައި ޢާންމު ފަރުދުންގެ ދައުރަކީ، އިޚްލާޞްތެރި ނަޞީޙަތާއި ދުޢާ އެވެ. އަމުރުކުރުމާއި އިންޒާރު ދިނުމާއި ފިޔަވަޅު އެޅުމަކީ ފަރުދުންގެ މެންޑޭޓެއް ނޫނެވެ. އެއީ ޓްވިޓަރ އަދި ފޭސްބުކްގައި ކަމަށް ވީނަމަވެސް މެއެވެ.
ދައުލަތުގެ ފެންވަރުގައި ކުރަންޖެހޭ ކަންކަން ދައުލަތުން ކުރުމަށް ދައުލަތައް ނަޞީޙަތްތެރި ވާނީ ޢިލްމުވެރީންނެވެ. ޢިލްމުވެރީންގެ އިޚްލާޞްތެރި ނަޞީޙަތް އައްސަވައި ޢަމަލުކޮށް ފިޔަވަޅު އަޅުއްވާނީ ވެރިންނެވެ. އިސްލާމީ، ޞައްޙަ ސާފު މަންހަޖަކީ މިއީ އެވެ. މުސްތަޝްރިޤުންގެ ދަންތުރައިގައި ޖެހި، ޙަމާސް އަރައިގެންގޮސް އިސްލާމީ ރިވެތި މަތިވެރި އުސޫލުތައް ހުތުރު ކުރުމަށް އެބައިމީހުން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީގެ ބޮޅަކަށް، ޢިލްމުވެރިންނާއި، ޢިލްމަށް ލޯބިކުރަށްވާ ދަރިވަރުންނާއި، ނޫކަށިފުރައިގެ ޒުވާނުންނާއި އަދި އެންމެހައި ރައްޔިތުންވެސް ނުވަމާ ހެއްޔެވެ. ދިވެހި އުންމަތުގެ ނޫކަށިތަށް މުރަނަ ހަރެއްވެ، ޤައުމުގެ މައިބަދަ ބިނދި ހިގައިދާނެއެވެ.