Ad
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ -
: ފޮޓޯ: އެންޑީއޭ
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ - : ފޮޓޯ: އެންޑީއޭ

މަސްތުވާތަކެތީގެ މައްސަލަ ވަނީ އިޖުތިމާޢީ ގިނަ މައްސަލަތަކާ ގުޅިފައި: ޖެންޑަރ މިނިސްޓަރ

މަސްތުވާތަކެތި ބޭނުންކުރުމާބެހޭ ޤައުމީ ސިޔާސަތާއި، "ސްޓްރެޓެޖިކް ޕްލޭން" އަދި "ކޮސްޓެޑް ވަރކް ޕްލޭން" އެކުލަވައިލުމާއި، އަންހެނުންނަށާއި ކުޑަކުދިންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުން މުހިންމު - ޖެންޑަރ މިނިސްޓަރ -

މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ވަނީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ގިނަ މައްސަލަތަކާ ގުޅިފައި ކަމަށާއި، މި ވަބާގައި ޖެހޭ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ވެސް އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

"ޕްލޭސްހޯލްޑަރ ފޮރ މޯލްޑިވްސް މެޑިކޭޝަން އެސިސްޓެޑް ޓްރީޓްމަންޓް (އެމް.އޭ.ޓީ) ބްރީފިންގ" ގައި ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ އިތުރަށް ވިދާޅުވެފައި ވަނީ، މިހާރު ކުރިމަތިވެފައިވާ އާލަމީ ވަބާގެ ތެރެއިން ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މިނިސްޓްރީން ޚާއްޞަ ސަމާލުކަމެއް ދީގެން ހިންގި ޕްރޮގްރާމްތަކުގައިވެސް އެންމެ ބޮޑަށް ފާހަގަކުރެވުނު ބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ. އެ ގޮތުން، މަސްތުވާތަކެތި ބޭނުންކުރާ ޖުމުލަ 400 އެއްހާ ފަރާތަށް ޚިދުމަތްދިނުމުގައި އެން.ޑީ.އޭއިން ހަރަކާތްތެރިވެ، އެފަދަ މީހުންނަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި އަދި އަވަސް ފަރުވާގެ ތެރެއިން މެޑިކަލް ޑިޓޮކްސިފިކޭޝަން ދެވުނުކަމަށްވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާކަމަށާއި އަދި އެ ކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ، އެ ފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާދީ ރިހެބިލިޓޭޝަނާއި ރީއިންޓަގްރޭޝަންގެ ތެރެއިން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ހުރުން ކަމަށާއި، މަސްތުވާތަކެތީގެ ވަބާ މުޖުތަމަޢުގައި މިއަދު އަށްގެންފައިވާ ނިސްބަތަށް ބަލާއިރު އެ މައްސަލަ ޙައްލުކުރުމަށް އިސްލާޙުކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޔޫ.އެސް ޑިޕާޓްމެންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އަދި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ބްރީފިންގައި ޖެންޑަރ މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ގެންގުޅޭ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހިފައިވެއެވެ.

އެގޮތުން، "އެވިޑެންސް ބޭސްޑް"، "ނީޑް ބޭސްޑް" އަދި "ކޮމިއުނިޓީ ބޭސްޑް އިންޓަރވެންޝަން" ޕްރޮގްރާމްތަކުގެ މައްޗަށް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވުމާއެކު، މަސްތުވާތަކެތި ބޭނުންކުރުމާބެހޭ ޤައުމީ ސިޔާސަތާއި، "ސްޓްރެޓެޖިކް ޕްލޭން" އަދި "ކޮސްޓެޑް ވަރކް ޕްލޭން" އެކުލަވައިލުމާއި، އަންހެނުންނަށާއި ކުޑަކުދިންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މުހިންމުކަންވެސް މިނިސްޓަރުގެ ވާހަކައިގައިި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *