ބޮޑެތި ކުށްތަކަށް އަރައިގަންނަ ކުޑަކުދިންގެ އަދަދު ގިނަވެފައިވުމާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ފުރިހަމައަށް ތަންފީޒުނުވެ ވަނިކޮށް، މަރުގެ މައްސަލަތަކުގައި ކުށުގެ ޒިންމާނަގަންޖެހޭ އުމުރު 18 އަހަރަށް ބަދަލުކުރުމަކީ ހެދޭ ވަރަށްބޮޑު ގޯހަކަށްވުން އެކަށީގެންވާކަމަށް، ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް މުޙްތާޒް މުޙްސިން ވިދާޅުވެއްޖެއެވެ.
މަޝްހޫރު ޤާނޫނީ ވަކީލެއްކަމުގައިވެސް ވެވަޑައިގަންނަވާ މުޙްތާޒް މިފަދައިން ވިދާޅުވެފައި މިވަނީ، ކުޑަކުދިން ކުރާ މެރުމުގެ ކުށްތަކަށް ޤާނޫނުގައި މިހާރު ކަނޑައެޅިފައިވާ އަދަބު އުވާލުމުގެ އިޞްލާޙަކާއެކު، ޤާނޫނު ނަމްބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު ރައްޔިތުންގެ މަޖްލީހުގެ 73 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބެވި މިއަދު ޖަލްސާގައި ހަވީރު ނެގުނު ވޯޓުން 56 މެމްބަރުންގެ ތަޢީދާއެކު ފާސްކުރެއްވުމުގެ މިނެޓުކޮޅެއް ކުރިންނެވެ.
"އުމުރުން 18 އަހަރު ވިއަސް ނުވިއަސް ހައްދުގެ މައްސަލަ ތަކުގައި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހަމަތަކުން އެމީހަކާއި ދޭތެރޭގައި އަމަލު ކުރެވެންޖެހޭނެ. އެނޫންގޮތަކަށް ގާނޫނުތަކުގައި ހިމެނުއްވުމަކީ ގާނޫނު އަސާސީ އާއި ޚިލާފްވުން"
ކުޑަކުދިން ކުރާ މެރުމުގެ ކުށްތަކަށް ޤާނޫނުގައި މިހާރު ކަނޑައެޅިފައިވާ އަދަބު އުވާލުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖްލީހުން މިއަދު ފާސްކުރެއްވި ބިލާ ގުޅިގެން، މުޙްތާޒް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖްލީހުން މިއަދު ފާސްކޮށްފައިވާ ބިލުގައި ބުނެފައި ވަނީ، ޢުމުރުން 18 (އަށާރަ) އަހަރު ފުރުމަށް ފަހުގައިވެސް ޢުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން، ކުއްޖަކު ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެކަމަށާއި، އަދި އެއްވެސް ޤާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް، ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ޙާލަތުގައި އެކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިންބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަންވާނެއެވެ.
އެހެންނަމަވެސް، މިހާރު އަދި ޢަމަލު ކުރެވެމުންދާ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ، ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދަޢުވާގެ ޝަރީޢަތް ފުރިހަމަކުރުމަށްފަހު، އެކުއްޖާއާމެދު ތުހުމަތުކުރެވޭ ކުށް އެކުއްޖާ ކޮށްފައިވާކަމަށް، އެ ކުށް ސާބިތުކުރުމަށް އޮންނަ ޤާނޫނީ މިންގަނޑުން ސާބިތުކުރެވިއްޖެނަމަ، އެކުއްޖާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ފަނޑިޔާރު މައްސަލަ ނިންމަންވާނެކަމަށެވެ.
އެހެންނަމަވެސް، އެކުއްޖާއާމެދު ފިޔަވަޅުއެޅުމަށް (އަދަބު ކަނޑައަޅައި ތަންފީޒުކުރުމަށް) ޤާޟީ ނިންމަންވާނީ، ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކުރެވޭ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓާއި، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ރިޕޯޓުގައިވާ ކަންކަމަށް ރިޢާޔަތްކުރުމަށް ފަހުގައިކަމަށްވެސް، މިހާރު ޢަމަލުކުރެވެމުންދާ ކުޑަކުދިންގެ ޢަދުލު ޤާނޫނޫގައި ބުނެފައިވެއެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިސްލާހުގެނެސް ރައްޔިތުންގެ މަޖްލީހުން މިއަދު ފާސްކުރެވުނު ބިލު ޤާނޫނަކަށް ވެގެންދާނީ، ރައީސުލް ޖުމްހޫރިއްޔާ އެބިލު ތަޞްދީޤު ކުރެއްވުމުންނެވެ.
މީހުން މެރުމުގެ ކުށަކީ އެކުށުގެ ޢުޤޫބާތް އިސްލާމް ދީނުގެ އެންމެ މުހިންމު އަޞްލުކަމުގައިވާ ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން ސާބިތުބެ އިޖްމާޢުގެ އަޞްލުންވެސް ކަށަވަރުވެފައިވާ ކުށެކެވެ. އަދި، ޢުމުރުން 18 އަހަރު ނުވިކަމުގައި ވީނަމަވެސް، ޝަރުޢީ މިންގަނޑުން ފުރިހަމައަށް ބާލިޣުވެއްޖެނަމަ މިޢުޤޫބާތް ކަނޑައަޅޭނެކަމީވެސް އިސްލާމްދީނުގެ އަޞްލުތަކުން، އަހުލުއް ސުންނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިންގެ އަރިހުގަައި އެކަމާމެދު އެއްވެސް ޚިލާފެއްނެތ،ި ސާބިތުވާ ކަމެކެވެ.
އަދިހަމަ، "ދައުލަތުގެ ދީން" ބަޔާންކޮށް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީންކަމާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމާއި، އަދި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ކަނޑައަޅައި، ޞަރީޙަ ނައްޞުން ސާފުކޮށް ބަޔާންކޮށްފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.




