ފްރެންޗް ލީގުގައި މޮންޓެޕިލިއޭ ކޮޅަށް ވައްދާލި ލަނޑާ އެކު ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އެޓީމަށް 100 ލަނޑު ހަމަކޮށްފި އެވެ.
އުމުރުން 21 އަހަރުގެ އެމްބާޕޭ އަކީ ޕީއެސްޖީ އަށް 100 ލަނޑު ހަމަކޮށްދިން ފަސް ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މި ޝަރަފް ހާސިލްކޮށްފައިވަނީ 200 ލަނޑު ޖަހައިދިން އެޑިންސަން ކަވާނީ އާއި 156 ލަނޑު ޖެހި ޒަލަޓަން އިބްރަހިމޮވިޗްގެ އިތުރުން 109 ލަނޑު ޖެހި ޕައުލެޓާ އާއި 100 ލަނޑު ކާމިޔާބުކޮށްދީފައިވާ ޑޮމިނިކް ރޮހެޓެއޫ އެވެ.
މޮނާކޯގައި މޮޅު ކުޅުމެއް ދައްކައި އެ ކްލަބަށް 27 ލަނޑު ކާމިޔާބުކޮށްދިން އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 165 މިލިއަން ޕައުންޑުގެ ޑީލެއްގެ ދަށުންނެވެ. ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ވެސް އެމްބާޕޭ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
އެމްބާޕޭ 100 ލަނޑު ހަމަކުރީ 137 މެޗުންނެވެ.