Ad
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް. ފޮޓޯ:ރައީސްއޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް. ފޮޓޯ:ރައީސްއޮފީސް

އިޖުތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ނޫސްވެރިން މިހާރަށްވުރެ ފުޅާ ދައުރެއް އަދާކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ޤައުމަށް ކުރިމަތިވެފައިވާ އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިން މިހާރަށްވުރެ ފުޅާ ދައުރެއް އަދާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މިޑިއާ ކައުންސިލުން މިރޭ ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ޙަފުލާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ފައްޓަވަމުން މިރޭ ބޭއްވި ޙަފުލާގައި އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ހުރިހާ ނޫސްވެރިންނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ނޫސްވެރިކަން ކުރުމުގެ މިނިވަން، ވާދަވެރި ޖައްވެއްކަން ފާހަގަކުރައްވައި، ހުރިހާ ނޫސްވެރިންވެސް ޤައުމު ބިނާކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ޒަމާނީ ޑިމޮކްރެސީއެއްގައި ނޫސްވެރިންގެ ދައުރާއި ޒިންމާދާރު ނޫސްވެރިކަން އޮންނަންވީ ގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ނޫސްވެރިންގެ ޒިންމާއަކަށް ވާނީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން ކަމުގައެވެ. އެގޮތުން އިޖުތިމާޢީ ބޮޑެތި މައްސަލަތައް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް އެމައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ދެ ދާއިރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކޯވިޑް-19އާ ގުޅިގެން އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަނެ އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް ނޫސްވެރިން ފުޅާދައުރެއް އަދާކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އޮތް ހާލަތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެއިރު މަސައްކަތް ކުރަމުން ގޮސްފައިވަނީ ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް، ފިޔަވަޅު އެޅުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އެ ޘަޤާފަތް މުޅިން ބަދަލުކުރައްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ދާއިރާއާ އަލަށް ގުޅޭ ނޫސްވެރިންނަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫސްވެރިއެއްގެ ޒިންމާ އަދާކުރަން ނުކުންނަން ވާނީ ޤައުމު ބިނާކުރުމުގެ ވިސްނުމާއެކު، އެ ގޮތުގައި ކުރިއަށް ދިއުމަށް ޢަޒުމް ކަނޑައަޅައިގެން ކަމުގައެވެ. އަދި މެސެޖު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނުވަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ ހަނދާންތައް އައުކުރައްވައި، އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގައި ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *