Ad
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިޔާގެ ލޯނުތަކަކީ ދިވެހި ގައުމަށް އޮތް ނުރައްކަލެއް ނޫން: ޚާރިޖީ ވަޒީރު ޝާހިދު

މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވަނީ ބޭރުގެ އެހީ އާއި ލޯނު ނަގާނީ ވަކި ގައުމަކަށް ބުރަ ނުވާނެ ގޮތަށް ބައްލަވައިގެން ކަމަށް

ޖަރުމަނުވިލާތުގެ ވެރިކަމަށް ހިޓުލަރަށް އާދެވުނީ އޭރު އެމެރިކާއިން ނަގާފައި ހުރި ލޯނުތައް ޖަރުމަނަށް އަނބުރާ ނުދެއްކިގެން އެޤައުމަށް ކުރިމަތިވި ތަދުމަޑުކަމުގެ ސިޔާސީ މަންފާ ހޯދައިގެންނެވެ. މިއީ މިއަދުގެ ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުން އެކަމަކާމެދު ވަރަށް ބޮޑަށް ސަމާލުވެ ހުށިޔާރުވާ ހަގީގަތެކެވެ. އެހެންނަމަވެސް ބައެއް ގައުމުތަކުން އެ ގައުމުތަކުން ބޭރުގެ ދަރަނި ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހާލަތްތައްވެސް މެދުވެރިވެފައި އެބަހުއްޓެވެ.

އިގްތިސާދީ އަދި މާލީ އަޅުވެތިކަމަކީ މިޒަމާނުގައި ބޮޑެތި ގައުމުތަކުން ބަރުހަތިޔާރުގެ ހަނގުރާއަކާ ނުލާ ގައުމުތައް އަޅުވެތި ކުރުމަށް ގެންގުޅޭ އުކުޅެކެވެ. ހިކުމަތެކެވެ. މިކަން އެންމެ ފުރަތަމަ ފެށީ އެމެރިކާއިންނެވެ. މިހާރު އެކަމުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޗައިނާގެ މިހާރުގެ ޒަޢާމަތުން ތިން ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށް، ދުނިޔޭގެ އެކި ބައްރުތަކުގައި އަގުބޮޑު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ޤާއިމުކުރަމުން ގެންދަނީ މިދެންނެވި ތިން ޓްރިލިއަން ޑޮލަރުގެ ބަޖެޓުން ލޯނު ދީގެންނެވެ. މިމަޅީގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ޖެހި، ޗައިނާއަށް އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި މިލިޓަރީ ގޮތުންވެސް ބައެއް ގައުމުތަކުން ބަރޯސާވާން މަޖުބޫރުވިއެވެ. އަވަށްޓެރި އިންޑިޔާ އާއި ޕާކިސްތާނަށް އެކަނި ބެލި ނަމަވެސް މި ހަގީގަތް ސާފުކޮށް ފެންނާން އެބައޮތެވެ.

ދިވެހި ރާއްޖޭގައި ވެސް މިހާރު އުފެދިގެން މިއުޅެނީ އެ ބަހުސެވެ. އިންޑިޔާތޯ ޗައިނާތޯ މި އަންނަނީ ނަގާ ލޯނުތަކުގެ ގޮތުންނެވެ. އަދި ލޯނުތަކާއެކު ދޭދޭ ގައުމުތަކުގެ މެދުގައި ބާއްވާ ގުޅުމުގެ ސިއްރުތަކާއި މަގުސަދުތަކާމެދު އެވެ. ވަކި ގައުމަކުން މާގިނަ ލޯނު ނެގުމުން ގައުމުގެ ދަރަނީގެ ތިލަފަތް އެގައުމެއްގެ ކޮޅަށް ބުރެ، ލޯނުދިން ގައުމުގެ ނުފޫޒުގެ ދަށަށް ރާއްޖެ ހިނގައިދާނެކަމުގެ ނުތަނަވަސްކަން ރައްޔިތުންގެ މަޖިލީހުގައި ތަކުރާރުކޮށް މެންބަރުން ފާހަގަކުރުމުން، ފައިނޭންސް މިނިސްޓަރު އިބްރަޙިމް އަމީރު ވިދާޅުވެފައިވަނީ ގައުމުތަކުން ދަރަނި ނެގުމުގައި ސިންގަލު އެކްސްޕޯޝަރ ލިމިޓު ގާއިމް ކުރެވިދާނެ ކަމަށެވެ. މާނައަކީ ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވާ ގޮތަށް ބޭރުގެ ދަރަނި ހޯދުމަކީ އެންމެ ރަނގަޅު އުސޫލު ނޫން ކަމެވެ؛ އެހެންނަމަވެސް އެއީ އެ ލޯނުތައް ދެއްކުމުގައި ދެގައުމުން އެއްބަސްވާ އުސޫލުތަކުގެ ގޮތުންނެވެ.

ދުނިޔޭގެ ގައުމުތަކުގެ މާލީ އަދި އިޖުތިމާއީ އަދި ޖިއޯޕޮލޮޓިކްސްގެ ހަމަތައް ހިފަހައްޓަމުން ގެންދެވޭތޯ މަސައްކަތްކުރަނީ ވަކި ގައުމަކަށް ބަރޯސާނުވެއެވެ. ޔޫރަޕުގެ ގައުމުތަކުން ވެސް ކޮންމެ ގައުމެއް ވެސް ބަލަނީ އެގައުމެއްގެ އަމިއްލަ ކޮންޓްރޯލު އޮންނަ އިގުތިސޯދެއް އަދި ފައިނޭންޝަލް މާހައުލެއް އަދި ތަރައްގީގެ ކަންތައްތައް ވެސް ބެހެއްޓުމަށެވެ. ސަބަބަކަށް ވަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ މިކަންކަން ގުޅިލާމެހިފައި ވާތީއެވެ.

ދުނިޔޭގެ ތާރީޚަށް ޖެހިލަމާ ހެއްޔެވެ؟ ގައުމުތައް އަޅުވެތިކުރި ކުރުމަށް ނަޒަރުކުރަހާ ހެއްޔެވެ؟ މިފަދަ ކޮންމެ ހާދިސާއަކުން ވެސް ފެންނަނީ އިގްތިސާދީ މާލީ އަދި މިލިޓަރީ މަންފާ ހޯދުމެވެ. އިނގިރޭސީންނާއި ޕޯޗުގީޒުންގެ ވާހަކަތަކަށް ބަލާއިރު ވެސް އެހާ ކުރިން ވެސް ގައުމުތައް އިގްތިސާދީ ގޮތުން އަޅުވެތިކޮށްގެން ގެންގުޅުމުގެ ވިސްނުމުގެ އޮއިވަރު ތާރީޚު ދިރާސާކުރުމުން ފެންނާން އެބައޮތެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި އިގްތިސާދީ މިނިވަންކަމާއި މިފަދަ ވަރަށް މުހިއްމު ކަންކަން ބިނާވެފައި އޮންނާނީ ޚާރިޖީ ސިޔާސަތުގެ މައްޗަށެވެ. ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތަށް ބަލާލަމާހެއްޔެވެ؛ "ޚާރިޖީ ގުޅުންތައް ބަދަހި ކުރަމުން ގެންދާނީ ގައުމުގެ ސިޔާދަތަށް ނުރައްކާނުވާނެ ގޮތަށް"

ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވަނީ ބޭރުގެ އެހީ އާއި ލޯނު ނަގާނީ ވަކި ގައުމަކަށް ބުރަ ނުވާނެ ގޮތަށް ބައްލަވައިގެން ކަމަށެވެ. އަދި އެއްކަމެއް އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވިއެވެ؛

"ކަންބޮޑުވެވަޑައިނުގަންނަވާ. އިންޑިޔާއަކީ ދިވެހިންގެ ދުޝްމަނެއްނޫން. އިންޑިޔާގެ ލޯނުތަކަކީ ދިވެހި ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން. އިންޑިޔާއާއި އަދި އެހެން ގައުމުތަކާވެސް ރާއްޖެއިން ގުޅުން ބަދަހި ކުރަމުން ގެންދަނީ ރާއްޖޭގެ ސިޔާސަދަށް އަސަރު ނުކުރާނެކަން ޔަގީންކުރަމުން، ރާއްޖެއިން އަބަދުވެސް ގެންގުޅެމުން އަންނީ އިންޑިޔާ ފަސްޓް ފޮރިން ޕޮލިސީއެއް. އެކަން އެގޮތުގައި ދެމިއޮންނާނެ." އިންޑިޔާގެ މީޑިޔާއަކަށް ޝާހިދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.

ޝާހިދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތީ "އެއްބަނޑުއެއްބަފާ" ގުޅުމެއް ކަމަށާއި ދިވެހިންނާއި ދިވެހި ރާއްޖެއަށް މަންފާހުރި ކަންކަމުގައި އިންޑިޔާގެ އެހީ އަބަދުވެސް ދިވެހިންނަށް ލިބޭނެ ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާއާއެކު ބޭއްވެވި އާދަޔާ ޚިލާފު ގާތްކަމުގެ ނަތީޖާއެއްގެ ގޮތުން، އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރު އައިއިރު އޮތީ ޗައިނާގެ ދަރަނި ބިލިއަން ޑޮލަރުގައެވެ. އަދި އެ ދަރަނި ރީސްޓްރަކްޗަރ ކޮށްފައި ނުވާތީ، ލޯނު ދެއްކުން ބުރައަކަށް ވެދާނެ ކަމުގެ ނުތަނަވަސްކަން ރައްޔިތުންގެ މަޖިލީހުގައި ފާޅުކުރުމުން ޝާހިދު ވިދާޅުވެފައި ވަނީ، ޗައިނާއާއެކު ކުރެވެމުންދާ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށާއި ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމަށެވެ. އެކަމަށް ބާރު ލިބުނީ ޗައިނާގެ ސަފީރުގެ ޓްވީޓަކުން ރާއްޖޭގެ ދަރަނި ދެއްކުމުގެ ބުރައަށް ލުއި ދޭން ޗައިނާ ތައްޔާރަށް އޮތްކަމަށް ވިދާޅުވުމުންނެވެ.

ސޯލިހުގެ ވެރިކަމުގެ މިހާތަނަށް އައިއިރު ބޭރުގެ ދަރަނި ބޮޑުވަނީ އިންޑިޔާކޮޅަށެވެ. މިކަމުގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވުމުން ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ "އިންޑިޔާގެ ލޯނުތައް ޗައިނާގެ ލޯނުތަކަށްވުރެ ލުއި" ކަމަށާއި ލޯނު ދެއްކުމުގައި ފަސޭހަ ގޮތްތަކެއްގެ ހުށަހެޅުންތައް އެބަހުރި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދާދި ފަހުން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ދިރާސާކަރުދާހެއްގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންގައި ވާގޮތުގައި، ރާއްޖޭގެ އިންޓާނަލް އަދި އެކްސްޓާނަލް ލޯނުތައް ރީސްޓްރަކްޗަ ކުރުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *