ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި އެންމެ ކާމިޔާބުކަމަށް ބުނެއުޅެވާ "ޑިމޮކްރަސީ" އޭ ކިޔުނު ނިޒާމުގައި، ހަނގުރާމައިގެ މައިދާނުގައި ބަރުހަތިޔާރުގެ ބާރަށް ވުރެވެސް ނުފޫޒުގަދަ ހަތިޔާރަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. ތިން ބަހުގެ ޖުމްލައަކުން ނަންދެވިފައިވާ ބުނެވިދިޔަ ބާރަކީ، ޒަމާނީ ޑިމޮކްރަސީތަކުގައި ހަތަރުވަނަ ބާރުކަމުގައި، ދުނިޔޭގެ ހުރިހާ ލެބޯރެޓަރީއެއްގައި ކުރެވުނު ތަހުލީލުތަކުގެ ނަތީޖާއިންވެސް ފައްސިވެފައިވެއެވެ.
ލޮލަށް ފެންނަ މަންޒަރާއި، ކަންފަތަށް އިވޭ އަޑުތަކާއި މެދު ސިކުނޑިން ވިސްނާލައިފައި، އެ ގަދަފަދަ ހަތިޔާރު ނުވަތަ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ހަގީގަތާއި މެދު އަޅުގަނޑުގެ "ބޯދާ" ވިސްނުންވެސް ހަމަ ވާންޖެހޭނީ "ފްރީޑަމް އޮފް އެކްޕްރެޝަން" އަށް ކަމުގައިވުމުން އަޅުގަނޑަށްވެސް ހައްޤުމިންވަރެއްވެސް އޮންނާނެކަމަށް ގަބޫލުކުރެވޭހިނދު ބުނެލަމެވެ.
ކުރުކޮށް ބުނާނަމަ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ މިކިޔޭ އެއްޗަކީ، އިސްލާމް ދީނުގެ ޢަދުއްވުން ކޮށްގެން އުޅޭ "ނަހަލާލު ކައިވެންޏަކުން" އުފަންވެފައިވާ "އެއް މާބަނޑު ދެބެއިން" ކުރެ އެކަކެވެ. އަނެކަކީ "ދީނީ މިނިވަން ކަން" އެވެ.
މުސްލިމުންގެ އިތުރަށް މުޅި އިންސާނިއްޔަތައްވެސް އުޚްރަވީ ގޮތުންނާއި އަދި ހަމަ ދުނިޔެވީ ޙަޔާތުގައިވެސް އެންމެ މަންފާކުރަނިވި ގޮތްތަކަށް ޙައްޤުތައް ކަށަވަރު ކޮށްދީފައިވާ އިސްލާމް ދީނުގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ބްރޯޑު ކާސްޓިންގ ކޮމިޝަން ނުވަތަ މީޑިއާ ކައުންސިލަށް ވުރެވެސް ފުރިހަމަ މޮނިޓަރިން ނިޒާމެއްގެ ތެރެއިން، އެހާމެ "ކުރު ފޮނި" ފުރިހަމަ ގައިޑުލައިންތަކާއިވެސް އެކުގައެވެ.
މީޑިޔާގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން މޮނިޓަރ ކޮށް ބެލެހެއްޓުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ މިނިވަން މުއައްސަސާއެއްވެސް ނެތްކަމަށް ހީފުޅު ކުރަށްވާނަމަ، އެ ކުށްހީގެ ޖަވާބަކަށް، ޤާފު ސޫރަތުގެ 18 ވަނަ އާޔަތް ފުދޭ ނޫންތޯއެވެ!
{مَا يَلْفِظُ مِنْ قَوْلٍ إِلا لَدَيْهِ رَقِيبٌ عَتِيدٌ}
(އޭނާގެ ކައިރީގައި މަލާއިކަތަކު ހާޒިރުވެ ނެތި، އިންސާނާއަށް ބަހެއްގެ މިންވަރުވެސް ނުބުނެވެތެވެ)
އިސްލާމް ދީނަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެވިފައި ނުވާ ދީނެއްކަމަށް ކުށްހީ ކުރެވެމުންދާ ފަރާތްތަކަށް، ކީރިތި ނަބިއްޔާގެ އަންނަނިވި ހަދީސް ބަސްފުޅު ފުދޭނެކަމަށް ހީކުރަމުއެވެ.
އެ ދެ އިމާމުން ރިވާކުރަށްވައި، އެ ބޭފުޅުންގެ ހަދީސް ދެ ފޮތްކަމުގައިވާ، އަދި މި ދެފޮތުގައިވާ އެންމެހައި ޙަދީޘް ބަސްފުޅުތަކަކީ، އެޙަދީޘް ބަސްފުޅުތަކުގެ ޞައްޙަ (ތެދު) ކަމާއިމެދު މުޅި އިސްލާމީ އުންމަތުގެ އެންމެހައި ޢިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވާ ދެފޮތް ކަމުގައިވާ، ޞަޙީހު ބުޚާރީ އަދި ޞަޙީޙު މުސްލިމު ގައި އެ ދެބޭފުޅުން ނެރުއްވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.
(من كان يؤمن بالله واليوم الآخر، فليقل خيرًا أو ليصمت)
(މާތް ﷲ އާއި އަދި އާޚިރަތް ދުވަހަށް އީމާންވާ މީހަކު ކަމުގައި ވަނީނަމަ، ހެޔޮބަސް ބުނާހުށިކަމެވެ. ނޫންނަމަ ހަނު ހުންނަ ހުށިކަމެވެ)
އާޚިރަތުގެ އިތުރުން ދުނިޔަވީ އަދި ކިއެއްތަ ސިޔާސީ ޙަޔާތެއް ވިޔަސްމެ ދެމެހެއްޓެނިވި ހަގީގީ ކަމިޔާބީއަކަށް ވާސިލުކުރުވާނެ ހަމައެކަނި މަގަކީ އިސްލާމީ އުޞޫލުތައް ކަމުގައި ވީހިނދު، "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން" މިހެން މިކިޔޭ އެއްޗެއް އިސްލާމީ އުސޫލުތަކުގެ ތަރާދުން ކިރާލައި، ސަލާމަތް ބުއްދީގެ ތަރާދުން "ޑަބަލް ޗެކްކޮށް" ލެއްވިނަމަވެސް ކަށަވަރުވެންދާނީ އެންމެ ހަގީގަތެކެވެ.
އެ ހަގީގަތަކީ، އިސްލާމީ އުސޫލުތަކަށް ފަސްއަޅައި ފޮރުވައި، އެ އުސޫލުތަކުގެ ހަގީގަތް ނުމެއެނގިމެ ތިބޭ ހާލުގައިވެސް އެ އުސޫލުތަކާއި މެދު މީސްތަކުން ނަފްރަތުކުރުމަށް އަދުގެ ޔަހޫދުންނާއި ނަޞާރާއިން ގެންގުޅޭ އެޖެންޑާއެއް ކަމުގައި މެނުވީ އެއުރެން އެދަޢުވާ ކުރާ "ޚިޔާލު ފާޅުކުރުމުގެ" މިނިވަންކަން ނުވާނޭކަން ކަށަވަރުވުމެވެ.
މި ކެހިވެރި "މަޅިފައްޗަކީ"، ކުޑަ ކޮށް "ފުސް" ލޮލަކަށްވެސް ނުފެންނަހައި ހިމަ ކަންވާރަކުން ގަތާލެވިފައިވާ އެތަކެއް މަޅިތަކެއް ހިމެނިގެންވާ ނުހަނު ދިގު މަޅިފައްޗެކެވެ.
އަޅުގަނޑު މިހާމަކޮށްދިން ހަގީގަތް އަދިވެސް ހަމަ ގަބޫލުކުރަން ދަތިފުޅުވާ މިންވަރަށް އެމަޅިފަތީގައި ހަތަރެސްފައި އޮޅިފައިވާ ލޮބްވެތި މުސްލިމް ދިވެހި ދަރީންނަށް އެންމެ ސުވާލެކެވެ. ދަވާބު ދެއްވާނީ އަޅުގަނޑަކަށް ނޫނެވެ. ހިތާއި ހިތާއި މި ސުވާލު ކޮށްލައްވާފައި، ސިކުނޑިން އަމިއްލަ ނަފްސަށް ޖަވާބު ދެއްވާށެވެ.
އިސްލާމް ދީން އިހަށް ބާއްވާފައި، އިންސާނީ ފިޠުރަތު ވެސް ގަބޫލު ނުކުރާނެ އެއްޖިންސުން ކައިވެނި ކުރުމާއި، ޖަނަވާރުން ބޭނުންކޮށްގެން އިންސާނާގެ ޝަހުވަތު ފުއްދުމާއި މިފަދަ ކަންކަމުގެ ވާހަކަ ދެއްކުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށްވެފައި، ކައިވެނިކޮށްގެން އުޅޭ ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ ކުރެވޭ ކުށަކަށް އަދަބެއް ދެވިދާނޭ ބުނެލިޔަސް އެވާހަކަ "ހޭޓް ސްޕީޗަށް" ވެގެންދާނަމަ މިއީ އިންސާފު ތޯއެވެ؟ ނުވަތަ ހަމަ ހައްގު މިންވަރު ހެއްޔެވެ؟
މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށްތަކާއި މީހުން މެރުމުގެ ކުށް ސާބިތުވެގެން، އިސްލާމީ ނޫން ގައުމުތަކުގައި، "ކެޕިޓަލް ޕަނިޝްމަންޓް" ގެ ގޮތުގައި ބޮލަށާއި ބަނޑަށާއި މެއަށް ދާންދެން ވިހި ތިރީސް ލައިވް ވަޒަން ޖަހައި، ހަށިގަނޑު ބިމައް ތިރިކޮށްލެވޭ އަޑާއި މަންޒަރު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފެތިފައި، އިސްލާމީ ގައުމެއްގެ މަގުމައްޗަށް ރޯމާދުވާލު ކަތިލައި ވައްޓާލެވޭ ފުރާނައެއްގެ ހައްގުގައި "ޤިޞާޞް" ހިފިދާނޭ ބުނެލުން، "މިންގަނޑާއި" ޚިލާފު ވާނަމަ މިއީ ހަމަ ހައްގު މިންވަރުހެއްޔެވެ؟ އެހެންނަމަ އެވެވެނީ އަމިއްލަ ސަލާމަތް ބުއްދިއަށްމެ ޚިޔާނާތްތެރި ނޫންތޯއެވެ؟
ޓީވީތަކަށާއި ރޭޑިއޯ އަދި އޮންލައިން ނޫސްތަކަށްވެސް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަށްހެދި އެތަންތަނުގެ ބަލަދުވެރިފަރާތުގެ ގޮތުން ވަރުވަރުން މިނިވަން މުއައްސަސާތައް ކަޑައެޅިފައި ވީހިނދުވެސް، އަދުގެ ދުނިޔޭގައި ވަކާލާތު ކުރެވެމުން މިދާ "ފްރީޑަމް އޮފް އެކްސްޕްރެޝަން" ނުވަތަ "ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން" ގައި ޖެހި އިސްލާމީ އުސޫލުތައް ދޫކޮށްލެވޭ ހިނދު، މުޖުތަމަޢުގެ ތެރެއަށް އުފަންވެގެން ދަނީ ހަގީގަތުގައި މަސްލަހަތުތޯ ނުވަތަ ފަސާދަތޯ ވިސްނަމާހެއްޔެވެ؟
ކުށެއްނެތް މައުސޫމު ކިތައް އިންސާނުންގެ އަބުރު ކަތިލެވޭތޯއެވެ؟ މުޖުތަމައުގެ ތެރޭގައި ބިރުން ފިއްކަނޑައިގެން ދާވަރުގެ ބުހުތާނު ދޮގު ނުފެތުރޭތޯއެވެ؟ ޒަމާންވީ ރިވެތި އާދަކާދަތަކާއި ސަގާފަތް ނެތިގޮސް، ތުއްތު ދަރީންގެ މައުސޫމު ސިކުނޑިތަކަށް ނޭދެވޭ އަސަރު ނުކުރޭތޯއެވެ؟ މުޖުތަމަޢުގެ އިޖްތިމާއީ ފޭރާން ވީދިގެން ނުދޭތޯއެވެ؟
ޒިންމާދާރު ނޫސްވެރިކަމުގެ ހަގީގީ ކޯޑް އޮފް ކޮންޑަކްޓްގެ ފުރިހަމަ އަސާސްތަށްވެސް އެނގިގެންދިއުމުގައި މުސްލިމުން މިވަނީ އިންތިހާއަށް ކުރި ހޯދާފައެވެ. މީގެ 14 ގަރުނަށްވުރެވެސް ކުރިން އިސްލާމް ދީނުގައި އެ ޕްރިންސިޕަލްސްތައްވެސް ކަނޑައަޅައި ބަޔާންކޮށްދެވިފައި ވާކަން ކަށަވަރުވެސް މެއެވެ.
ހަމަތައް ނެތިއްޔަކީ ނޫންމެއެވެ. ލަމައެއް ނުގެންގުޅެވެނީ ނޫންހެއްޔެވެ؟