އިޓަލީ އަށް 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފޯވާޑް އުމުރުން 64 އަހަރުގައި މަރުވެއްޖެއެވެ.
ސްޕެއިނުގައި 1982 ގައި ބޭއްވި ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ރޮސީ ވަނީ އެ އަހަރު ބެލޮންޑިއޯ ވެސް ކާމިޔާބުކޮށްފައެވެ. އޭނާގެ އެންމެ މޮޅު ކުޅުން ފެނިގެން ދިޔައީ އެ މުބާރާތުގެ ދެ ވަނަ ބުރުގައި ބްރެޒިލް އަތުން އިޓަލީ 3-2 އިން މޮޅުވި މެޗުގައެވެ. ރޮސީ ހެޓްރިކް ހަދާފައެވެ. ރޮސީ ގައުމީ ޓީމުން ވިދާލީ އާޖެންޓީނާގައި 1978 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައެވެ. އެއީ އޭނާގެ ގައުމީ ޖާޒީގަ ފެނިލި ފުރަތަމަ ފެނިލުމެވެ.
ފިކްސިން މައްސަލައެއްގައި 1980 ވަނަ އަހަރު ތިން އަހަރަށް ސަސްޕެންޑްކުރުމުން އެ އަހަރު އަމިއްލަ ގައުމުގައި އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕުން އޭނާ އަށް ފުރުސަތު ގެއްލުނެވެ. ރޮސީގެ އަދަބު ދެ އަހަރަށް ލުއިކުރުމުން 1982 ގެ ސީޒަނުގެ ފަހުކޮޅު ކުޅެން ނުކުތެވެ. ސަސްޕެންޝަނަށް ފަހު އެނބުރި އައިސް އިޓަލީއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރިއެވެ.
ރޮސީ ކްލަބް ކެރިއަރު ފެށީ 1973 ވަނަ އަހަރު ޔުވެންޓަސްއިންނެވެ. އޭގެ ފަހުން 1976 ގައި ދެ ވަނަ ޑިވިޝަނުގެ ވިޗެންޒާ އަށް ބަދަލުވިއެވެ. އެއަށްފަހު އަނެއްކާވެސް 1981 ވަނަ އަހަރު އޭނާ ވަނީ ޔުވެންޓަސް ބަދަލުވެފައެވެ. ޔުވެންޓަސް ދޫކޮށް 1986 ގައި އޭސީ މިލާނަށް ކުޅުނުއެވެ. އޭނާ ކުޅުން ހުއްޓާލީ ހެލަސް ވެރޯނާ އަށް އެއް ސީޒަން ކުޅުމަށް ފަހު 1987ގައެވެ.
އޭނާ ވަނީ ކްލަބް ކެރިއަރުގައި 338 މެޗުން 134 ގޯލް ޖަހައިފައެވެ. އިޓަލީ އަށް ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ރޮސީ ވަނީ އިޓަލީ ގައުމީ ޓީމަށް 48 މެޗުން 20 ގޯލް ޖަހައިދީފައެވެ.