Ad
ނައިބުރައީސް ފައިސަލް ނަސީމް. ފޮޓޯ: ރައީސްއޮފީސް
ނައިބުރައީސް ފައިސަލް ނަސީމް. ފޮޓޯ: ރައީސްއޮފީސް

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމަށް ހައްލު ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރަމުންދާނަން – ނައިބުރައީސް

މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށާއި، އެ މަސައްކަތްތަކުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، އައްޑޫ ސިޓީގެ ބައެއް ރަށްރަށާއި، ފުވައްމުލައް ސިޓީއަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް އަދި މުޅި ސަރުކާރުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް އަމާޒަކީ ރާއްޖޭގެ އެކި އަތޮޅުތަކާއި، ރަށްތަކުގައި ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ދާއިރާ ތަރައްޤީ ކުރެއްވުން ކަމުގައެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅަކުންވެސް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) މެދުވެރިކޮށް މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ހޯދޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، އެތަނުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ޤާއިމުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ޞިއްޙީ ޚިދުމަތްތެރިން އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާ، އެމަނިކުފާނުވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަޞީލަތްތައް ހޯދުމުގެ އިތުރުން ދުރު ރާސްތާގައި މި ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޖާގައިގެ ގޮތުން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވައި، އެ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ، އަދި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *