ފީފާއިން ހޮވާ "ދަ ބެސްޓް" ފީފާ އެވޯޑަށް ޝޯޓްލިސްޓުވި ތިން ކުޅުންތެރިންގެ ބާސާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލޭންޑްގެ ރޮބަޓް ލެވަންޑޮސްކީ ހިމެނިއްޖެއެވެ.
މި އެވޯޑު އެންމެފަހުން ހޯދާފައިވަނީ މެސީއެވެ. މެސީ ވަނީ މިދިޔަ ސީޒަނުގައި އޭނާ ބާސާއަށް ކުޅުނު 44 މެޗުން 31 ގޯލު ވަނީ ޖަހާފައެވެ. ލެވަންޑޮސްކީ އަކީ މި އެވޯޑު ލިބޭނެކަމަށް އެންމެބޮޑަށް ބެލެވޭ އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެންމެފަހުގެ ޖަރުމަނު ލީގާއި އެންމެ ފަހުން ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގާއި ޖަރުމަނު ކަޕާއި ޖަރުމަނު ސުޕަ ކަޕުގެ އިތުރުން ޔޫރަޕިއަަން ސުޕަ ކަޕް ބަޔާން މިއުނިކަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ނިމިދިޔަ ސީޒަނުގައި ލެވަލްޑޮސްކީ ކުޅުނު 47 މެޗުގައި 55 ގޯލު ބަޔާން މިއުނިކަށް ކާމިޔާބުކޮށްދީފައެވެ. ރޮނާލްޑޯ ވަނީ 2016، 2017 ވަނަ އަހަރުވެސް މި އެވޯޑަށް ނޮމިނޭޓުވެފައެވެ. ރޮނާލްޑޯ ވަނީ އެންމެފަހުން އިޓާލިއަން ލީގު ޔުވެންޓަސްއަށް ހޯދައިދީފައެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ކުޅުނު 46 މެޗުން 37 ގޯލު ޖަހާފައެވެ.
އެންމެ މޮޅު ކޯޗަކަށް މާސެލޯ ބިއެލްސާ އާއި ހެންސީ ފްލިކް އިތުރުން ވާދަކުރަނީ ޔާގޮން ކުލޮޕްއެވެ. ބިއެލްސާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ލީޑްސް ވަނީ އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. 16 އަހަރު ފަހުން އެޓީމު ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިނުމަށް ފަހު ބިއެލްސާގެ ކޯޗުކަމުގައި ލީޑްސް އިން މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބިއެލްސާގެ ކޯޗު ކަމުގައި ލީގުގައި ލީޑްސް ޔުނައިޓެޑުން އަންނީ ބޮޑެތި ޓީމުތައް ކައިރީގައި ރަނގަޅުު ނަތީޖާތަކެއް ހޯދަމުންނެވެ.
ބިއެލްސާ ވަނީ މީގެ ކުރިން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އަދި ފްރާންސްގެ ލިލް ގައި މަސައްކަތްކޮށްފައެވެ. އެންމެ ދިގު މުއްދަތެއްގައި ބިއެލްސާ އިރުޝާދު ދިނީ އާޖެންޓީނާ އާއި މެކްސިކޯގެ ކްލަބްތަކުގައެވެ. މިހާރު އުމުރުން 65 އަހަރުގެ ބިއެލްސާ ކޯޗިން ކެރިއަރު ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ.
ބަޔާން މިއުނިކްގެ ކޯޗު ފްލިކް ވަނީ މިދިޔައަހަރުގެ ނޮވެންބަރު މަހު ކޯޗުގެ މަގާމާ ހަވާލުވެ މިދިޔަސީޒަނުގައި އެޓީމަށް ފަސް ތަށި ކާމިޔާބު ކޮށްދީފައެވެ. އޭގެތެރޭގައި ޖަރުމަނުގެ ހުރިހާ ތަށްޓެއްގެ އިތުރުން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ތަށިވެސް އެޓީމަށް ފްލިކް ވަނީ ކާމިޔާބުކޮއްދީފައެވެ. ލިވަޕޫލްގެ ޔާގޮން ކުލޮޕް ވަނީ 30 އަހަރުފަހުން ލިވަޕޫލްއަށް މިދިޔަސީޒަންގައި އިނގިރޭސި ލީގު ތަށި ހޯދައިދީފައެވެ.
އެންމެ މޮޅު ގޯލަށް ދޭ ފީފާ ޕުސްކަސް އެވޯޑަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ސޮން ހެއުން މިން މިދިޔަ ސީޒަނުގައި ބާންލީއާ ދެކޮޅަށް ޖެހި ގޯލު ވަނީ ނޮމިނޭޓްވެފައެވެ. ފީފާ އެވޯޑަށް ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ހެޑް ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން އޮންލައިންކޮށް ސަޕޯޓަރުންނަށް ހުޅުވާލާ ޕޯލްއެއްގެ އިތުރުން މީޑިއާގެ 200 ޖާނަލިސްޓުންނެވެ.
މި އެވޯޑް ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ވާޗުއަލްކޮށެވެ.