Ad

މެންޗެސްޓާ ޑާބީ އެއްވަރު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ލީގުގައި މެންޗެސްޓަރ ދެކުލަބުގެ ކުރިމަތިލުން އެއްވަރުވެގެން ނިމުނު އިރު އެވަޓަންއިން ޗެލްސީ ހުއްޓުވައިފިއެވެ. މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗު ލަނޑެއް ނުޖެހި ނިމުނު އިރު އެވަޓަން ޗެލްސީގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުންނެވެ.

މެންޗެސްޓަ ދަނޑުގައި ކުޅުނު މެޗުގައި ސިޓީއަށް މުޅިމެޗުގައި ވެސް ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އޭގެ ތެރެއިން ރިޔާދް މަހްރޭޒް ފޮނުވާލި ހަމަލާ ފާހަގަކޮއްލެވެއެވެ. ދެޓީމު އެއްކޮށް މުޅިމެޗުގައި ގޯލަށް އަމާޒު ކުރެވިފަވަނީ ހަތަރު ހަމަލާއެވެ. މި ސީޒަންގައި ލީގުގައި ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ތިންމެޗެއްގައި ލަނޑު ނުޖެހި ނިންމާލާފައެވެ. އެންމެފަހުން މި ދެޓީމު ވާދަކުރި ތިންމެޗުން ވެސް ޔުނައިޓެޑު ބަލިވެފައެއް ނުވެއެވެ. މިއީ މި ދެޓީމު ލީގުގައި ބައްދަލުކުރި 47 މެޗުން ލަނޑެއް ނުޖެހި އެއްވަރުވި 5 ވަނަ މެޗެވެ.

ރޭ އެވަޓަން އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީގެ މައްޗަށް ކުރިހޯދި މެޗުގެ ކުރީކޮޅު ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރި ހަމައެކަނި ލަނޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގިލްފީ ސިގާޑްސަންއެވެ. މިއީ އެނާގެ ލީގުގައި ޗެލްސީ ކޮޅަށް ޖެހި 6 ވަނަ ލަނޑެވެ. މިއީ މިސީޒަންގައި އޭނާ އެވަޓަންއަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.

މިމެޗުން ބަލިވުމާއެކު ޗެލްސީން ބަލިނުވެ ދަމަހައްޓަމުން އައި 17 މެޗުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. ރޭ ލީގުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ ވެސްޓް ބްރޮމްގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދާފައެވެ. ރޭގެ މެޗުގައި ނިއުކާސަލްއިން ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ މެޗުގެ 19 ވަނަ ސިކުންތުގައި މިގުއަލް އަލްމިރޯން ކާމިޔާބުކުރި ލަނޑުންނެވެ.

މީއީ ނިއުކާސަލް އަށް ލީގުގައި ޖެހުނު ދެވަނައަށް އެންމެ އަވަސް ލަނޑެވެ. ލީގުގައި ނިއުކާސަލްއިން އެންމެ އަވަސް ލަނޑެއް ޖެހީ 2005 ވަނަ އަހަރު ސިޓީއާ ދެކޮޅަށް އެލަން ޝިއަރާއެވެ. އެންމެފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފަސްމެޗުގެ ތެރެއިން ނިއުކާސަލްވަނީ ތިންމެޗު ކާމިޔާބުކޮއްފައެވެ. ވެސްޓްބްރޮމް މި ފަހަރު ލީގުގައި މިހާތަނަށް ވަނީ ބައިކޮޅަށް 25 ލަނޑުވަދެފައެވެ. އެންމެފަހުން ރަށުން ބޭރުގައި ކުޅުނު 6 މެޗުން ވެސްޓްބްރޮމް އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރޭ ލީގުގައި އޮސްޓަން ވިލާ އާއި ވުލްވޯސް ވާދަކުރި މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ވިލާއެވެ. މެޗުގެ ހަމައެކަނި ލަނޑު އިތުރުވަގުތު ތެރޭގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރީ އަންވަރު އެލްގާޒީއެވެ. މިމެޗުގައި ވަނީ 11 ރީނދޫ ކާޑާއެކު 2 ރަތްކާޑު ދައްކާފައެވެ. ރޭގަ ލީގުގައި ހޯދީ ނަތީޖާ ތަކާއެކު ޗެލްސީ ވަނީ ލީގުގަ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލާފައެވެ.

ރޭގެ މެޗުން ބަލިވިޔަސް ޗެލްސީ މިވަގުތު އޮތީ 12 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. މިވަގުތު ހަތަރުވަނައިގަވާ ލެސްޓާ ސިޓީ މިރޭ މޮޅުވެއްޖެ ކަމަށް ވާނަމަ ޗެލްސީ ހަތަރުވަނައަށް ވެއްޓޭނެއެވެ. އެވަޓަން ހޯދި މޮޅާއެކު 7 ވަނައަށް އެޓީމު ވަނީ ޖެހިލާފައެވެ. ރޭގެ މެޗު އެއްވަރުވުމުން ޔުނައިޓެޑް 8 ވަނައަށް ވެއްޓުނު އިރު ސީޓީ އޮތީ 9 ވަނައިގައެވެ. އަދި ރޭގަ މޮޅުވި އޮސްޓެން ވިލާ އޮތީ 10 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *