ސްޕެނިޝް ލަލީގާގައި މެޑްރިޑްގެ ދެ ޓީމުގެ ކުރިމަތިލުން ރެއާލުން ކާމިޔާބުކޮއްފިއެވެ.
ރެއާލް ގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯއިން މައްޗަށް ކުރިހޯދީ 2-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ރެއާލުން މެޗުގެ 15 ވަނަ މިނިޓުގައި ކަސަމޭރޯ ކާމިޔާބުކޮއްދިން އިރު ދެވަނަ ލަނޑަކީ އެތުލެޓިކޯގެ ކީޕަރު އޮބްލެކް އަތުން ބައިކޮޅަށް ވަތްލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފްގައި އެތުލިޓިކޯއަށް ރެއާލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު މިއީ ވޭތުވެދިޔަ ފަސް ސީޒަނުގައި ހާފެއް ނިންމާލިއިރު ހަމަލޭއް ނުއުފެއްދުނު ދެވަނަ ފަހަރުއެވެ.
މިމެޗުން ބަލިވުމާއެކު ލީގުގައި އެތުލެޓިކޯއިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑްވަނީ ނިމިފައެވެ. މިމެޗާހަމަޔަށް އެޓީމުން ވަނީ ބަލިނުވެ 26 މެޗު ހަމަކޮއްފައެވެ. އެތުލެޓިކޯއަށް ދެކޮޅަށް އެންމެފަހުން ޒިދާންގެ ކޯޗުކަމުގައި ކުޅުނު 7 މެޗުން އެޓީމު ބަލިވެފައެއް ނުވެއެވެ. ރޭގައި ލީގުގައި ވެލެންސިޔާ އާއި އެތުލެޓިކް ބިލްބާއޯ ވާދަކުރި މެޗު 2-2 ލަނޑުން އެއްވަރުވި އިރު ސެވިއްޔާއިން ވަނީ ގަޓާފޭގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދާފައެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް އެތުލެޓިކޯ އޮތީ 26 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އެތުލެޓިކޯ ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ރެއާލް ސޮސެއިޑާޑް ދެވަނައިގަ އޮތް އިރު ރޭގަ ހޯދި މޮޅާއެކު ރެއާލް ވަނީ ތަވާލުގެ ކުރީގައި އެތުލިޓިކޯއަށް ތިން ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ. ރެއާލް ތިންވަނައިގަ އޮތީ 23 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގަ ވިޔަރެއާލް އޮތީ 21 ޕޮއިންޓާއެކުއެވެ.