ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ދަރިންގެ ޚަރަދުގެ ގޮތުގައި ލިބިދިނުމަށްޓަކައި ފެމިލީ ކޯޓު މެދުވެރިކޮށް ރާއްޖޭގެ ތަފާތު ކޯޓުތަކަށް ދެއްކި ޚަރަދު ފައިސާތައް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެރި "އޮޅުމަކުން" ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އެކައުންޓަށް ޖަމާކުރެވިއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ މެޖިސްޓްރޭޓް ކޯޓުތަކުން ސާބިތު ޚަރަދަށް ދައްކާފައިވާ އެތައް ހާސްރުފިޔާއެއްގެ ފައިސާ މައިންނަށް ނުލިބޭކަމަށް ބުނެ ތަފާތު ޝަކުވާތައް އައުމާއެކު އެ ފައިސާ ދައްކާފައިވާ ފަރާތްތަކުން އިތުރަށް ބެލިބެލުމުންނެވެ.
މިގޮތަށް ދިމާވި ފަރާތަކުން މިނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ދަރިންގެ ޚަރަދުގެ ގޮތުގައި ފެމިލީ ކޯޓަށް އޭނާ ދައްކާފައިވާ ލައްކައެއްހައި ރުފިޔާ ވަނީ، ޑިޕާރޓްމަންޓަށް އެރި "އޮޅުމަކުން" ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޖަމާވެފައެވެ. އެކަން ކަށަވަރުވެފައި ވާނީ، ދަރިންގެ ޚަރަދުގެ ގޮތުގައި އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓަކަށް އޭނާ ދައްކަން ޖެހޭ ފައިސާ މާލޭ ކޮޅުން ފެމިލީ ކޯޓަށް އެކިފަހަރުމަތިން ދެއްކިނަމަވެސް އެ ފައިސާ ނުދައްކާ ކަމަށް ބުނެ ކުދިންގެ މަންމަ ޝަކުވާ ކުރުމުން އިތުރަށް ބެލިބެލުމުން ކަމަށެވެ.
މިގޮތަށް ދިމާވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ކޯޓުތަކާއި އިދާރާތައް ބަންދު ދުވަސްވަރު ކޯޓަށް ދައްކަންޖެހޭ ފައިސާދެއްކުން ފަސޭހަކުރުމަށްޓަކައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިޢުލާނެއްގައި އެ ޑިޕާރޓްމަންޓްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓެއް ކަމަށް ބުނެ "އޮޅުމަކުން" ދީފައިވާ އެކައުންޓް ނަމްބަރަކަށް، ރާއްޖޭގެ ތަފާތު އެކިއެކި ކޯޓުތަކަށް ދައްކަންޖެހޭ ދަރިންގެ ޚަރަދު ފައިސާ އޮންލައިންކޮށް ޓްރާންސްފަރ ކުރުމުން، އެންމެހައި ފައިސާއެއްވެސް ޏ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އެކައުންޓަށް ޖަމާވަމުން ގޮސްފައި ވުމުންނެވެ.
އެގޮތުން މީގެ ހަ މަސް ދުވަސް ކުރިން ފެށިގެން "އޮޅުމަކުން" ފުވައްމުލަކު ކޯޓަށް ޖަމާކުރެވިފައިވާ، ރާއްޖޭގެ އެކިހިސާބުތަކުގައި ތަފާތު ރަށްތަކުގައި ދިރިއުޅެމުންދާ ކުދިންގެ ޚަރަދު ފައިސާތައްވެސް އެކުދިންގެ މައިންގެ އެކައުންޓަށް އަދިވެސް ޖަމާވެފައި ނުވާކަމަށްވެސް އެފަރާތްތަކުން މިނޫހަށް ކަށަވަރު ކޮށްދީފައި ވެއެވެ.
ކޮވިޑް-19 ގެ ދުވަސްވަރުގައި ޖުޑީޝަރީއަށް "އޮޅުމަކުން" ދެވިފައިވާ އެކައުންޓް ނަމްބަރަށް ދަރިންގެ ޚަރަދު ފައިސާ ޖަމާކުރެވުމުގެ ސަބަބުން، އެ ކުދިންގެ އެންމެ ޟަރޫރީ ބޭނުންތައް ފުއްދުމަށްވެސް ލިބޭ މި ފައިސާގެ މަންފާއިން އެކުދިން މަޙްރޫމްވެ، ކޮވިޑް-19 ގެ މިދަތިޙާލަތުގައި މައިން އުފުލަންޖެހޭ ބުރައާއި ތަކުލީފެ މަސްތަކަކަށް ދެމިގެން ދިއުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު އިތުރަށް ދަތިވެފައި ވާކަމަށް، މިނޫހަށް މައުލޫމާތު ހިއްސާކުރި ދެތިން މަޔަކު ބުނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
One Response
Thaneh dhoreh hedheyeh nuhedheyeh neyngey meehun koat thakah laigen aburan fesheemaa vaane 6 ethi mihaaru thi vanee.