Ad

ދަނގަޑޭގެ ކާމިޔާބުކުރި ހަމައެކަނި ގޯލުން ވެލެންސިޔާ މޮޅުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި  އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން ކްލަބް ވެލެންސިއާ އިން 1-0 ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ފުރަތަމަ ޑިވިޝަނަށް އެނބުރި އައުން މޮޅަކުން ފަށައިފި އެވެ.

ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި ދަގަނޑޭ ކާމިޔާބު ކުރި ލަނޑުންނެވެ. ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ބޯޅައެއް ހިފައިގެން އޭރިއާ އަރިމަތިން ކަހަލަ ގޮތަކަށް ގްރީން ސްޓްރީޓްސް ކުޅުންތެރިއެއް ކައިރިން ދެމިގަތުމަށް ފަހު ދަގަނޑޭ ޖެހި ބޯޅަ އަމާޒުވީ ހަނި އޭންގަލުން ގޮސް ގޯލުގެ މަތީ ކަނަށެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ވެލެންސިއާ އިން ރަނގަޅު ތިން ފުރުސަތެއް ތަނަވަސްކުރި އެވެ. ވެލެންސިއާ އިން ލީޑުނެގުމާ އެކު ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރި އެވެ.މި މެޗުގައި ގްރީން ސްޓްރީޓްސް އަށް ވެލެންސިއާ ގޯލުގައި ހުރި މުހައްމަދު ޝަފީއު (ޗެކް) ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާތަކެއް ފޮނުވާނުލެވުނެވެ.

މެޗަށްފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ކޮންމެ ހާލަތެއްގައި އޮތް ކަމުގައި ވިޔަސް ބޭނުންވި ޓާގެޓަކީ މޮޅުވުން ކަމަށާއި އެކަން ހާސިލްވުމުން މިއީ ހިތްހަމަޖެހޭ ނަތީޖާއެއް ކަމަށެވެ. މެޗާ ބެހޭގޮތުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަަދު ބުނީ  ކުޅުން ރަނގަޅު ނަމަވެސް އޭނާ އަކީ ވަރަށް ބޮޑަށް ނަތީޖާ އަށް ވިސްނާ މީހެއް ކަމަށާއި އެގޮތަށް ބަލާއިރު ހުސް އަތާ ގެއަށް ދާން ޖެހުމުން ހިތްހަމަޖެހެއޭ ނުބުނެވޭނެ ކަމަށެވެ.

ވެލެންސިއާ އަށް އެނބުރި އައިސް ދަގަނޑޭ އޭނާގެ ފުރަތަމަ ލަނޑު މި ޖެހީ މިދިޔަ ސީޒަން އޭނާ ފެށި ޓީމު ގްރީން ސްޓްރީޓްސް ކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *