ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެއެވެ.
މިއީ މީގެ ތިން އަހަރު ކުރިން 2016 ވަނަ އަހަރުގެ ސީޒަނުގެ ދެ ވަނަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި ފަހުން މި މުބާރާތުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. އެ ފަހަރު ޕީއެސްޖީ ކަޓުވާލުމުގައި ބާސެލޯނާގެ ވަނީ ކުއާޓާފައިނަލުން ޖާގަ ހޯދާފައެވެ. އެ ސީޒަނަށް ފަހު ނޭމާ ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފައެވެ. މިއީ ޕީއެސްޖީ އަށް ނޭމާ ބަދަލުވި ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.
ޗެލްސީން ދެ ވަނަ ބުރުގައި ނުކުންނާނީ ސްޕެނިޝް ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯ އިން ވަނީ މިދިޔަ ސީޒަނުގެ ދެ ވަނަ ބުރުގައި ލިވަޕޫލް ކަޓުވާލައިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭނީ 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި އިޓަލީގެ ލާޒިއޯއާ ދެކޮޅަށެވެ. ބަޔާނަކީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ޓީމެވެ. ގުރޫޕް ސްޓޭގެ މެޗުތައް ނިންމާލިއިރު ބާޔާންނުން ވަނީ ބަލިނުވެ މުބާރާތުގައި 17 މެޗު ހަމަކޮއްފައެވެ.
މެންޗެސްޓާ ސިޓީ ދެ ވަނަ ބުރުގައި ބައްދަލުކުރާނީ މި މުބާރާތުގެ ފުރަތަމަ ފަހަރަށް ދެ ވަނަ ބުރުގައި ވާދަކުރާ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާއެވެ. އެ ޓީމު އެންމެ ފަހުން ދެ ވަނަ ބުރުގައި ކުޅުނީ 42 އަހަރުކުރިންނެވެ. އޭރު މުބާރާތް ކުޅެމުންދިޔައި މިހާރު މިކުޅޭ ޗެމްޕިއަންސް ލީގުގެ ނަމުގައެއް ނޫނެވެ. ލިވަޕޫލް ދެ ވަނަ ބުރުގައި ކުޅޭނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު ލަައިޕްޒިގު މި ފަހަރުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރަމަށްފަހުއެވެ. މެޗުން ބަލިވެ ޔުނައިޓެޑު ވަނީ ދެވަނަ ބުރުން ފުރުސަތު ގެއްލި ޔޫރޮޕާ ލީގަށް ވެއްޓިފައެވެ.
ޔުވެންޓަސް ދެ ވަނަ ބުރުގައި ކުޅޭނީ މީގެ 16 އަހަކުރިން ޗެމްޕިއަންކަން ހޯދި ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭނީ މީގެ 23 އަހަރުކުރިން ޗެމްޕިއަން ހޯދި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު 13 ފަހަރު ތަށި އުފުލާލައިފަވާ ރެއާލް މެޑްރިޑް ދެ ވަނަ ބުރުގައި ކުޅޭނީ އިޓަލީގެ އެޓަލަންޓާއާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ފެބްރުއަރީ މަހު 16 ގައެވެ. މި ސީޒަނުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ ތުރުކީގެ އިސްތަންބޫލްގައެވެ.