Ad
ކޮވިޑް-19 ގައި މަރުވާ މީހުންގެ ހަށިތައް އެންދުން މަޖުބޫރުކަމަށް ސަރުކާރުން އޭޕްރީލް މަހު ކަނޑައެޅުމާއެކު އެޤައުމުގައި ހަށިތައް އެންދެމުންދޭ- : ފޮޓޯ: އަލްޖަޒީރާ
ކޮވިޑް-19 ގައި މަރުވާ މީހުންގެ ހަށިތައް އެންދުން މަޖުބޫރުކަމަށް ސަރުކާރުން އޭޕްރީލް މަހު ކަނޑައެޅުމާއެކު އެޤައުމުގައި ހަށިތައް އެންދެމުންދޭ- : ފޮޓޯ: އަލްޖަޒީރާ

ކޮވިޑް-19 ގައި ނިޔާވާ ލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ވަޅުލުމާމެދު ޢިލްމުވެރިންނާއި ސިޔާސީ ލީޑަރުންވެސް ދެބަސްވުމަކަށް

ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައްކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރާއްޖޭގެ އެހީތެރިކަން ހޯއްދެވުމަށް ލަންކާގެ ރައީސް ރައީސް ޞާލިޙަށް ސިޓީފުޅެއް ފޮނުއްވުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަމުގައި މަޝްވަރާކުރަމުން ގެންދާކަން ފޮރިން މިނިސްޓްރީން އިއްޔެ ހާމަކުރުމާއެކު ދީނީ ޢިލްމުވެރިންގެ އިތުރުން ސިޔާސީ ފަރާތްތަކުގެވެސް "ރައުޔު" ތަފާތުވެ މައްސަލާގައި ދެބަސްވުންތައް އުފެދިއްޖެއެވެ.

ޚާރިޖީ ވުޒާރާގެ މި ބަޔާނާއެކު އެކަމަށް މަރުޙަބާކިޔުއްވައި، މަޝްހޫރު ދީނީ ޢިލްމުވެރިންކަމުގައިވާ ޑރ. އިޔާޒުއާއި ޝައިޚް އިލްޔާސްގެ އިތުރުން ޝައިޚް ޢަލީ ޒައިދުވެސް ޓްވީޓު ކުރަށްވައި އަދި، އެކަމަކީ ވަރަށް ރަނގަޅުކަމެއްކަމަށް ވިދާޅުވެފައިވާއިރު، މިހާރުގެ އިސްކާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީގެ ރައުޔަކީވެސް ސަރުކާރު ކޯލިޝަންގެ މުހިންމު ބައިވެރިއެއްކަމުގައިވާ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިންގެ ރައުޔެވެ.

އެހެންނަމަވެސް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމުގެ ރައުޔަކީ، އަދާލަތު ޢިލްމުވެރިންގެ ރައުޔާ ކުޑަ ތަފާތެއް ހުރި ރައުޔެއްކަން ފާހަގަވެދެއެވެ. ޝަހީމުގެ ރައުޔަކީ، ލަންކާގެ މުސްލިމުން އެ ޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދޭންޖެހޭނެކަމަށާއި، އަދި މުސްލިމު ކޮންމެ ޤައުމަކުން ވެސް އެކަމަށް ވަކާލާތު ކުރުމާއެކުވެސް ލަންކާ ސަރުކާރުން އެފުރުޞަތު ފަހިކޮށް ނުދީފި ނަމަ، މުސްލިމުންގެ ހަށިތައް އެންދިޔަނުދީ އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ޤައުމަކުން ކުރެވިދާނެ ކަމެއްކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ ޢިލްމުވެރިންތަކެއް ނިޞްބަތްވެވަޑައިގަންނަވާ ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ގެ ރައުޔަކީ، ކޯވިޑްޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންގެ ހަށިތައް ދިވެހިރާއްޖެ އުފުލައި ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުޢީ މަޞްލަޙަތެއް އޮތްތަން ފެންނާކަށް ނެތްކަމަށެވެ.

ޝަރުޢީ އުޒުރެއް ނެތި، މަރުވާ ރަށުން އެހެންތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވާކަމަށާއި، އުޒުރެއްގެ ގޮތުގައި ހާމަކޮށްފައިވާ ސަބަބަކީ ޝަރުޢީ ޢުޒުރެއްކަމުގައި ނުވުމާއި، މައްޔިތާ ވަޅުލުން އަވަސްކުރުމާ ފުށުއަރާ ކަމަކަށް އެކަން ވުމާއި، ސްރީލަންކާގެ ބިމުގައި ތަނަވަސްކަން އޮވެމެ ދިވެހިރާއްޖެ ފަދަ އާބާދީގެ ނިސްބަތުން ބިން ދަތި، އަދި ރާއްޖޭގެ ރައްޔިތުންގެ ޖަނާޒާއަށް ވެސް ބިމުގެ ދަތިކަން މިހާރުވެސް އޮތުމާއި، މިކަން އެދިފައި ވާކަމަށް ވަނީ ސްރީލަންކާގެ ސަރުކާރުން ކަމަށް ވީހިނދު، ލަންކާގެ ޢިލްމުވެރިންގެ ބަހެއް އޮތްތޯއާއި، އަދި އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ލަންކާ މުސްލިމުން އިންކާރުކޮށްފައި ވާކަން ފެންނަން ނެތުމާއި، އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ބިންދަތި ތާކަށް މައްޔިތާ ނަޤުލްކުރުމުގެ ބަދަލުގައި ދިވެހީން ލަންކާއަށް ފޮނުވައިދީގެން އެކަން ހަމަޖެއްސުމުގައި ޚަރަދު ކުޑަވުމާއި، ދިމާވެދާނެ އެތައް މައްސަލައެއް ނުނިކުންނަ ފަދަ ގޮތަށް ހަމަޖެއްސުމުގެ ޤާބިލުކަން ދިވެހި ސަރުކާރަށް އޮތުމަކީ، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނައުމުގައި ޝަރުޢީ މަސްލަޙަތު ނެތް ސަބަބުތައްކަން ޝައިޚް ޢަބްދުﷲ ފާހަގަކުރަށްވާފައި ވޭމެއެވެ.

ދީނީ ޢިލްމުވެރިންގެ އިތުރުން ސިޔާސީ ލީޑަރުންވެސް ވަނީ މި މައްސަލާގައި ޚިޔާލުތަފާތުވެވަޑައިގެންފައެވެ. ޚާރިޖީ ވުޒާރާގެ ބަޔާނާއެކު، އެކަމަށް ތާޢިދު ނުކުރެއްވޭނެކަމަށް ކޯލިޝަން ލީޑަރު ރައީސް މައުމޫނު އިއްޔެ ފާޅުގައި ވިދާޅުވެފައި ވީނަމަވެސް، ސްރީލަންކާގައި ކޮވިޑް-19 ބަލީގައި މަރުވާ މުސްލިމުންގެ ޖަނާޖާގެ ކަންތައްތައް އިސްލާމް ދީނުގައި އޮތްގޮތަށް ކުރުމަށް ފުރުޞަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ، ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތްކަމެއް ރައްކާތެރިކަމާއެކު އަދި ދީނުގައި ވާގޮތަށް ކޮށްދެއްވުމަކީ އެދެވިގެންވާ ކަމެއްކަމަށް، ޖުމްހޫރީ ޕާރޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *